ހައްޖުގެ އަޅުކަން

ހައްޖު ހުތުބާގައި ބާރު އެޅީ ރަހުމަތްތެރިކަން އިތުރުކުރަން

ރަހުމަތާއި އޯގާވެރިކަން އިތުރުކުރަން އިޖްތިމާއީ ގުޅުން އިތުރުކޮށް، ބަދަހިކުރަން ޖެހޭ ކަމަށް ހައްޖު ހުތުބާގައި ބުނެފި އެވެ.

މި އަހަރުގެ ހައްޖު ހުތުބާ ދެއްވީ ސައުދީ އަރަބިއްޔާގެ ބޮޑެތި އިލްމުވެރިންގެ ކޮމިޓީގެ މެމްބަރު ޝެއިހް މުހައްމަދު ބިން ހަސަަން އެވެ. މި އަހަރު ހުތުބާގެ މައުލޫއަކީ މާތްﷲ ގެ ރަހުމަތާއި އޯގާވެރިކަން އިތުރުކުރުމުގެ މުހިއްމުކަމެވެ.

މިއަދުގެ ހައްޖުގެ ހުތުބާގައި ބުނީ މައިންބަފައިންނާއި ރަހުމަތްތެރިންނާ ދެމެދުގައި ހެޔޮކޮށް ހިތަން ޖެހޭ ކަމަށާއި އެކަން މާތްﷲ ގެ ވަހީބަސްފުޅުތަކުން ވެސް އެނގޭ ކަމަށެވެ. އަދި އަރަފާތުގެ ތެރޭގައި ގާތް ރަހުމަތްތެރިންނާއި އާއިލާ މީހުންނަށް ދުއާ ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

"މައިންބަފައިންނަށް ހެޔޮކޮށްހިތުމަށް މާތްﷲ ވަހީކޮށްފައިވަނީ ނިކަމެތި ކަމުގެ ފިޔަ ތިރިކޮށްލާށެވެ"

އޯގާވެރިކަން އެއީ ކުޑަކުދިންނަށް ވެސް ފޯރުކޮށްދޭން ޖެހޭ ކަމެއް ކަމަށް މި ހަދީސުން އެނގިގެންދާ ކަމަށް ހުތުބާގައި ބުންޏެވެ.

"މީހަކު ރަސޫލާގެ އަރިހުގައި ދެންނެވި، ކަލޭގެފާނު ކުޑަކުދިން ގައިގަ ބޮސްދެއްވަން ތޯ އެވެ. ރަސޫލާ ހަދީތް ކުރެއްވި އެވެ، ކުޑަކުދިންނަށް ބޮސްދީ ނުހަދަންޏާ ކުޑަކުދިންގެ ހިތްތަކުން އޯގާތެރިކަން ނެތިިގެން ހިނގައިދާނެ."

ހުތުބާގައި އިތުރަށް ބުނީ، މާތްﷲގެ ކުޅަދުންވަންތަކަން ނެތްނަމަ ކިތަންމެ ގިނަ އަމަލެއް ކުރި މީހަކަށް ވެސް ސުވަރުގެ ނުވަދެވޭނެ ކަމަށެވެ. އެގޮތުން ގިޔާމަތް ދުވަހު އެއްވެސް އަޒާބެއް މާތްﷲގެ ފަޟްލުވަންތަވެރިކަމާއި ރަހުމަތުން ނޫނީ ލުއި ކޮށްނުދެވޭނެ ކަމަށެވެ.

"މާތްﷲގެ ފަޟްލުވަންތަވެރިކަމާއި ރަހުމަތްނެތް ނަމަ ދުނިޔެއާއި އާހިރަތުގައި ވެސް އަޅުގަނޑުމެންނަށް އެއްވެސް ކަމެއް ނުލިބޭނެ، އެއްވެސް އަޒާބެއް މާތްﷲގެ ފަޟްލުވަންތަވެރިކަމާއި ރަހުމަތުން ނޫނީ ދުރެއް ނުކުރެވޭނެ،" ހުތުބާގައި ބުންޏެވެ.

މާތްﷲގެ ރަހުމަތް ލިބޭ އަމަލުތަކުގެ ތެރޭގައި ތަގުވާވެރިކަން އިތުރު ކުރަން ޖެހޭ ކަމަށާއި އެއް ބަޔަކު އަނެއް ބަަޔަކަށް އޯގާވެރިވުމަކީވެސް ތަގުވާވެރިކަން ލިބޭނެ ކަމެއް ކަމަށް ހުތުބާގައި ގޮވާލި އެވެ.