ކުޅިވަރު

16 އަހަރުން ދަށުގެ ގައުމީ ކޯޗަކަށް ނިޒާމް

ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް، ޓީސީގެ ކުރީގެ ކޯޗް މުހައްމަދު ނިޒާމް ހަމަޖައްސައިފި އެވެ.

ނިޒާމް އާއެކު އެއްބަސްވުމުގައި ސޮއި ކުރުމަށް، މިއަދު އެފްއޭއެމްގައި ބޭއްވި ރަސްމިއްޔާތަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ވިދާޅުވީ، 16 އަހަރުން ދަށުގެ ޓީމު ކޯޗުކަން ނިޒާމް އާ ހަވާލު ކުރީ 2023 ގައި ރާއްޖޭގައި ބާއްވާ، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ވަރުގަދަ ޓީމެއް އެކުލަވާލުމަށް ކަމަށެވެ.

"އަޅުގަނޑުމެންގެ ޒުވާން ޓީމުތަކަށް ފެންވަރު ރަނގަޅު ހަރުދަނާ ކޯޗުންތަކެއް އަންނަން އެބަޖެހޭ، އެގޮތުން އަޅުގަނޑުމެން ބެލި ބެލުމުން މި ނިމިދިޔަ މުބާރާތްތަކާއެކު އަދި ޓީމުތަކުގެ ޕްރޮގްރެސްއަށް ބެލުމަށް ފަހު އަޅުގަނޑުމެންނަށް ނިމިގެން މިދިޔައީ 16 އަހަރުން ދަށުގެ ގައުމީ ޓީމަށް ނިޒާމް," މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ބައްސާމް ވިދާޅުވި އެވެ. "ނިޒާމްގެ އަމަލުން ދައްކައިދީފި ނިޒާމް އަކީ ކިހާވަރެއްގެ ކޯޗެއް ކަން، ޓީސީގެ ޓީމަށް އެ ގެނެވިގެން ދިޔަ ބަދަލު އެކި ޓީމުތަކުގައި މަސައްކަތް ކުރަމުން ދިޔައިރު އެ ޓީމުތަކުގައި ގެނެވުނު ކާމިޔާބުތައް."

އެގޮތުން މިހާރު 16 އަހަރުން ދަށުގެ އުމުރުފުރާގެ ކުދިން ހިމެނޭ ޓީމެއް ރާއްޖޭގެ އެކި ކަންކޮޅު ތަކުން ސްކޮއުޓް ކޮށްގެން ނެގުމަށް ފަހު އެ ޓީމު ޑިވްލަޕް ކުރަމުން ގެންދިއުމެވެ. ބައްސާމް ވިދާޅުވީ އެ އުމުރުފުރާ ޓީމު މައްޗަށް ދާވަރަކަށް އެ ކުޅުންތެރިންނާއެކު ނިޒާމްވެސް އެ އުމުރުފުރާގެ ޓީމު ތަކަށް ޕްރަމޯޓް ވަމުން ދާނެ ކަމަށެވެ.

ނިޒާމް އާއެކު 16 އަހަރުން ދަށުގެ ގައުމީ ޓީމަށް އެންމެ ފުރަތަމަ އޮތް މުބާރާތަކީ މި މަހު 26 ގައި ގަތަރު ގައި ބާއްވާ މުބާރާތެވެ.

"ހަމައެކަނި މި ޓީމު ހަމަޖެހިގެން ދާނީ މިހާރު އޮތް ސްކޮޑަކަށް ނޫން،" ބައްސާމް ވިދާޅުވި އެވެ. "ނިޒާމްގެ މަސައްކަތުގެ ތެރޭގައި ހަމަޖެހިގެން ދާނެ ރަށްރަށަށް ދަތުރުކޮށް މި އުމުރުފުރައަށް ބޭނުންވާ ކުޅުންތެރިން ހޯދުމަށް ސްކައުޓިން މަސައްކަތްވެސް ކުރިއަށް ދާނެ."

ބައްސާމް ވިދާޅުވީ، އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓާ އިހްސާން އަބްދުލް ގަނީ (ސާންތީ) ގެ ވިސްނުމަކީ ޒުވާން އުމުރުފުރާގެ ޓީމުތަކަށް ރާއްޖެއިން ލިބެން ހުރި އެންމެ ރަނގަޅު ކޯޗުން ހޯދައިގެން އެ ޓީމުތައް ޑިވަލަޕް ކުރަމުން ދިއުން ކަމަށެވެ. އެގޮތުން ބައްސާމް ބޭނުން ކުރެއްވީ "ޓީޗަރު" މި ލަފްޒެވެ.

"ކުއްޖަކަށް އެއްޗެއް އުނގަންނައި ދޭއިރު ޓީޗަރަކީ އެންމެ ރަނގަޅު މީހާ ކަމުގައި ވާން ޖެހޭނެ،" ބައްސާމް ވިދާޅުވި އެވެ. "އެގޮތުގެ މަތިން އަޅުގަނޑުމެންގެ (ގައުމީ) ޓީމުތަކުގެ ހެޑް ކޯޗުންނަށްވެސް އަޅުގަނޑުމެން ބޭނުން ވަނީ އެންމެ ތަޖުރިބާ ހުރި އެންމެ ރަނގަޅު ކޯޗުން އަންނަން."

ނިޒާމް ބުނީ، 16 އަހަރުން ދަށުގެ ޓީމުގެ މަސައްކަތުގައި އެންމެ ބޮޑު ބުރަދަނަކަށް ވާނީ މިހާތަނަށް ކުރި މަސައްކަތް ކަމަށެވެ. ނިޒާމްގެ ކޯޗު ކަމުގައި ޓީސީން ވަނީ ދިވެހި ޕްރިމިއާ ލީގްގެ ޗެމްޕިއަންކަން ހޯދައި، 2017 ވަނަ އަހަރު ބަނގުލަދޭޝްގައި ބޭއްވި ޝައިހް ކަމާލް އިންޓަނޭޝަނަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފަ އެވެ.

"އިންޓަނޭޝަނަލް އެކްސްޕީރިއަންސަކީ ވަރަށް މުހިންމު އެއްޗެއް މިވަރުގެ ޓީމަކާ ހަވާލުވާއިރު،" މި އަހަރު ބަންގުލަދޭޝްގައި އޭއެފްސީ އޭ ލައިސެންސް ކޯޗިން ކޯސް ފުރިހަމަ ކުރި ނިޒާމް ބުންޏެވެ. "އޭޖު ފުރާގެ ޓީމަކާ ހަވާލުވެގެން ނުކުންނައިރު އަޅުގަނޑުމެންނަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ އިންޓަނޭޝަނަލް އެކްސްޕޯޝާ ނެތުން، އަޅުގަނޑު ގަބޫލު ކުރަނީ އެއީ އަޅުގަނޑަށް ލިބިގެންދާ ވަރަށް ބޮޑު އެޑްވާންޓޭޖެއް ގޮތުގައި."

ނިޒާމް ބުނީ، މި މަހު 23 ގައި ގަތަރުގައި ބާއްވާ މުބާރާތަށް ވަގުތު ކުޑަތަން ވެފައި ވުމުން އެ މުބާރާތުގައި އެންމެ ރަނގަޅު ފެންވަރުގައި ނުކުޅެވުނަސް އަހަރެއް ފަހުން މަސައްކަތުގެ ނަތީޖާ ފެންނާނެ ވަރު ކުރާނެ ކަމަށެވެ.

"ކުރިއަށް އޮތް މުބާރާތަކީ ވަރަށް ކުރު މުއްދަތެއް އޮތް މުބާރާތެއް، އެ މުބާރާތުގައި އަދި އަޅުގަނޑަކަށް ހުރިހާ ކަމެއް ނުކުރެވޭނެ،" ނިޒާމް ބުންޏެވެ. "އެހެންނަމަވެސް އިރާދަ ކުރެއްވިއްޔާ މިއަދުން ފެށިގެން ބަލަމާ ހިނގާ އަހަރެއް ދުވަސް ތެރޭގައި މި ޓީމުގެ ނަތީޖާއާއެކު ދެން އަޅުގަނޑު މިތާ އިށީންނަ އިރު ބަލަމާ ދެން އަޅުގަނޑު ދައްކަނީ ކޮން ވާހަކައެއް ތޯ."