މިނިސްޓްރީ އޮފް އެޑިއުކޭޝަން

މަންހަޖު އިސްލާހު ކުރުމުގެ މަސައްކަތް ފަށަނީ

ސްކޫލްތަކުގެ ދަރިވަރުންނަށް ކިޔަވައިދޭ މަންހަޖު އިސްލާހު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކުރުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު އަހްމަދު ވިދާޅުވީ ސަރުކާރުން ބޭއްވި ކަރިކިއުލަމް ސިމްޕޯސިއަމްގައި މަންހަޖުގައި ހުރި ބައެއް މައްސަލަތަކާއި މަންހަޖު ތަންފީޒު ކުރުމުގައި ބައެއް ގޮންޖެހުންތައް ފާހަގަކުރެވުނު ކަމަށެވެ.

އެހެން ކަމުން ފިޔަވަހިތަކަކަށް ބަހާލައިގެން މަންހަޖު އިސްލާހު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށާއި ކޮންސަލްޓެންޓެއްގެ ގޮތުގައި އެ މަސައްކަތް ކުރުމަށް މި މަހުގެ 18 ވަނަ ދުވަހު ދުވަހު ކޭމްބްރިޖް އެސަސްމަންޓް އިންޓަނޭޝަނަލް އެޑިއުކޭޝަންގެ ޓީމެއް ރާއްޖެ އަންނާނެ ކަމަށް ރަޝީދު ވިދާޅުވި އެވެ. އެ ޓީމުން ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) ގެ ކައިރިކިއުލަމް ޑެވެލޮޕާސްއަށް އެއް ހަފްތާގެ ތަމްރީނެއް ވެސް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަޝީދު ވިދާޅުވީ ފުރަތަމަ ފިޔަވަހީގައި އިސްލާހު ކުރުމުގެ މަސައްކަތް ކުރާނީ ކީ ސްޓޭޖް ގްރޭޑްތައް ކަމަށްވާ ގްރޭޑް 1، ގްރޭޑް 2، އަދި ގްރޭޑް 3 ގެ މާއްދާތަކުގެ މަންހަޖު ކަމަށެވެ. ރަޝީދު ފާހަގަކުރެއްވި ގޮތުގައި އިސްލާހުތަކާއެކު އާ މަންހަޖުގެ ފޮތްތައް ކީ ގްރޭޑް ސްޓޭޖްގެ ކުދިންނަށް ބޭނުން ކުރެވެން ފެށޭނީ 2021 ގަ އެވެ.

"ކޮންސަލްޓެންޓުން ރާއްޖޭގެ ސްކޫލްތަކަށް ޒިޔާރަތްކޮށް، ފިލާވަޅުތައް ބަލައި، ޓީޗަރުންނާއި ސްޓޭކް ހޯލްޑަރުންނާ ވާހަކަ ދައްކަވައި މިހާރު ހުރީ ކޮން މައްސަލަތަކެއްތޯ ބަލައި ދިރާސާ ރިޕޯޓެއް އޮކްޓޯބަރު މަސް ނިމެންވާއިރަށް އެންއައިއީއަށް ހުށަހަޅުއްވާނެ. ހުށަހެޅުއްވުމުން އެންއައިއީން މަންހަޖު ދިރާސާކޮށް އިސްލާހުކުރުމުގެ މަސައްކަތް ފަށާނީ، 2021 ގެ އަހަރުގެ ނިޔަލަށް ބޭނުން ކުރެވެން ފެށޭނީ،" ރަޝީދު ތަފުސީލު ކޮށްދެއްވި އެވެ.

ރަޝީދު އިތުރަށް ވިދާޅުވީ ކުރީގެ ސަރުކާރުން މަންހަޖަށް ގެނައި ބަދަލުތަކަށް ޓީޗަރުން އަހުލުވެރި ކުރުމަށް ދޭން ޖެހޭ ތަމްރީންތައް ދީފައި ނުވާ ކަމަށެވެ. އެހެންކަމުން ޓީޗަރުންނަށް ތަމްރީން ދިނުމަށް އިތުރު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި އޮންލައިން ޕްލެޓްފޯމް، ކެންވަސް މެދުވެރިކޮށް ވެސް ބައެއް ޓީޗަރުންނަށް މިހާރު ތަމްރީނު ދެމުންދާ ކަމަސް ވިދާޅުވި އެވެ.

"މާލޭގެ ކީ ސްޓޭޖް 1، 2، 3، ގެ ހުރިހާ ގުރްއާން ޓީޗަރުންނަށް މިހާރު މި ވަނީ ތަމްރީން ދެވިފައި. އަންނަ ހަފުތާގެ އިސްލާމް ޓީޗަރުންނަށް ދެވޭނެ. އަތޮޅުތެރޭގެ ރަށްތަކުގައި ޓީމުތައް ފޮނުވައިގެން އެބަ ބަލަން އެކަން ކުރެވޭތޯ، އެ ގޮތުން މިހާރު ވެސް ރ. އަތޮޅާއި ތ. އަތޮޅުގައި ތަމްރީންތަކެއް ދިނުމަށް ޓީމުތައް ގޮސްފައިވޭ،" ރަޝީދު ވިދާޅުވި އެވެ.