އީދަކީ ހީނަރުވެފައިވާ އާއިލީ ގުޅުންތައް ބަދަހިކުރުން ލިބޭ އަގުހުރި ފުރުސަތެއް ކަމަށާއި އެއީ ކޮންމެ މީހެއް ކޮނޑުގައި އެޅިފައިވާ ދީނީ އަދި އާއިލީ ވާޖިބެއްކަން ހަނދާނުގައި ބަހެއްޓަން ޖެހޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އީދު ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި އެވެ. ރައީސް ވަނީ ރާއްޖޭގެ އެންމެހާ ރައްޔިތުންނަށާއި ހައްޖުގެ އަޅުކަން އަދާކުރަން ދިޔަ ހައްޖާޖީންނަށް އީދުގެ ތަހުނިއްޔާ ފޮނުއްވާފަ އެވެ.
ހިތާބުގައި ރައީސް ވިދާޅުވީ އިސްލާމް ދީނުގައި ކަނޑައަޅުއްވާފައިވާ ކޮންމެ އީދަކީވެސް އޭގައި ވަރަށް ފުރިހަމަ އިޖްތިމާއީ މާނަތަކެއް އެކުލެވިގެންވާ މުނާސަބަތެއް ކަމަށެވެ.
އެގޮތުން އުފާވެރިކަން ފާޅުކޮށް ތަހުނިޔާއާއި ހެޔޮއެދުންތައް ބަދަލުކުރާ ދުވަހެއްގެ ގޮތުގައި އީދު ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ މުޅި މުޖްތަމައުގައި އުފާވެރިކަން ފަތުރާލުން ކަަމަށެވެ. އަދި މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރައްވާ ހުރިހާ މުސްލިމުންނަށް މަބްރޫރު ހައްޖަކަށް ރައީސް ވަނީ އެދިވަޑައިގެންފައިވެ އެވެ.
ރައީސް އިތުރަށް ވިދާޅުވީ އަޟްހާ އީދު އަންނަނީ ހައްޖުގެ މަތިވެރި އަޅުކަމާ ގުޅިގެން ކަމަށްވާއިރު، މި އީދުން ހިތްތަކަށް ގެނެސްދެނީ ކޮންމެ ކަމެއްގައިވެސް، މުޖްތަމައުގެ ފަރުދުންގެ މެދުގައި އޮންނަންޖެހޭ އަދުލުވެރިކަމާއި ހަމަ ހަމަކަމުގެ މަތިވެރި އުސޫލުތައް ކަމަށެވެ. އަދި އެކަން މުޖުތަމައުގައި ފެތުރިގެންދާނީ އެކަކު އަނެކެއްގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތައިގެންކަމުގައި ރައީސްގެ ހިތާބުގައި ވިދާޅުވި އެވެ.