ދުނިޔެ

މުއްލާ އުމަރަކީ ބިލާހެއްތަ؟

Jul 31, 2015

އަފްޣާނިސްތާނުގެ ތާލިބާން ހަނގުރާމަވެރިންގެ ވެރިޔާ މުއްލާ އުމަރު މަރުވެއްޖެ ކަމަށް އަފްޣާނިސްތާނުގެ ސަރުކާރުން އެ ވަނީ ބުނެފަ އެވެ. ސަރުކާރުގެ އޮފިޝަލުން ވިދާޅުވާ ގޮތުން މުއްލާ އުމަރު މަރުވެފައި ވަނީ 2013 ވަނަ އަހަރުގެ އެޕްރީލް މަހު އެވެ.

މިއީ އެއް އިރެއްގައި އަފްޣާނިސްތާނުގައި ބާރުގަދަކޮށްލައިގެން އުޅުނު ހަނގުރާމަވެރި ލީޑަރުގެ އެންމެ ފަހުގެ ޚަބަރެވެ. އެކަމަކު ފާހަގަކޮށްލަން ޖެހެނީ މުއްލާ އުމަރެއްގެ މަރުގެ ޚަބަރު މި އައީ އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި އޭނާ ވެސް އާންމުންގެ ތެރެއަށް ނުނިކުންނަތާ 14 އަހަރު ފަހުން ކަމެވެ.

އެމެރިކާގެ ފައުޖުތައް އަފްޣާނިސްތާނަށް އަރައި މީގެ 14 އަހަރު ކުރިން ތާލިބާނުންގެ ވެރިކަން ވައްޓާލި ގޮތަށް މިއަދާ ހަމަ އަށް މުއްލާ އުމަރުގެ ޚަބަރެއް ނުވެ އެވެ. އޭނާގެ ސިޓީއެއް ނުވަތަ ވީޑިއޯ މެސެޖެއް ވެސް ނުކުމެފައެއް ނުވެ އެވެ.

އަނެއް ހަގީގަތަކީ، މުއްލާ އުމަރަށްވީ ގޮތް ކިޔައިދޭން ތާލިބާނުންގެ ގިނަ ހަނގުރާމަވެރިންނަށް ވެސް ނޭނގޭ ކަމެވެ. ވަކިން ހާއްސަކޮށް މި ޖަމާއަތުގެ ޒުވާން ހަރުކަށި ހަނގުރާމަވެރިންގެ ޝައުގުވެރިކަމެއް ވެސް މުއްލާ އުމަރަކަށް ނެތެވެ. ބައެއް މެމްބަރުން ރުޅިއަރައިގަނެގެން އުޅެނީ މުއްލާ އުމަރަށްވީ ގޮތް ކިޔައިދޭން އޭނާގެ ނައިބު އަހްތަރު މުހައްމަދު މަންސޫރަށް ވެސް ނޭނގޭތީ އެވެ. 

އެހެންވީމަ މުއްލާ އުމަރު ހަމަ އަސްލަށް ވެސް މަރުވީ ހެއްޔެވެ؟ ނުވަތަ މުއްލާ އުމަރަކީ ބިލާހެއް ތޯ އެވެ؟

ތާލިބާން ހަނގުރާމަވެރިން ބުނަނީ މުއްލާ އުމަރަކީ ހަގީގަތެއް ކަމަށެވެ. މި ވާހަކައެއް ފަށާއިރު ޓެރަރިޒަމްގެ މައިދާނުގައި ތާލިބާނުންނާ ތިމާގެ ޖަމާއަތެއްގެ ގޮތުގައި އޮތް އަލް ގައިދާގެ ލީޑަރު އުސާމާ ބިން ލާދިން އަކީ ވެސް "ފޭކެއް" ކަމަށް ގަބޫލުކުރާ އެތައް ބަޔަކު ދުނިޔޭގައި ތިބިކަން ފާހަގަކޮށްލަން ޖެހެ އެވެ.

އެމެރިކާ ސިފައިންގެ ހާއްސަ ހަރަކާތެއްގައި ބިން ލާދިން މަރާލައި ކަނޑު ފައްތާލި ކަމަށް ބުނުމުން އެ ވާހަކަ ވެސް ގަބޫލުނުކުރާ އެތައް ބަޔަކު އެބައުޅެ އެވެ. އަދި ބިން ލާދިން މަރާލި ކަމަށް ބުނެ އެމެރިކާ އިން ފެތުރި ވާހަކައިގައި ފޮރުވިފައިވާ ދޮގުތަކެއް ހުރިކަން ފަޅާއެރި ހިސާބުން، ބިން ލާދިން މަރުނުވާ ކަމަށް ބުނާ ބަޔަކު ވެސް އެބައުޅެ އެވެ.

އެހެންވީމަ މުއްލާ އުމަރުގެ ވާހަކަ ވެސް ހަމަ އޮތީ ގާތްގަނޑަކަށް މިހެންނެވެ. ތާލިބާނުން ބުނަނީ އެމީހުންގެ ލީޑަރު މަރުނުވާ ކަމަށެވެ. އެކަން ސާބިތުކުރުމަށް ތާލިބާނުން މި އަހަރުގެ އެޕްރީލް މަހު އެމީހުންގެ ލީޑަރުގެ ބަޔޯގްރަފީއެއް ވެސް އޮންލައިންކޮށް ޝާއިއުކޮށްފައިވެ އެވެ.

ނަމަވެސް މުއްލާ އުމަރުގެ ފޮޓޯގަނޑެއް ނުވަތަ ވީޑިއޯއެއް އާންމުކޮށްފައި ނުވުމަކީ އެމީހުން ދައްކާ ވާހަކަ މި ޒަމާނުގައި ގަބޫލުކުރަން އުނދަގޫވާ ކަމެކެވެ.

މާ ކުރިއަކުން މުއްލާ އުމަރުގެ ދެ ފޮޓޯގަނޑެއް ވަރު އާންމުވެފައިވިޔަސް މި ދެ ފޮޓޯ އިން ވެސް ފެންނަނީ "އަސްލު" މުއްލާ އުމަރު ކަމެއް ނޭނގެ އެވެ. އެކަން ސާބިތުކޮށްދެވޭ ވަރުގެ މީހަކު ވެސް އަދި ތަޖުރިބާކާރަކު ވެސް ނެތެވެ.

ކޮންމެއަކަސް ތާލިބާނުން އާންމުކޮށްފައިވާ މުއްލާ އުމަރުގެ ބަޔޮގްރަފީގެ ގަނޑުތައް އުކާލާއިރު އޭނާ ވަރެއް ނެތެވެ. އޭގައި ބުނެފައިވާ ގޮތުން މުއްލާ މުހައްމަދު އުމަރުގެ އުފަން އަހަރަކީ 1960 އެވެ. އެހެން ކަމުގައިވާ ނަމަ މިހާރު އޭނާ ދުނިޔޭގައި ހުރެއްޖެ ނަމަ ވާނީ 55 އަހަރެވެ. މަރުވި ކަމަށް ބުނާ ރިޕޯޓަކީ ހަގީގަތެއް ނަމަ މުއްލާ އުމަރު މަރުވެފައި ވަނީ 53 ވަނަ އަހަރުގަ އެވެ.

ތާލިބާނުންގެ ލިޔުމުގައި ބުނެފައިވާ ގޮތުން މުއްލާގެ އުފަން ރަށަކީ އަފްޣާނިސްތާނުގެ ކަންދަހާރުގެ ޗާހް އީ ހިއްމަތު ނަމަކަށް ކިޔާ ކުޑަ އަވަށެކެވެ. މުއްލާ އުމަރުގެ ބައްޕަ ވަނީ އޭނާ އަށް ފަސް އަހަރުގައި މަރުވެފަ އެވެ.

ބޮޑުބޭބެ ހިންގި މަދަރުސާއަކުން އިސްލާމީ ތައުލީމު ހާސިލުކުރަމުން ދަނިކޮށް އެކަމަށް ހުރަސް އެޅުނީ ސޯވިއެޓް ޔޫނިއަންގެ ސިފައިން 1979 ވަނަ އަހަރު އަފްޣާނިސްތާނަށް އެރުމުންނެވެ. އެހިސާބުން ފަތްފޮތްތައް އެއްލާލުމަށް ފަހު މުއްލާ އުމަރު ގޮސް ނެގީ ހަތިޔާރެވެ. މުޖާހިދެއްގެ ގޮތުގައި ގުޅުނީ އަފްޣާނިސްތާނުގެ ސިފައިންނާ އެވެ.

ރަޝިއާ ސިފައިންގެ ހަމަލާތަކުގައި މުއްލާ އުމަރު އެކި ފަހަރުމަތިން ޒަޚަމްވެފައިވެ އެވެ. އޭނާގެ އެއް ލޯ ހަލާކުވެ އަނދިރިވެފައި ވަނީ ވެސް ސޯވިއެޓް ސިފައިންގެ ހަމަލާއެއްގައި ކަމަށް ބުނެވެ އެވެ.

ތާލިބާނުން މުއްލާ އުމަރާ ބެހޭ ގޮތުން ޝާއިއުކޮށްފައިވާ ބަޔޮގްރަފީގައި އޭނާ ސިފަކޮށްފައި ވަނީ ނިކަން ވަރުގަދަ ހީރޯއެއްގެ ގޮތުގަ އެވެ. އެގޮތުން އެހެން ހަނގުރާމަވެރިޔަކާ ގުޅިގެން ދިން އެއް ހަމަލާއެއްގައި ސޯވިއެޓް ސިފައިންގެ އެތައް ބަޔަކު މަރާލައި ހަތަރު ޓޭންކަރު ވެސް ގޮއްވާލި ކަމަށް ބުނެފައިވެ އެވެ.

އެ ހަމަލާގައި މުއްލާ އުމަރު ބޭނުންކޮށްފައި ވަނީ ހަތަރު އާރުޕީޖީ އެކަންޏެވެ. މިއީ އެއްގޮތަކަށް ވެސް ހޮލީވުޑްގެ ލެޖެންޑް ޗަކް ނޮރިސްގެ އާދަޔާހިލާފު ސްޓަންޓެއް ނޫނެވެ.

ތާލިބާނުން އަދި އަލްގައިދާއާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކަށް ބަލާއިރު އެންމެ މަޝްހޫރު އެއް ވާހަކަ އަކީ އެމެރިކާ އިން މި ހަނގުރާމަވެރިންނަށް ފަންޑްކުރި ވާހަކަ އެވެ. ނަމަވެސް ސޯވިއެޓް ސިފައިންނާ ދެކޮޅަށް ހަތިޔާރު ނަގައިގެން އުޅުނު ދުވަސްވަރު އެމެރިކާ އިން އެހީ ފޯރުކޮށް ދިން ކަމަށް ބުނާ ވާހަކަ ތާލިބާނުން އެމީހުންގެ ލީޑަރުގެ ބަޔޮގްރަފީގެ އެއްވެސް ހިސާބެއްގައި ގެނެސްދީފައެއް ނުވެ އެވެ.

ނަމަވެސް ހަގީގަތަކީ މުއްލާ އުމަރު މުއްލާ އުމަރަކަށް ވުމުގައި ވެސް އެމެރިކާގެ ރޯލު ވަރަށް ބޮޑު ކަމެވެ. ސޯވިއެޓް ސިފައިން އަފްޣާނިސްތާނުން ފައްސައިލެވެން ދެން މުއްލާ އުމަރާއި އޭނާގެ ވަފާތެރިންނަށް އެހީތެރިވީ އެމެރިކާ އާއި ސައޫދީ އަރަބިއްޔާ އިންނެވެ.

އެންމެފަހުން މުއްލާ އުމަރު މަރުވެއްޖެ ކަމަށް ކަނޑައަޅާފައިވާއިރު ފާހަގަކޮށްލަން ޖެހެނީ މިފަހުން އޭނާގެ ލީޑަޝިޕްގައި ތާލިބާނުން ސުލްހައިގެ މަގު ހިޔާރުކޮށްފައިވާ ކަމެވެ. މިއީ ވެސް މިފަހުން ތާލިބާނުން އިތުރަށް ބައިބައިވެގެން ދިޔަ ސަބަބެކެވެ. ޒުވާން ޖީލުގެ ހަނގުރާމަވެރިންނަކީ ސުލްހަވާން ބޭނުންވާ ބައެއް ނޫނެވެ.

އަނެއްކޮޅުން އަފްގާނިސްތާނުގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ބާރުގަދަކުރަމުން އަންނައިރު ކުރިއަށް އޮތް ދެ ތިން އަހަރު ދުވަސް ތެރޭގައި ތާލިބާނުންގެ ބާރު އަފްޣާނިސްތާނުން ކެނޑިގެން ހިނގައިދާނެ ކަމަށް ބެލެވެ އެވެ. ސަބަބަކީ ތާލިބާނުންގެ ތެރޭގައި ތިބި މުއްލާ އުމަރަށް ސަޕޯޓްނުކުރާ ހަނގުރާމަވެރިން ވެސް އައިއެސްއާ ގުޅެމުންދާތީ އެވެ.

އަނެއްކޮޅުން މުއްލާ އުމަރު މަރުވެއްޖެ ކަމަށް ބުނާ ވާހަކަ އަކީ ހަގީގަތެއް ނަމަ، އޭނާއާ ނުލައި ކުރިއަށް ދާން ތާލިބާން ޖަމާއަތަށް ނޭނގޭނެތީ އެވެ. އުސާމާ ބިން ލާދިން މަރާލުމުން އަލްގައިދާ ވެސް އެމީހުންގެ ގޮތުގައި އޮވެ އަމިއްލަ އަށް ނެތި ދަނީ އެވެ.