ހަބަރު

ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރި ދެ ބިދޭސީއަކު ހައްޔަރުކޮށްފި

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރި ދެ ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 35 އަހަރުގެ ކޮސްޓަރިކާ އަންހެނަކާއި 42 އަހަރުގެ ސިންގަޕޫރު ފިރިހެނެއް ކަމަށެވެ.

ކޮސްޓަރިކާ މީހާއަކީ އިއްޔެ ހަވީރު 4:30 ހާއިރު ދޯހާއިން ރާއްޖެއަށް އައި ފްލައިޓަކުން އައި މީހެއް ކަމަށާއި އޭނާގެ ލަގެޖު ބަލާ ފާސް ކުރިއިރު މަސްތުވާތަކެތި ހުރި ބޮޑު ހަތަރު ރަބަރު ގަނޑާއި ކޮތަޅެއް ފެނިފައިވާ ކަމަށެވެ. އެތަކެތީގެ ބަރުދަނުގައި ދެ ކިލޯ ހުރި ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވިގެން ރޭ 10:30 ހާއިރު ހިންގި އޮޕަރޭޝަންގައި ހުޅުމާލެ ގެސްޓް ހައުސްއެއްގެ ތެރެއިން ސިންގަޕޫރު މީހާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.