ހައްޖުގެ އަޅުކަން

ހައްޖުވެރިން ތިބީ އަރަފާތު ބިމުގައި، ހާލު ރަނގަޅު

ރާއްޖެ އިން ހައްޖުގެ އަޅުކަން އަދާ ކުރަން ސައުދީ އަރަބިއްޔާ އަށް ދިޔަ ހައްޖުވެރިންގެ ހާލު ރަނގަޅު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އަލީ އަރަފާތު ބިމުގައި ހުރެ މިއަދު ވިދާޅުވީ ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅު ކަމަށާއި ހައްޖުވެރިން މިހާރު ތިބީ އަރަފާތު ބިމުގައި ހައްޖުގެ އަޅުކަން އަދާކުރަން ކަމަށެވެ.

ޝާފިއު ވިދާޅުވީ ހައްޖުގެ އަޅުކަން އަދާކުރަން ދިޔަ ހައްޖާޖީންނަށް ދިމާވާ ދަތިތައް ހައްލުކުރަން ހައްޖު މިޝަންގެ ފަރާތުން އިންތިޒާމްތައް ފަހި ކުރަމުން އަންނަ ކަމަށެވެ. ރާއްޖެއިން މި އަހަރުގެ ހައްޖުގެ އަޅުކަން 2،000 މީހުން ގޮއްސަވެ އެވެ.

އަދި މިނާ އާއި އަރަފާތުގައި ހައްޖުވެރިން ތިބޭ ޓެންޓު ތަކުގެ ހާލަތު ވެސް ޖުމްލަ ގޮތެއްގައި ރަނގަޅު ކަމަށް ޝާފިއު ވިދާޅުވި އެވެ.

ހައްޖުގެ އަޅުކަމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ހައްޖު މިޝަންގެ ޓްވިޓާ މެދުވެރިކޮށް އަންނަނީ ގެންނަމުންނެވެ. މި އަހަރުގެ ހައްޖަށް އަމީރުލް ހައްޖުގެ ގޮތުގައި ވަޑައިގަންނެވި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ހައްޖު ގްރޫޕްތަކާއި ބައްދަލުކޮށްފަ އެވެ. މި އަހަރު ހައްޖަށް މީހުން ގެންދިއައީ ޒައީ ގުރޫޕާއި ތަޒްކިޔާ ގްރޫޕާއި ހަރަމައިން އާއި މިނާ އަދި އެކްރޯ ގްރޫޕުންނެވެ.