ވިޔަފާރި

އެއިޓްކެން ސްޕެންސް އިން ރާފުށި 207 މިލިއަން ރުފިޔާއަށް ވިއްކާލަނީ

Aug 10, 2019
1

ސްރީ ލަންކާގެ އެއިޓްކެން ސްޕެންސް ހޮޓެލްސް ކުންފުނިން ރިސޯޓު ތަރައްގީ ކުރަން ނަގާފައިވާ ނ. ރާފުށި، 207 މިލިއަން ރުފިޔާ އަށް ވިއްކާލަން ނިންމައިފި އެވެ.

ސްރީލަންކާގެ ބައެއް ނޫސްތަކުގައިވާ ގޮތުން ބޮޑު މިނުގައި 45.25 ހެކްޓަރު ހުންނަ މި ރަށް އެއިޓްކެން ކުންފުނިން ވިއްކާލަނީ ސްރީލަންކާގެ 953 މިލިއަން ރުޕީސް (13 މިލިއަން ޑޮލަރު) ގާތްގަނޑަކަށް 207 މިލިއަން ދިވެހި ރުފިޔާ އަށެވެ.

މި ރަށަކީ 2015 ވަނަ އަހަރު އެއިޓްކެން ސްޕެންސް އިން ފަސް މިލިއަން ޑޮލަރަށް ރިސޯޓެއް ތަރައްގީ ކުރަން ނެގި ރަށެވެ. މިރަށުގައި 250 ކޮޓަރި ހަދަން ޕްލޭންކޮށްފައިވެ އެވެ. މި ރަށް ތަރައްގީ ކުރަން އެ ކުންފުނިން ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏަކީ އޭސް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް އެވެ.

އެއިޓްކެން ސްޕެންސް ބުނެފައިވާ ގޮތުގައި މިހާރު އެ ކުންފުނިން މަސައްކަތް ކުރަނީ ރިސޯޓާއި ހޮޓާ އަމިއްލަ ބިންތަކުގައި ތަރައްގީ ކުރުމުގެ ބަދަލުގައި މެނޭޖު ކުރުމާއި ޖޮއިޓް ވެންޗާ އުސޫލުން ނަގައިގެން ހިންގުމަށެވެ.

އެއިޓްކެން ސްޕެންސްއަކީ ޓޫރިޒަމް ވިޔަފާރި ކުރާ ސްރީލަންކާގެ އެންމެ މަޝްހޫރު އެއް ކުންފުންޏެކެވެ. އެ ކުންފުނިން އެންމެ ފަހުން ރާއްޖޭގައި ހުޅުވާފައިވަނީ "ހެރިޓެންސް" ބްރޭންޑުގެ އާ ރަށް ރިސޯޓެވެ. މި ރަށަކީ ވެސް 2015 ވަނަ އަހަރު އެ ކުންފުނިން ނެގި ރަށެވެ. މަތީ ފަންތީގެ މި ރަށުގައި 163 ކޮޓަރި ހުރެ އެވެ.