ވިޔަފާރި

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު އިތުރު ވެއްޖެ

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު އިތުރު ވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި މި އަހަރުގެ ޖޫމް މަހުގެ ނިޔަލަށް ރާއްޖެއަށް ޓޫރިސްޓުން އައި އަދަދަށް ބަލާއިރު މި އަހަރުގެ ޖޫން މަސް ނިމުނުއިރު 609،105 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 601،513 ޓޫރިސްޓުންނެވެ. މިއީ 1.3 ޕަސެންޓުގެ އިތުރުވުމެކެވެ.

ނަމަވެސް ޖޫން މަސް ވަކިން ބަލާއިރު މި އަދަދު މިވަނީ ދަށަށް ގޮސްފަ އެވެ. ޖޫން މަހު ރާއްޖެއަށް 81،506 ޓޫރިސްޓުން އައިސްފައިވެ އެވެ. މިދިޔަ އަހަރުގެ ޖޫން މަހު އައިސްފައިވަނީ 83،247 ޓޫރިސްޓުންނެވެ. އެއީ 2.2 ޕަސެންޓުގެ ދަށްވުމެކެވެ.

ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުން ޖޫން މަހު އެންމެ ބޮޑަށް ކުރިއެރުންތައް ލިބުނު ގައުމުތަކުގެ ތެރޭގައި އިޓަލީ އާއި އިނގިރޭސި ވިލާތް އަދި ޗައިނާ ހިމެނެ އެވެ. ޗައިނާއިން އައި ޓޫރިސްޓުންގެ އަދަދު ވަނީ 6.6 ޕަސެންޓް އިތުރުވެފަ އެވެ. އަދި އިނގިރޭސިވިލާތުން އައި ޓޫރިސްޓުންގެ އަދަދު 9.4 ޕަސެންޓް އިތުރުވެފައިވެ އެވެ. އަދި އިޓަލީވިލާތުން އައި ޓޫރިސްޓުންގެ އަދަދު ވަނީ 12.5 ޕަސެންޓް އިތުރުވެފަ އެވެ.