ޓީޗަރުންގެ މުސާރަ ބޮޑުކުރުމަށްޓަކައި މުސާރައިގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ މައުލޫމާތުތައް ހިއްސާކުރުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިން ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ ޓީޗަރުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެނައުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ.
އެހެންވުމާއެކު ޓީޗަރުންގެ މުސާރައަށް ހެޔޮ ބަދަލުތައް ގެނައުމަށް މުސާރައިގެ އޮނިގަނޑަށް މިހާރު ވެސް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް ގެނެސްފައިވާ ބަދަލުތަކެއް މިނިސްޓަރު ހާމައެއް ނުކުރައްވަ އެވެ. ވިދާޅުވީ ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި އެ ބަދަލުތައް މިނިސްޓްރީން އިއުލާން ކުރާނެ ކަމަށެވެ.
"ރައީސް އޮފީހާއި މިނިސްޓްރީއާއި ގުޅިގެން އޮނިގަނޑުތަކަށް ބަދަލު ގެނެސްފިން. އެއީ މުދައްރިސުންގެ މުސާރަ ބޮޑުކުރުމަށްޓަކައި. އަދި ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި އަޅުގަނޑުމެން މި ކަން އިއުލާން ކުރާނަން." މިނިސްޓަރު އައިޝަތު ވިދާޅުވި އެވެ.
އޭގެ އިތުރުން ޓީޗަރުންގެ އޯވާ ޓައިމްގެ އުސޫލުތަކަށް ވެސް ހެޔޮ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އިތުރު އިނާޔަތްތަކެއް ވެސް ޓީޗަރުންނަށް ހަމަޖައްސައިދިނުމަށް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޓީޗަރުންގެ ވަޒީފާއަށް ޝައުގުވެރިވާ ކުދިންގެ ނިސްބަތް އަހަރުން އަހަރަށް މަދުވަމުންދާ ކަމުގެ ކަންބޮޑުވުން ފާޅު ކުރައްވަމުން މިނިސްޓަރު ވިދާޅުވީ ޓީޗަރުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެންނަން ޖެހޭ އިތުރު ސަބަބަކީ ވެސް އެ ދާއިރާއަށް ޝައުގުވެރިވާ ޒުވާނުންތަކެއް އުފެއްދުން ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ކުރިއަށް އޮތް އަހަރު ތަކުގައި ދިވެހި މުދައްރިސުން ބިނާކޮށް ތަމްރީން ކުރުމަށް ޕްރޮގްރާމްތަކެއް ހިންގަން ރާވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ، މިހާރު އޮންނަ ބްލޮކް މޯޑަށް ޓީޗަރުން ތަމްރީން ކުރުމުން ރަނގަޅު ޓީޗަރުން ބިނާ ނުވާ ކަމަށާއި އެ ކަމަށް މަދުވެގެން ތިން އަހަރު ބޭނުންވާ ކަމަށެވެ.
"މި ބްލޮކް މޯޑަށް ހިންގައިގެން ސެމިސްޓާއެއްގެ އެއް ފަހަރު ލެކްޗަރާއަކާ އެކު ބައްދަލު ކޮށްގެން އެ ކިޔަވައިދޭ ކިޔަވައިދިނުމަކުން ހަގީގަތުގައި ރަނގަޅު ޓީޗަރެއް ބިނައެއް ނުކުރެވޭ. އެހެންވެ އަޅުގަނޑުމެން ޕްލޭންގައި އޮތީ ފޭސް ޓު ފޭސްކޮށް އެ ޓީޗަރުންނަށް ތަމްރީން ދީ ކްލާހަށް ވެއްދުން." މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގައި ކިޔަވައިދެމުންދާ ހުރިހާ ސްކޫލްތަކަށް ބަލާއިރު ޕްރައިމަރީ ގްރޭޑްތަކުގައި ކިޔަވައިދޭން ޖުމުލަ 634 ވަގުތީ ޓީޗަރުން އެބަ ތިއްބެވެ. ޕްރައިމަރީ ގްރޭޑްތަކަކީ ދަރިވަރުންގެ ކިޔެވުން ފެށޭ މަރުހަލާކަމަށްވާތީ އެ ގްރޭޑްތަކުގައި ވީހާ ވެސް ގިނައިން ތަމްރީންވެފައި ތިބި ޓީޗަރުން ތިބުމަކީ ސަރުކާރުގެ ވިސްނުން ކަމަށް މިނިސްޓަރު ހާމަކުރެއްވި އެވެ.