ހަބަރު

މާލޭގައި ތިބި ކުދިން އީދު ކުޅިވަރު ބަލަން ދާންވީ ހުޅުމާލެއަށް

Aug 10, 2019
1

މިފަހަރު ބޮޑު އީދުގައި މާލޭގައި ތިބޭ ކުދިން މާޔޫސްވާކަށް ނުޖެހޭނެ އެވެ. އަމިއްލަ ރަށެކޭ އެއް ފަދައިން އީދު ހަރަކާތްތައް ހުޅުމާލެގައި އޮންނާނެ އެވެ. އީދު ކުޅިވަރާއި ބޮޑުމަސް ހަރަކާތާއި ކޯޑި ހެދުމާއި އީދު ޝޯވެސް އޮންނާނެ އެވެ.

މި އަހަރުގެ ބޮޑު އީދު ފާހަގަކުރަން ހުޅުމާލޭގައި ސަގާފީ ގިނަ ހަރަކާތްތަކެއް ބާއްވަން އެޗްޑީސީން ތައްޔާރުވެ، ޝެޑިއުލް ވަނީ ނެރެފަ އެވެ.

ފުރަތަމަ ހަރަކާތަކަށް މިރޭ 8:30 އިން 10:00 އަށް އީދު ހުޅުޖެހުމާއި ބޮޑުބެރު އޮންނާނެ އެވެ. ބޮޑުބެރު ހަރަކާތްތައް ކުރިއަށް ދާނީ ހުޅުމާލެ ސެންޓްރަލް ޕާކް އިން ފެށިގެން ރުއްގަނޑު އެކަކަށެވެ. އީދު ހުޅުޖެހުން މިރޭ އޮންނާނީ ހުޅުމާލެ ބީޗް ސަރަހައްދުގައި އެވެ.

ބޮޑު އީދު ދުވަހަކީ މާދަމާ އަށް ވުމުން ގިނަ ހަަރަކާތްތަކެއް އޮންނަނީ މާދަމާ އެވެ. މާދަމާ ހެނދުނު 7:00 އިން 9:00 އަށް އީދު މުސައްލާ އަދި އީދު ސައި އޮންނާނެ އެވެ. އީދު ސައި އޮންނާނީ ސިންތެޓިކް ޓްރެކެގައި އެވެ. ސަޔަށް ބޭނުންވާ ކާއެއްޗެހި އާންމުންނަށް ގެންނަން ވަނީ ހުޅުވާލާފަ އެވެ.

ރަށްރަށުގައި އީދު ފަހާގަކުރަން ކޯޑިހަދާއިރު ހުޅުމާލޭގައި ވެސް މިފަހަރު ކޯޑިހެދުން އޮންނާނެ އެވެ. އާންމުންނަށް ކޯޑި ތައްޔާރުކުރާ ގޮތް ބެލުމާއި ދަސްކުރަން ފުރުސަތު ވެސް ލިބޭނެ އެވެ. ކޯޑިހެދުން އޮންނާނީ މާދަމާ ހެނދުނު 10:00 އިން މެންދުރު 12:00 އަށް ރުއްގަނޑު 1 ގައެވެ

ބޮޑު އީދުގެ އެންމެ ކުލަ ގަދަ ޕެރޭޑު މާދަމާ ހަވީރު އޮންނާނެ އެވެ. ރެހެންދި ސްކޫލުން ސެންޓްރަލް ޕާކަށް އޮންނަ މާލި ޕެރޭޑުގައި ބޮޑުމަހާއި ކޮޑި އާއި ސަގާފީ ނެށުމާއި ބޮޑުބެރު ޖެހުމާއި ފްލޯޓްތައް ވެސް ފެނިގެން ދާނެ އެވެ.

ރޭގަނޑު އޮތީ ބޮޑުމަސް ބޭނުމެވެ. ބޮޑުމަސް ބޭނުން އޮންނާނީ 8:30 އިން 10:30 އަށް ގާޒީ ސްކޫލްގަ އެވެ.

މި ހިސާބުން އީދު ހަރަކާތްތައް ނިމުނީ އެއް ނޫނެވެ. އީދުގެ އެންމެ ފޯރިގަދަ އީދު ކުޅިވަރުތައް ހޯމަ ދުވަހު ހަވީރު ރުއްގަނޑު 1 ގައި އޮންނާނެ އެވެ. ކުޅިވަރު ތަކުގެ ތެރޭގައި ފައިގެތަޅާ، ގޯނި ރޭސް، ލުބޯ ރޭސް، އާއިލީ ކާޑު އަދި ތިންފައި ރޭސް އޮންނާނެ އެވެ.

އީދު ޝޯ އޮންނާނީ އަންގާރަ ދުވަހު ރޭގނަޑު 8:30 އިން 11:30 އަށެވެ.

މި ހަރަކާތްތައް ބަލަން ގޭގައި ނުތިބެ އާއިލާއާއެކު ދާންވީ ހުޅުމާލެ އަށެވެ.