ކަޝްމީރުގެ މައްސަލަ

ކަޝްމީރުގެ ހާލަތު ގޯހުން ގޯހަށް

އިންޑިއާގެ މުސްލިމް މެޖޯރިޓީ އޮންނަ ކަޝްމީރު ސްޓޭޓަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލުމަށް އެގައުމުގެ ސަރުކާރުން ނިންމުމުގެ ސަބަބުން ހިނގަމުންދާ ހަމަނުޖެހުންތައް ކޮންޓޮރޯލް ވާ ގޮތެއް އަދިވެސް ނުވި އެވެ.

ކަޝްމީރުގައި ހަމަނުޖެހުން ހިނަމުންދާ ކަމަށް ބުނެ އިންޑިއާ ސަރުކާރުން ވަނީ ކަޝްމީރުގައި ތިބި ޓޫރިސްޓުން، ކަޝްމީރު ދޫކޮށް ދިޔުމަށް އަންގާފަ އެވެ. އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދުގެ ނިންމުމާ ދެކޮޅަށް ހިންގާ ހަރަކާތްތަށް ހުއްޓުވުމަށް އިންޑިއާ ސިފައިންގެ 10،000 މީހުން ވަނީ ހުރިހާ ގާނޫނީ ބާރުތަކެއް ލިބިދޭ ގޮތަށް ކަޝްމީރަށް ފޮނުވާފަ އެވެ. މި ބާރުގެ ދަށުން އިންޑިއާ ސިފައިން ވަނީ ކަޝްމީރުގެ މުސްލިމް ސިޔާސީ ލީޑަރުން ސިއްރު ތަނެއްގައި އަދި ބަންދު ކޮށްފަ އެވެ.

ހަމަނުޖެހުންތައް ކޮންޓޮރޯލް ކުރަން ކަމަަށް ބުނެ، އިންޑިއާ ސިފައިން ވަނީ، ކަޝްމީރުގެ ވިޔަފާރިތައް ވެސް ބަންދު ކުރުވާފަ އެވެ. ގަދަ ބާރުން އިންޑިއާ ސިފައިން މުސްލިމުންގެ ވިޔަފާރިތައް ހުއްޓުވައިގެން އުޅޭތާ މިއީ ތިން ވަނަ ދުވަހު އެވެ. މިކަމުގެ ސަބަބުން ގިނަ ވިޔަފާރިވެރިން ވަނީ އެމީހުންގެ މުވައްޒިފުން ވަޒީފާއިން ވަކިކޮށްފަ އެވެ.

އިންޑިއާ ސަރުކާރުގެ ނިންމުމާ ދެކޮޅަށް ހަރަކާތްތެރިވާ މީހުނަށް އަމާޒުކޮށްގެން ސިފައިން ގެންދަނީ އެކިއެކި އަނިޔާތައް ކުރަމުންނެވެ. އެގޮތުން ހަމަނުޖެހުންތައް ކޮންޓޮރޯލް ކުރަން ކަމަށް ބުނެ އިންޑިއާ ސިފައިން ދަނީ އާންމުންނަށް ހަމަލާތައް ދެމުންނެވެ. މީގެ އިތުރުންވެސް ބަލިމީހުން ހޮސްޕިޓަލަށް ގެންދާއިރު ސެކިއުރެޓީ ކްލެއަރެންސް ވެސް ހަދަން ޖެހެ އެވެ.

މައި ސަރުކާރުން ކަޝްމީރަށް ފޮނުވި ސިފައިން ދަނީ ލިބިދީފައިވާ ހާއްސަ ގާނޫނީ ބާރުގެ ދަށުން ކަޝްމީރުން ބޭރަށް ދާން ހުންނަ ހުރިހާ މަގުތަކެއްގައި ކަރަންޓު ދުންތުރަ ޖަހައި ފޯރި މަރަން ފަށައިފަ އެވެ. ކަޝްމީރުން ބޭރުވާން އޮންނަ މަގުތައް ވަރުގަދަ ކޮށް ބަލަހައްޓަމުން ދިޔަ ނަމަވެސް، ވިޔަފާރިތައް ބަންދު ކުރުމާ ގުޅިގެން ވަޒީފާ ގެއްލުނު 100 ވަރަކަށް މީހުން ވަނީ ކަޝްމީރު ދޫކޮށް އެހެން ހިސާބުތަކަށް ވަޒީފާ ހޯދަން ގޮސްފަ އެވެ.

ކަޝްމީރުގައި ދިރިއުޅޭ މީހުންގެ އިންސާނީ ހައްގުތަކަށް އިންޑިއާ ސަރުކާރުން އަރައިގަންނަމުން ދާކަމަށް ބޮޑެތި ގައުމުތަކުންނާއި ޖަމިއްޔާތަކުން ބުނި ނަމަވެސް އިންޑިއާ ސަރުކާރުން ވަނީ އެކަން ދޮގުކޮށްފަ އެވެ.

އިންޑިއާގެ ގާނޫނު އަސާސީގެ 370 ވަނަ މާއްދާގެ ދަށުން ޖަންމު އަދި ކަޝްމީރަށް ދީފައިވާ އިމްތިޔާޒުތަކުގެ ތެރޭގައި، އެހެން ސްޓޭޓްތަކުގެ މީހުނަށް ކަޝްމީރުން ބިން ނުގަނެވުމާއި، ކަޝްމީރު ސްޓޭޓުގެ ސަރުކާރުން އިއުލާންކުރާ ވަޒީފާ އަދި ސްކޯލާޝިޕްތައް އެހެން ސްޓޭޓްތަކުގެ މީހުންނަށް ނުލިބެނޭ އެވެ. އަދި އެހެން ސްޓޭޓުތަކުގެ މީހުނަށް ކަޝްމީރުގެ ރަށްވެހިކަން ވެސް ނުލިބޭނެ އެވެ.

ގާނޫނު ހަދާ މަޖިލީހުން ކަޝްމީރަށް ހާއްސަ އިމްތިޔާޒުތަކެއް ލިބިދޭ މާއްދާ އުވާލުމުން، އިންޑިއާގެ ގިނަ ބަޔަކު ދަނީ އުފާ ފާޅު ކުރަމުންނެވެ. ހާއްސަކޮށް ހިންދޫން ދަނީ އުފާ ފާޅު ކުރަމުންނެވެ. ކަޝްމީރުން ގަތުމަށް މިހާރުވެސް 10.000 ވުރެ ގިނަ މީހުން ވަނީ އެދިފަ އެވެ. މީގެ އިތުރުން ކަޝްމީރުގެ ޔުނިވާސިޓީތަކުގެ ސްކާލާޝިޕްތަކަށާއި ވަޒީފާތަކަށް އެހެން ސްޓޭޓްތަކުގެ މީހުން ވަނީ އެދެން ފަށާފަ އެވެ.

މުސްލިމް މެޖޯރިޓީ އޮންނަ ކަޝްމީރު ސްޓޭޓަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލުމަށް އިންޑިއާ ސަރުކާރުން ނިންމުމާ ގުޅިގެން އެ ސަރަހައްދުގައި އުފެދިފައި އޮތް ބިރުވެރި ހާލަތާމެދު މުސްލިމު ގައުމުތަކުގެ ޖަމިއްޔާ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ. އެ ޖަމިއްޔާގެ ސެކެރެޓަރީ ޖެނެރަލް ޑރ. ޔޫސުފް ބިން އަހުމަދު އަލް-އޮތައިމީން ވިދާޅުވީ އޯއައިސީ އޮތީ ޖަންމު އަދި ކަޝްމީރު ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ފަހަތުގައި ކަމަށެވެ.

މީގެ އިތުރުން އިންޑިއާގެ ގިނަ ރަހުމަތްތެރި ގައުމުތަކުން ވަނީ އިންޑިއާގެ ނިންމުމަށް ފާޑު ކިޔާ، ނިންމުން ބަދަލުކުރުމަށް ގޮވާލާފަ އެވެ. އެ ގައުމުތަކުން ގަބޫލުކުރާ ގޮތުގައި ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތަށް އުވާލައިފިނަމަ ކަޝްމީރުގައި ޓެރަރިޒަމްގެ ހަމަލާތަށް އިތުރުވެގެންދާނެ ކަމަށެވެ.