ކުޅިވަރު

ރާއްޖެ، ލަންކާ މެޗު, ދިވެހި ވޮލީގެ ތާރީހީ ފެށުމެއް

އިންޓަނޭޝަނަލް ފުރެންޑްލީ ވޮލީ މެޗެއް ރާއްޖޭގެ ފަސްގަނޑުގައި މީގެ ކުރިން ކުޅެފައި ނުވާ ކަމަށާއި، މި އަންނަ އަންގާރަ ދުވަހު ރާއްޖެ އާއި ލަންކާ ކުޅޭ މެޗަކީ ރާއްޖޭގެ ވޮލީބޯޅައިގެ ހަޔާތުގައި މުޅިން އާ ފެށުމެއް ކަމަށް ކުރީގެ އެއް ވަނަ ސެޓަރު ފަތުހުﷲ ވަހީދު (ފައްލޯ) ބުނެފި އެވެ.

މި އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މި 25 ގެ ނިޔަލަށް ނޭޕާލްގައި ކުރިއަށްދާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ދިވެހި ޓީމު ތައްޔާރު ކުރުމަށް، ލަންކާ އާ ދެކޮޅަށް މާލޭގައި ކުޅޭ މެޗާ ބެހޭގޮތުން ވާހަކަ ދައްކަމުން، ކުރީގެ ވޮލީ ކުޅުންތެރިންގެ ޖަމްއިއްޔާ، މޯލްޑިވްސް ވޮލީބޯލް ވެޓަރަންސްގެ މެންބަރު ފައްލޯ ބުނީ، އެ މެޗަކީ ރާއްޖޭގެ ވޮލީއަށް ވަރަށް ގިނަ ގޮތްގޮތުން ހާއްސަ ވެގެންދާ މެޗެއް ކަމަށެވެ.

"އަޅުގަނޑުމެން ކުޅުނު ދުވަސް ވަރުވެސް މިކަހަލަ މެޗެއް އަޅުގަނޑުމެންނަށް ލިބިފަކާއެއް ނެތް،" ރާއްޖޭގެ ޓީޓީ ކުޅުންތެރިޔާ ލައިސާ އާއި ބެޑްމިންޓަން ކުޅުންތެރިޔާ މައިސާގެ ބައްޕަ ފަތުހުﷲ ބުންޏެވެ. "އެހެންވީމަ މިއީ ވޮލީ އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ކުރެވޭ މަސައްކަތުގެ ފުރަތަމަ ބޮޅު ކަމަށް އަޅުގަނޑު މި ބަލަނީ."

މެދުކެނޑުމެއް ނެތި 16 އަހަރު ވަންދެން ގައުމީ ޓީމަށް ކުޅުނު ފައްލޯ ބުނީ، މުބާރާތަކަށް ތައްޔާރު ވުމަށްޓަކައި ރާއްޖޭގެ ފަސް ގަނޑުގައި ކުޅޭ އެންމެ މެޗަކުންވެސް ދިވެހި ޓީމަށް ވަރަށް ބޮޑު އިތުބާރެއް މުބާރާތުގެ ކުރިން ލިބިގެންދާނެ ކަމަށެވެ.

"އެއީ ހަމަގައިމު މި މެޗު އެކަނި ކުޅުނު ކަމުގައި ވިޔަސް ކުރިއަށް ހުރި މުބާރާތްތަކަށް ތައްޔާރުވުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއްވެސް ކުރަންވެސް އެބަހުރި،" ކުރިން ވެލެންސިއާ، ނިއު ރޭޑިއަންޓް ވިކްޓަރީ އަދި ހިޒް ކުލަބަށް ކުޅުނު ސެޓަރު ބުންޏެވެ. "ހަމަގައިމުވެސް މި މެޗުތަކުގެ ސަބަބުން ދިވެހި ޓީމަށް ވަރަށް ބޮޑު ހިތްވަރެއް ލިބިގެންދާނެ."

ކުރީގެ ގައުމީ ކެޕްޓަން އަދި ވީއޭއެމްގެ ކުރީގެ ނައީބު ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ބުނީ މީގެ ކުރިން ރާއްޖޭގެ ފަސް ގަނޑުގައި ގައުމީ ވޮލީ ޓީމަށް ފުރުސަތު ލިބެނީ ބޭރުގެ ޓީމުތަކަށް ދައުވަތު ދީގެން ރާއްޖޭގައި ބާއްވާ މުބާރާތަކަށް އަންނަ ވާދަވެރި ޓީމުތަކާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ކަމަށާއި އިންޓަނޭޝަނަލް މުބާރާތަކަށް ތައްޔާރުވުމުގެ ރާއްޖޭގެ ފަސްގަނޑުގައި އިންޓަނޭޝަނަލް މެޗެއް ކުޅުމުގެ ފުރުސަތު ނުލިބޭ ކަމަށެވެ.

"މީ ވޮލީ އާއިލާއަށް ލިބުނު ރަނގަޅު ފުރުސަތެއް،" ވީއޭއޭއެމްގެ ބީޗް ވޮލީ ކޮމިޝަނާގެ މަގާމުވެސް ކުރިން އަދާ ކުރި ރަނޭ ބުންޏެވެ. "މިކަހަލަ މެޗުތައް ގިނައިން ލިބުމަކީ ވޮލީން ރަން ވަނަ ތަކެއް ހޯދުމަށް ލިބޭ އެއް ސަބަބު."

އޭނާ ބުނީ، ލަންކާގެ މެޗަކީ ހަހަމައެކަނި ވޮލީއަށް އޮތް ފުރުސަތެއް ނޫން ކަމަށާއި މުޅި ދިވެހި ކުޅިވަރަށްވެސް ހާއްސަ ދުވަހަކަށް އެ ދުވަސް ވެގެންދާނެ ކަމަށެވެ.

ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވީ، ވ އަތޮޅުގެ އިތުރުން މާލެ އަތޮޅުގެ ރަށްރަށުންވެސް މެޗު ބެލުމަށްޓަކައި އަންނާނެ ކަމަށް ބުނެފައިވާ ކަމަށެވެ. އެގޮތުން ވ އަތޮޅުގެ އިތުރުން މާލެ އަތޮޅުގެ ރަށްތަކުންވެސް ވޮލީ މެޗަށް އަންނަ ފަރާތްކަށް ދަތުރު މިނިސްޓްރީން ހަމަޖައްސައި ދޭނެ ކަމަށެވެ.

މަހްލޫފް ވިދާޅުވީ މެޗަށް ހާއްސަކޮށް ސަޕޯޓަރުން ބޭނުން ކުރުމަށްޓަކައި 500 ޓީޝާޓް ތައްޔާރު ކުރަން ހަމަޖެހިފައިވާ ކަމަށާއި އަދި މުޅި ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލް ގައުމީ ކުލަތަކުން ޒީނަތްތެރި ކުރާނެ ކަމަށެވެ.

މި އަހަރުގެ ސެންޓަރަލް ޒޯން މުބާރާތުގައި ރާއްޖޭގެ ޓާގެޓަކީ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމެވެ.