މިނިސްޓްރީ އޮފް އެޑިއުކޭޝަން

ނާސްތާ ޕްރޮގްރާމުން ވާ އިސްރާފު މަދު ކުރާނަން: މިނިސްޓަރު

ނާސްތާ ޕްރޮގްރާމަށް ގެންދާ ކާބޯތަކެއްޗާއި ސާމާނުތައް އިސްރާފުވާާ މައްސަލައަކީ އެޑިއުކޭޝަން މިނިސްޓްރީއަށް ވެސް ފާހަގަކުރެވިފައިވާ މައްސަލައެއް ކަމަށާއި އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ ސްކޫލްތަކުގައި ފެށި ނާސްތާ ޕްރޮގްރާމް ވަރަށް ކާމިޔާބު ކަމަށާއި އެ ޕްރޮގްރާމްގެ ސަބަބުން ދަރިވަރުންގެ ނަތީޖާއާއި، ސިއްހީ ހާލަތުގެ އިތުރުން ހާޒިރީއަށް ވެސް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.

ނަމަވެސް ނާސްތާ ޕްރޮގްރާމަށް ސްކޫލްތަކަށް ގެންދާ ކާބޯތަކެތި އަދި އެ ތަކެތި ފޯރުކޮށްދިނުމަށް ބޭނުން ކުރާ ސާމާނުތައް އިސްރާފުވާ މައްސަލަ މިނިސްޓްރީއަށް ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިސްރާފު މަދުކުރުމުގެ ގޮތުން މިނިސްޓްރީން މިހާތަނަށް ވެސް ބައެއް ފިޔަވަޅުތައް އަޅާފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެ ގޮތުން އެޅި އެއް ފިޔަވަޅަކީ އެއް ފަހަރު ބޭނުން ކޮށްފައި އުކާލާ ކަރުދާސް ތަށިތައް މިހާރު ބޭނުން ކުރުން ގިނަ ސްކޫލްތަކުގައި ހުއްޓާލާފައިވާ ކަމަށެވެ.

"ކުރިން އަޅުގަނޑުމެން މި ދެނީ ކަރުދާސް ތަށްޓެއް، އެހެންވީމަ އެ ތަށި މި ޖެހެނީ އެއްލާލަން، އޭގެ ބަދަލުގައި ދަރިވަރުން އަމިއްލައަށް އިންޓަވަލް ތަށްޓެއް ގެނައިމަ އެއަށް ކާ ތަކެތި އަޅާފައި ދޭ ގޮތަށް އެބަ ހަމަޖައްސަން،" މިނިސްޓަރު ވިދާޅުވި އެވެ.

އިސްރާފުވާ އެހެން ކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ ކުދިންނަށް ދޭ ފުލް ކްރީމް މިލްކް ބައެއް ކުދިންނަށް މީރުނުވުމުން އުކާލަން ޖެހުމެވެ. ނަމަވެސް ގަވާއިދުން އެ ބާވަތް ދިނުމަށް ކުދިން އަހުލުވެރި ކުރެވުމުން މިހާރު ގިނަ ކުދިންނަށް އެ ބާވަތް މީރުވާން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުލް ކްރީމް މިލްކްގައި ފޮނި ރަހަ ނުލާތީ ބައެއް ކުދިން އެ ނުބޮނީ. އެކަމަކު އަޅުގަނޑުމެން ފުލް ކްރީމް މިލްކް ކުދިންނަށް މި ދެނީ އެއީ ހަށިގަނޑަށް ރަނގަޅު ބާވަތަކަށްވަތީވެ، މިހާރު އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ކުރިން ކިރު ނުބޯ ކުދިން ވެސް މިހާރު އެ ކިރު ބޯން ފަށައިފި،" މިނިސްޓަރު ވިދާޅުވި އެވެ.

ނާސްތާ ޕްރޮގްރާމް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް މިހާރު ހިންގާވަރަށްވުރެ ހަރަދު ކުޑަކޮށް އެ ޕްރޮގްރާމް ހިންގާނެ ގޮތްތަކެއް ވެސް ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ ގޮތުން ރަށްރަށުގައި ނާސްތާ ދިނުމަށް މާލޭން ކާބޯތަކެތި ގެންދިއުމުގެ ބަދަލުގައި ރަށްރަށުގެ ސްކޫލްތަކުގެ ތެރޭގައި މޭވާ ފަދަ ބާވަތްތައް ހެދުމުގެ ވިސްނުން އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެގްރިކަލްޗާ މިނިސްޓްރީއާ މިހާރު ވާހަކަ ދައްކައިފިން ސްކޫލްތަކުގައި ދޮންކެޔޮ ކަހަލަ ތަކެތި، އެ ގޮތަށް ވެއްޖެނަމަ ހަރަދު ކުޑަކުރެވިދާނެ، އަދި މާލެއިން އެއްޗެހިން ގެންދިއުމުގެ ބަދަލުގައި ރަށުގައި އެ ތަކެތި ހެއްދިއްޖެނަމަ އަގު ކުޑަކުރެވިދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.