ތިމާވެށި

ބައޮސްފިއާ ރިޒާވް: ސަރުކާރުންޖެހި މެޑަލެއް

ތިމާވެއްޓާ ގުޅޭގޮތުން މިފަހުން އައި އެއް ވާހަކައަކީ އައްޑޫ އާއި ފޯއްމުލަކު ސިޓީއަށް ޔުނެސްކޯގެ ބައޮސްފިއާ ރިޒާވްއެއްގެ ދަރަޖަ ލިބުނު ވާހަކައެކެވެ. މީގެ ކުރިން ބ. އަޮތޮޅު ފިޔަވާ މި ޝަރަފު ލިބިފައިވާ ސަރަހައްދެއް ރާއްޖެއަކު ނޯވެ އެވެ. ތިމާވެއްޓާއި ގުޅުން ހުރި ކަމެއް ދިމާ ވުމުން ކޮންމެ ސަރުކާރެއްގައި ވެސް ފެންނަނީ ދާދި އެއް މަންޒަރެކެވެ. ތިމާވެށީގެ ގޮތުން ޗެމްޕިއަނުން ކަމަށް ދައުވާކޮށް ބޭރު ގައުމުތަކުގައި އެކި އެކި ބައްދަލުންތަކުގައި ތިމާވެއްޓާއި ގުޅޭ ގޮތުން މޮޅަށް ސުޕީޗް ތައްޔާރު ކޮށްގެން އަޑުހަރުކޮށް ތިމާވެއްޓަށް ރައްކާތެރިވާން އެހެން މީހުންނަށް ގޮވާލާތަނެވެ.

ކްލައިމެޓް ޗޭންޖަށް ވަގުތުން ފިޔަވަޅު ނާޅާނަމަ އިންޑިއާ ކަނޑުގައި އޮތް މި ދިވެހިރާއްޖެ ނޯންނާނެ ކަމަށް ބުނެ ދުނިޔޭގެ ހަމްދަރުދީ ހޯދާ ތަނެވެ. ރާއްޖޭގެ ތިމާވެށީގެ ވާހަކަ އަކީ ބައެއް ފަހަރަށް ބޮޑު "ކަސޯޓީ" އެކެވެ. މިފަހަރު ވެސް ބައޮސްފިއާ ރިޒާވްގެ ލަގަބު ދެކުނުގެ ދެ އަތޮޅަށް ލިބުމާއެކު އެންވާރަމަންޓް މިނިސްޓްރީ "މޭފުއްޕާލައި" ކުރީ ސަފަށް ނެރެ މީޑިއާގެ ލައިމް ލައިޓްގައި ހުއްޓި މެޑަލް ޖަހާލީ އެވެ.

އެންވާރަމަންްޓް މިނިސްޓްރީން ބުނާ ގޮތުގައި އައްޑޫ އަދި ފުވައްމުލަކު ސިޓީ ބަޔޮސްފިއާ ރިޒާވަކަށް ހެދުމަށް އެ ދެ ސިޓީގެ ރައްޔިތުންގެ މެދުގައި ސިޓީ ކައުންސިލް މެދުވެރިކޮށް ވަނީ ސާވޭއެއް ހަދާފަ އެވެ. ނަތީޖާ ދައްކާގޮތުން ސާވޭ ކުރި މީހުންގެ ތެރެއިން 90 ޕަސެންޓަށްވުރެ ގިނަ މީހުން އެ ދެ އަތޮޅު ބަޔޮސްފިއާ ރިޒާވަކަށް ހަދަން ބޭނުންވެ އެވެ.

މި ލަގަބާއެކު އިހްސާސްވީ މުޅި އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީއަކީ މުޅިން ހިމާޔަތްކޮށްފައި އޮތް ތަންތަނުގެ ގޮތު އެވެ.

އަސްލު ވަނީ ކިހިނެއް؟

މައުލޫމާތު ލިބިފައިވާ ގޮތުގައި 2012 އިން 2018 އިގެ ނިޔަލަށް ކުރިއަށް ގެންދިޔަ ކްލައިމެޓް ޗޭންޖް އެންޑް އެޑެޕްޓޭޝަން ޕްރޮޖެކްޓް ދަށުން އައްޑޫ އާއި ފުވައްމުލައް، ދެ ސިޓީގެ ތިމާވެށީގެ ނާޒުކު ސަރަހައްދުތައް އަންނަނީ އައްޑޫ އަދި ފުވައްމުލަށް ނޭޗާ ޕާކް ނަމުގައި ބަލަހައްޓަމުންނެވެ.

ބައޮސްފިއާ ރިޒާވަކަށް ވުމުން އެހެން ތަންތަނާއި ތަފާތުވާ އޮންނަނީ މައިގަނޑު ތިން ގޮތެކެވެ. ފުރަތަމަ ކޯ އޭރިއާސް އަށް ބަލާއިރު މިއީ ވެށީގެ ގޮތުން ހާއްސަ ސަރަހައްދުތަކެވެ. މި ތަންތަނުގައި ވެއްޓަށް ގެއްލުންވާ އެއްވެސް ކަމެއް ނުކުރެެވޭނެ އެވެ.

ބަފާ ޒޯނަށް ބަލާއިރު މިއީ ކޯ އޭރިއާސްއަށް ކުރާ އަސަރު ކުޑަކުރުމުގެ ގޮތުން ސަމާލުކަމެއް ދޭންވާ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާ ހިސާބެވެ. އެހެންކަމުން ކޯ އޭރިއާސް އަށް އަސަރު ކުރާ މަސައްކަތްތައް މި ސަރަހައްދުގައި ސީދާ ނުކުރެވޭނެ އެވެ. ޓްރާންސިޝަނަލް އޭރިއާ އަކީ އަދައިގެ މަތިން މީހުން ދިރުއުޅޭ އަދި އުމްރާނީ ތަރައްގީ މަޝްރޫއުތައް ކުރިއަށްގެންދާ ސަރަހައްދެވެ.

ބައޮސްފިއާ ރިޒާވަކަށް އައްޑޫ އާއި ފުވައްމުލައް އެއްކޮށް ބަދަލުވިޔަސް އެއީ އެ ދެ ސިޓީގެ ކައުންސިލްތަކުގެ އިހްތިސޯސް ތެރޭގައި ހިމެނޭ ތަންތަނެވެ. ގާނޫނީ ގޮތުން ބަލާނަަމަ އެންވާރަމަންޓް މިނިސްޓްރީގެ މެންޑޭޓްގެ ދަށަށް އައި ހަމަ އެކަނި މީގެ ކުރިން ވެސް އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ސަރަހައްދު ތަކެވެ.

މިހާރު ކަންތައް ހުރި ގޮތުން ބައޮސްފިއާ ރިޒާވަކަށް ވުމަކީ ވެސް ރަމްޒީ ކަމެއް ކަމުގައި ބެލެވެ އެވެ. މިނިސްޓްރީގެ އިހްތިސޯސްގައިވާ ފުވައްމުލަކު "ފަރިކެޑެ" ފަރަކީ ވެސް މީގެ ކުރިން ހިމާޔަތްކޮށްފައިވާ ތަނެކެވެ. އެކަމަކު ފެންނަނީ ހިމާޔަތެއް ނެތި ބޮއްސުން ލާފައިވާ މަންޒަރެވެ. އަޅާނުލެވި ދޫކޮށްލާފައިވާ ތަނެވެ.

އެންވާރަމަންޓް މިނިސްޓްރީގެ ވެރިޔަކު ވިދާޅުވި ގޮތުގައި ބަލަހައްޓަން ޖެހޭ އެންމެ ރަނގަޅަށް އެ މިނިސްޓްރީއަކަށް ފަރިކެޑެ އެއް ނުބެލެހެއްޓެ އެވެ.

އައްޑޫ ސިޓީގެ ހުޅުމީދޫގައިވެސް މަތިކިޅި އަކީ އެފަދަ ދެވަނަ ތަނެކެވެ. ހިމާޔަތް ކުރީ ކަރުދާހުގަ އެވެ. މަތިކިޅި އިކޯ ގާޑަން ފިޔަވައި މާ ބޮޑު އެހެން ކަމެއް ކޮށްފައެއް ނޯވެ އެވެ.

ބައޮސްފިއަގެ ޝަރަފާއި ފައިދާ

ބަޔޮސްފިއާ ރިޒާވްގެ އެންމެ ބޮޑު ރޯލަކީ އެ ރިޒާވްގެ ގޮތުގައި ކަނޑައަޅާ ސަރަހައްދެއް ނުވަތަ އަތޮޅެއްގައިވާ މާހައުލުތަކާއި، އިކޯސިސްޓަމް، އަދި ދިރޭ ތަކެތީގެ ނަސްލުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށް މަގުފަހިކޮށްދިނުމާއި ސަގާފަތާއި، އާދަކާދައާއި، މުހިއްމު މާހައުލުތަކާއި ދިރުންތައް ދެމެހެއްޓޭނެފަދަ އިގްތިސޯދީ ތަރައްގީއަށް މަގުފަހިކޮށްދިނުމެވެ.

ބައޮސްފިއަަާގެ ލަގަބަކީ އައްޑޫ އަދި ފުވައްމުލަކަށް ލިބުނު ބޮޑު ޝަރަފެކެވެ.

"ބައޮސްފިއާ ރިޒާވަކަށް ވުމަކީ ޕޮޒިޓިވް ކަމެއް. ބައޮސްފިއާ ރިޒާވް ޓެގް އަޅުވާ ސިޓީ ކައުންސިލުން ސިޓީގެ ޓުއަރިޒަމް ފުޅާ ކުރުމުގެ ފުރުސަތު އެބައޮތް. އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށް އިތުރު ފުރުސަތު ތަކެއް ހުޅުވޭނެ. އާދަކާދަ އަދި ސަގާފަތް ކުރިއަށް ގެންދެވިދާނެ." އެންވާރަމަންޓުގެ އޮފިޝަލަކު ވިދާޅުވި އެވެ.

އައްޑޫ ސިޓީގައި އަޅާނުލައި ވީރާނާވާން ހުރި ގޮނޑުދޮށްތައް ރައްޔިތުން ނުކުމެ ސާފުކޮށް ފިނި މައިޒާންތަކަށް ހަދާ އެއްމެންނަށް ބޭނުންކުރެވޭ ގޮތް ހެދުމުން އައްޑޫ ސިޓީ ކައުންސިލުން ނެރުުނު ބަޔާނަކުން "ގޮނޑުދޮށްތަކުގައި ބީޗް ނެހެދުމަށް" ވަނީ އަންގާފަ އެވެ.

ދެކުނުގެ ދެ ސިޓީ އެއްކޮށް ބައޮސްފިއާ ރިޒާވަކަށް ވުމުން ޔުނެސްކޯގެ ޕްރޮގްރާމްގައި ދެ ސިޓީގައި ހިމެނީ ސިޓި ކައުންސިލް އޯނާޝިޕް ނަގައިގެނެވެ. ސިޓީ ކަައުންސިލް ފޯކަލް ޕޮއިންޓަކަށް ވެގެނެވެ. އޭރުން ރައްޔިތުންނަށް އެ ލަގަބުގެ އޯނާޝިޕްގެ އިހްސާސް ކުރެވެ އެވެ. މިއީ ދެ ކުނުގެ ދެ މޭޔަރުންނަށް އެ ދެ އަތޮޅު ތަރައްގީ ކުރުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެކެވެ.


އެހެން ކަމުން ބައޮސްފިއާ ރިޒާވަކަށް ވުމުން ސިޓީ ކައުންސިލްތަކުގެ އެއްބާރުމާއި އެކު ރައްޔިތުން ގުޅިގެން މަސައްކަތްކޮށްފި ނަމަ ބައޮސްފިއާ ރިޒާވަކަށް ވުމުގެ ހަގީގީ ޝަރަފު ހޯދިދާނެ އެވެ. އެކަމަކު ސުވާލަކީ ތިމާވެށީގެ ކަންކަން މޮޅު ވާހަކަ ދައްކާ ހިޔާލީ ކަރުދާސް ލިޔުން ދޫކޮށްލާ ދެމެހެއްޓެނިވި ތަރައްގީ ގެންނަން ކުރާނީ ކޮން އިރަކު ހެއްޔެވެ؟