ހަބަރު

ބޯވިއްސާރައާ ގުޅިގެން ކެރެލާގައި އުޅޭ ދިވެހިން ސަމާލުވާން އެދެފި

Aug 9, 2019

އިންޑިއާގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ބޯ ވިއްސާރައާ ގުޅިގެން ކެރެލާގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް ފޮރިން މިނިސްޓްރީ އިން އެދެފި އެވެ.

ވިއްސާރައާ ގުޅިގެން ކެރެލާގެ މަގުތައް ވެސް ވަރަށް ބޮޑަށް ފެންބޮޑުވެ ނުރައްކާތެރި ހާދިސާތައް ހިނަމުންދާ އިރު، ރާއްޖޭގެ ފޮރިން މިނިސްޓްރީ އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކެރެލާއަށް އެލާޓު ނެރެފައިވާތީ އެ ހިސާބުގައި ދިރިއުޅޭ ދިވެހިން ސަމާލުވާން އެދޭ ކަމަށެވެ.

އެކަމާ ގުޅިގެން ކޮޗިން އެއާޕޯޓު ވެސް އަންނަ އާދީއްތަ ދުވަހާ ހަމަޔަށް ބަންދުކޮށްފައިވާ ކަމަށާއި އިތުރު އެހީއެއް ބޭނުން ނަމަ ހޮޓްލައިން ނަމްބަރަށް ގުޅަން އެދޭ ކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.

ފޮރިން މިނިސްޓްރީ އިން ކުރި ޓްވީޓު

އިންޑިއާ މިހާރު ކުރަމުންދަނީ ކޮންމެ އަހަރަކުވެސް އެ ގައުމަށް ކުރާ ޖޫން މަހާއި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުރާ މޫސުމީ ވިއްސާރަ އެވެ. އެ ގައުމުގެ ރެސްކިޔު ޓީމުތަކުން ބުނެފައި ވަނީ މިހާތަނަށް 33 މީހަކު މަރުވެ 180،000 އަށް ވުރެ ގިނަ މީހުން ސަލާމަތީ ކޭމްޕުތަކަށް ބަދަލު ކުރެވިފައިވާ ކަމަށެވެ.