ރިޕޯޓް

ނަމުން ސިޓީ، އެކަމަކު ހާލަތުން މާޔޫސްކޮށްލާ!

މާލެ ފިޔަވައި އެންމެ ބޮޑު އާބާދީއެއް އޮންނަ ދެ ރަށަކީ އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީއެވެ. އައްޑޫ ސިޓީއަކަށް ބަދަލުވީ ގާނޫނުގައިވާ ގޮތުން 25،000 މީހުންގެ އާބާދީއަށް ވުރެ ގިނަވުމުންނެވެ. އެއީ 2010 ވަނަ އަހަރު އެވެ.

ނަމަވެސް 2015 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ވަނީ ސިޓީ އެއްގެ ދަރަޖަ ލިބޭ އަދަދު 10،000 މީހުންނަށް ދަށްކޮށްފަ އެވެ. އެއާއެކު ފުވައްމުލައް ވެސް ސިޓީ އެއްގޮތުގައި ކަނޑައެޅި އެވެ. އެއީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އަދި ލާމަރުކަޒީ ގާނޫނުގެ ދަށުން އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުގެ އިދާރާތައް އުވާލާ ސިޓީ ކައުންސިލް އިދާރާއެއް އުފެއްދި އެވެ.

ދެ ރަށް ވެސް ސިޓީ އަކަށް ބަދަލު ވުމުން ރައްޔިތުންގެ އުންމީދުތައް އާވެގެން ދިއަ އެވެ. އާބާދީ އިތުރުވަމުންދާ ވަރަކަށް އެއާ އެއްވަރަށް ހިދުމަތް ދެވޭނެ ކަމަށް ގިނަ ބަޔަކަށް ގަބޫލުކުރެވުނެވެ. ނަމަވެސް އޭރު ފެށި ގިނަ މަޝްރޫއުތައް މިއަދާ ހަމައަށް ނުނިމު ހުރުމަކީ ވެސް ސުވާލު އުފައްދަން ޖެހޭ ކަމެކެވެ.

ސިއްހީ ހާލަތު ކަންބޮޑުވާ ދަރަޖާގައި

"ކިތަންމެ ކުޑަ ކަމެއް ވިޔަސް ޑޮކްޓަރަށް ދައްކަން ދާން މި ޖެހެނީ މާލެ، މިހާ ބޮޑު އާބާދީއެއް އޮންނަ ރަށެއްގައި މިހެންވާން ނުޖެހޭ ނޫންތޯ؟." ފުވައްމުލަކު މީހަކު ބުންޏެވެ.

މިއީ އާބާދީގައި 14،000 އަށް ވުރެ ގިނަ މީހުން އުޅޭ ފުވައްމުލައް ރައްޔިތުންގެ ޝަކުވާ އެވެ. ރަށުގެ ހޮސްޕިޓަލުން ބޭނުންވާ ޓެސްޓުތައް ނެހެދުމާއި ޑޮކްޓަރުންގެ ދަތިކަމެއް ނެތުމުން ކިތަންމެ ކުޑަ ކަމެއް ވިއަސް މާލެ އަންނަން ޖެހެ އެވެ. ކޮންމެ ސަރުކާރެއް އަޔަސް ދައްކަނީ މި މައްސަލަތައް ހައްލުކުރާނެ ވާހަކަ އެވެ. ނަމަވެސް އެދެވޭ ނަތީޖާ އެއް ނުފެނެ އެވެ.

ސިޓީއެއްގެ ދަރަޖަ ލިބި ހަތަރު އަހަރު ނިމޭ އިރުވެސް ފުވައްމުލަކު ރީޖަނަލް ހޮސްޕިޓަލުން ބަލިމީހާ އަށް ހިދުމަތް ދޭން ބައެއް ފަހަރު ޑޮކްޓަރުން ނެތުމުން މާލެ އަންނަން ޖެހުމަކީ ކަންބޮޑުވާ ކަމެެކެވެ. އާބާދީގައި ގިނަ މީހުން އުޅޭ މި ރަށުގައި ސްޕެޝަލިސްޓް ޑޮކްޓަރުންގެ އަދަދު މަދެވެ.

ފުވައްމުލަކު ސިޓީ ކައުންސިލްގެ މެމްބަރު ހަމަދު އަބްދުﷲ ވިދާޅުވީ ފުވައްމުލަކުގެ ހޮސްޕިޓަލަކީ ދަރަޖަ ދޭއްގެ ހޮސްޕިޓަލެއް ކަމަށެވެ. ހޮސްޕިޓަލުގައި ސްޕެޝަލިސްޓް ޑޮކްޓަރުން ދާއިމީ ގޮތެއްގައި ނުތިބޭ ކަަމަށެވެ. މަހަކު އެއްފަހަރު ރަށެއްގެ ހޮސްޕިޓަލަކުން ޑޮކްޓަރެއް އައިސް ބަލި މީހުން ބަލުމަށް ފަހު އަނބުރާ ދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުން ބޭނުންވަނީ މިފަދަ އާބާދީ ބޮޑު ރަށެއްގައި މިއަށް ވުރެ ފުޅާ ދާއިރާއެއްގައި ހޮސްޕިޓަލުގެ ހިދުމަތް ދެވެން، ރައްޔިތުންގެ އުންމީދުތަކާ އެއްވަރަށް ހޮސްޕިޓަލުން ހިދުމަތްތަކެއް ނުދެވޭ،" ހަމަދު ވިދާޅުވި އެވެ.

އައްޑޫ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވި ގޮތުގައި އެ ސިޓީގެ އަށް އަވަށުގައި ވެސް ސިއްހީ މަރުކަޒު ގާއިމްކޮށްފައި ހުރެ އެވެ. އެ ތަންތަނުން ބައެއް އަސާސީ ހިދުމަތްތައް ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. އައްޑޫގެ މައި ހޮސްޕިޓަލަކީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލުގައި ހިދުމަތްތައް ދަށް ވާހަކަ އެ ރަށު މީހުން އަބަދުވެސް ދައްކައެވެ. ސޯބެ ވިދާޅުވި ގޮތުގައި ސްޕެޝަލިޓީ ޑޮކްޓަރުން ހޮސްޕިޓަލުގައި ތިބެ އެވެ. ނަމެވެސް ހިދުމަތްތައް އެއާ އެއްވަރަށް ނެތުމުން ގިނަ ފަހަރަށް މާލެ ފުރަން ޖެހެނީ އެވެ.

"ކަށީގެ ޑޮކްޓަރެއް ހުއްޓަސް ކަށީގެ ބައެއް ޓެސްޓުކާއި އޮޕަރޭޝަންތައް ހޮސްޕިޓަލަކުން ނެހެދޭ އެހެންވެ ހިދުމަތްތައް ހޯދަން މާލެ ދާން ޖެހެނީ،" ސޯބެ ވިދާޅުވި އެެވެ.

ސާކް ސަމިޓަށް އިމާރާތް ކުރި އިކޮޓޯރިއަލް ކޮންވެންޝަން ސެންޓަރުގެ އިމާރާތުގައި ހޮސްޕިޓަލެއް އަޅަން އަންނަނީ ފަހުގެ ތައްޔާރީތައް ވަމުންނެވެ. މިއީ ޓާޝިއަރީ ލެވެލްގެ ހޮސްޕިޓަލެކެވެ. މި ހޮސްޕިޓަލް ނިންމަށް ލަފާކުރެވެނީ ސެޕްޓަމްބަރު މަހުގެ ތެރޭގައި އެވެ. މި ހޮސްޕިޓަލުގައި ފަހުގެ ޓެކްނޮލޮޖީއާއެކު ހިދުމަތްތައް ފަސޭހަ ކަމާއެކު ރަައްޔިތުންނާއި ގާތުން ލިބޭނެ ކަމަށް ސޯބެ ވިދާޅުވި އެވެ.

މަގުތައް ނުހެދި އެތައް އަހަރެއް

ފުވައްމުލަކާއި އައްޑޫގެ މަގުތަކުގެ ވާހަކަ ހަމައެކަނި ސޯޝަލް މީޑިއާ ބަލާލުމުން ވެސް ފެނިގެން ދާނެ އެވެ. އާބާދީގައި 14،000 އަށް ވުރެ ގިނަ މީހުން އުޅޭ މި ދެ ސިޓީގެ މަގުތަކުގެ ފެންވަރު ދަށްވުމާއި ގުޅިގެން ގިނަ ބަޔަކު އަބަދުވެސް ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރެ އެވެ. ހާއްސަކޮށް ވިއްސާރަ މޫސުމުގައި މަގުތަކުގެ ފެންބޮޑުވެ އުޅަނދުތަކަށް ދުއްވަން އުދަނގޫވާ ވާހަކައަކީ އާ ވާހަކަ އެއް ނޫނެވެ.

ހަމަދު ވިދާޅުވީ ފުވައްމުލަކުގެ މަގު ހެދުމުގެ މަޝްރޫއު 2016 ވަނަ އަހަރު އެންމެ ފުރަތަމަ ހަވާލުކުރީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އަށް ކަމަށެވެ. ނަމަވެސް އެ ކުންފުންޏަށް މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ނުގެންދެވުމާއި ސަރުކާރު ބަދަލުވުމާއި ގުޅިގެން އެ އެގްރީމެންޓްތައް ބާތިލްކޮށް، މި އަހަރު އެމްޓީސީސީއާ މަގު ހަދަން ހަވާލުކޮށްފައިވާ ކަމަށެވެ.

ހަމަދު ވިދާޅުވި ގޮތުގައި ސިޓީއަކަށް ބަދަލުވި ފަހުން ފުވައްމުލަކުގައި އެންމެ ބޮޑު މަޝްރޫއު އެއްގޮތުގައި ކުރިއަށް ގެންދިއައީ ރަށުގައި ނަރުދަމާ އެޅުމުގެ މަސައްކަތެވެ. އެގޮތުން 2015 ވަނަ އަހަރު ލަންކާގެ ކުންފުންޏަކާ ހަވާލުކޮށްގެން ނަރުދަމާގެ މަސައްކަތް ގާތްގަޑަކަށް ނިމިފައިވާ ކަމަށެވެ.

އައްޑޫ ސިޓީގެ ކައުންސިލް މެމްބަރު މުހައްމަދު ޔަސްރިފު ވިދާޅުވީ އެ ސިޓީގެ ހޫޅުދޫ މީދޫގެ ބޮޑެތި މަގުތައް ހަދަން މި ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެހެން މަގުތައް ހަދަން އެއްވެސް ބަޔަކާއި ހަވާލުކޮށްފައިނުވާ ކަމަށެވެ. އެހެން މަގުތަކުގެ ހާލަތު ވެސް ވަރަށް ބޮޑަށް ދަށް ކަމަށާއި މި ކަމަށް ހައްލު އަވަހަށް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަގުތައް ހާލަތު ވަރަށް ދަށްވެފައިވަނީ، މިކަމަށް އަވަސް ހައްލެއް ބޭނުންވޭ، ވެލި އަޅައިގެން މަގުތަކުގެ ވަޅުގަޑުތައް ހައްލުކުރުމަކީ ވަރަަށް ހަރަދުބޮޑު ކަމެއް،" ޔަސްރިފް ވިދާޅުވި އެވެ.

އާބާދީގައި 34،000 އަށް ވުރެ ގިނަ މީހުން އުޅޭ މި ރަށުގެ ލިންކް ރޯޑަކީ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާ މަގެކެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ހެދި މި ލިންކް ރޯޑުގައި ރޭގަނޑު ދުއްވާ މީހަކަށް ސައިކަލުގެ ބޮކި ފިޔަވައި އެހެން އަލިކަމެއް ފެންނާކަަށް ނުހުރެއެވެ.

"ރޭގަނޑު ވަރަށް ނުރައްކާތެރި އެ މަގުން ދުއްވަން، ސައިކަލުގައި ދުއްވާފައި ދާއިރު ކުރިމަތިން ބުޅަލެއް ހުރަސް ކުރާތަން ވެސް ކިރިއާ ފެންނަނީ،" އެ ރަށުގެ މީހަކު ކިޔައިދިނެވެ.

ޔަސްރިފް ވިދާޅުވީ ލިންކް ރޯޑު ހެދި ފަހުން އެއްވެސް ސަރުކާރަކުން އެ ތަން މަރާމާތުކުރަން އިސްކަމެއް ދީފައިނުވާނެ ކަމަށެވެ. އެ މަގުގެ ހާލަތު ބޭނުން ނުކުރެވޭ ހާލަތަށް ދިއުމުގެ ކުރިން ހައްލުކުރަން ޖެހޭ ކަމަށެވެ.

ނުވަ އަހަރު ފަހުން އަދި ކިރިއާ އައްޑޫގައި ނަރުދަމާ

ދެހާސްދިހަ ވަނަ އަހަރު އައްޑޫގެ ނަރުދަމާ އަޅަން އޭރުގެ ޔޫޓިލިޓީސް ކުންފުނި ސަަދަން ޔޫޓިލިޓީސްއާ ހަވާލުކުރި އެވެ. އެއަށް ފަހު އެކި ކުންފުނިތަކާ ހަވާލުކޮށްގެން ނުވަ އަހަރު ރަށުގެ ނަރުދަމާގެ މަސައްކަތުގެ 90 ޕަސެންޓު މި ވަނީ ނިމިފަ އެވެ.

"ހުޅުމީދޫގެ ގޭގެއަށް ނަރުދަމާ ގުޅާފައި ރައްޔިތުންނަށް ހިދުމަތް ލިބޭ، މަރަދޫގެ ފޭދޫ އާއި މަރަދޫގެ ނަރުދަމާގެ މަސައްކަތް އެމްޓީސީސީން ގާތްގަޑަކަށް 90 ޕަސެންޓު ނިމިފައިވަނީ، ހިތަދޫގެ ވެސް ބޮޑު ބައެއް އެމްޑަބްލިއުއެސްސީން ކުރަމުން ދަނީ،" ސިޓީ ކައުންސިލްގެ މެމްބަރު ޔަސްރިފް ވިދާޅުވި އެވެ.

އައްޑޫ ސިޓީގެ ކައުންސިލް މެމްބަރު މުހައްމަދު ޔަސްރިފް ވިދާޅުވި ގޮތުގައި ނަރުދަމާގެ މަސައްކަތް މިހާ ގިނަ ދުވަސް ފަހުން ނިމުނީ 2012 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރަށްފަހު އައި ސަރުކާރުތަކުގެ އިހުމާލުން ކަމަަށެވެ.

"މިހާ ގިނަ ދުވަސްވީ 2012 ވަނަ އަހަރު ރައީސް ނަޝީދުގެ ސަރުކާރު ބަދަލުވުމަށްފަހު ރައީސް ޑރ މުހައްމަދު ވަހީދު ސަރުކާރުން ހިނގަ ހިނގާ ހުންނަ މިފަދަ ޕްރޮޖްކްޓުތައް ވަނީ ހުއްޓާލާފަ، މިފަދަ ޕްރޮޖެކްޓްތައް ހުއްޓާލުމުން އަލުން ފަށަށް ވެސް ގިނަ ވަގުތު ވެސް ނަގާ،" ޔަސްރިފް ވިދާޅުވި އެވެ.

އައްޑޫގެ އިތުރުން ދެން އެންމެ ބޮޑު އާބާދީއެއް އޮންނަ ފުވައްމުލަކު ސިޓީގެ ނަރުދަމާގެ ހުވަފެން ހަގީގަތަކަށްވީ ތިން އަހަރު ފަހުންނެވެ. ހަމަދު ވިދާޅުވި ގޮތުގައި މި މަޝްރޫއު ފެށީ 2015 ވަނަ އަހަރު ކަމަށާއި އަމަލީ މަސައްކަތްތައް ނިމުނީ މިދިއަ އަހަރު ކަމަށެވެ.

"ނަރުދަމާގެ މަސައްކަތްތައް ގާތްގަޑަކަށް ނިމިފައިވަނީ، އެއްކޮށް އަދި ފަންކްޝަންއެއް ނުކުރޭ، ބައެއް ޓެކްނިކަލް މައްސަލަތަކާ ހެދި،" ހަމަދު ވިދާޅުވި އެވެ.

މާލެ ފިޔަވާ އެންމެ އާބާދީ ބޮޑު ދެ ސިޓީގައި އާބާދީއާ އެއްވަރަށް ހިދުމަތް ދެވެން ނެތުމަކީ ސުވާލު އުފެދޭ ކަމަކެވެ. ސަރުކާރުތައް ޖަވާބުދާރީވާން ޖެހޭ ކެމެކެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ކޮންމެ ސަރުކާރެއް އޮތަސް އިސް އަމާޒަކަށް އޮންނަނީ ރަށްތައް ތަރައްގީ ކުރުމުގެ ބަދަލުގައި އެންމެން ތޮތް ޖެހިފައިވާ މާލޭގެ ހިދުމަތްތައް ރަނގަޅު ކުރުމެވެ.