އަހުމަދު ރިލްވާން

ރިލްވާން ވަގަށް ނެގި "ޓެރަރިސްޓް ގްރޫޕް" ހެއްކާއެކު ހޯދިއްޖެ: ސުއޫދު

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލުމުގައި އަޑީގައި ތިބި "ޓެރަރިސްޓް ގްރޫޕް" ހޯދިއްޖެ ކަމަށާއި އެ ފަރާތްތަކާ ދެކޮޅަށް ހެކި ވެސް ހޯދިފައިވާ ކަމަށް އެ މައްސަލަ ތަހުގީގު ކުރަމުންދާ ރިޔާސީ ކޮމިޝަންގެ ރައީސް އަދި ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް އުފެއްދެވި ކޮމިޝަންގެ ރައީސް ސޫއުދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިލްވާން ގެއްލުވާލުމުގެ ފަހަތުގައި ތިބި "ޓެރަރިސްޓް ގްރޫޕް" އާއި އެ ކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކެއް ދެނެގަނެވިފައިވާ ކަމަށެވެ. އަދި އެ ކަމުގައި އަޑީގައި ތިބީ އެ ގްރޫޕްކަން ދައުވާކޮށް ސާބިތު ކުރެވޭ މިންވަރަށް ހެކި ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ހިނގާ އޮގަސްޓް މަސް ނިމެންވާއިރު އެ ޓެރަރިސްޓް ގްރޫޕް ރައްޔިތުންނަށް ހާމަކުރުމަށް މަސައްކަތް ކުރާނަން،" ސުއޫދު ކުރެއްވި ޓްވީޓްގައިވެ އެވެ.

ނަމަވެސް ރިލްވާނަށް ވެގެން ދިޔަ ގޮތް އެއީ އަދިވެސް ސާފު ނުވާ ކަމެއް ކަމަށާއި އެ ކަމުގެ ތަހުގީގު މަރު ކޮމިޝަނުން ކުރިއަށް ގެންދާނެ ކަމަށް ސުއޫދު ވިދާޅުވި އެވެ. އަދި އެ ކޮމިޝަނުން ވައުދިވި ގޮތާ އެއް ގޮތަށް އެ މައްސަލައިގެ ހަގީގަތް ހޯދާނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.

ނޫސްވެރިޔާ ރިލްވާން ގެއްލުނީ އޮގަސްޓު 8، 2014 ގަ އެވެ. އޭނާ ގެއްލުނުތާ މިއަަދަށް ފަސް އަހަރުވީ އެވެ. ނަމަވެސް މިހާތަނަށް އޭނާއަށް ވީ ގޮތެއް ނޭނގޭއިރު، އެކަމުގެ ފަހަތުގައި ތިބި ބައެއް ވެސް ސާފެއް ނުވެ އެވެ. ރިލްވާނަށް އިންސާފު ހޯދައި ދިނުމަށް އެދި އޭނާގެ އާއިލާއިން ވަނީ މީގެ ކުރިން އެތައް ފަހަރެއް މަތިން އިހްތިޖާޖު ވެސް ކޮށްފަ އެވެ.