އަރަފާތު ބިމަށް ވާރޭ ވެހުން ހުއްޓާލާއިފި ކަމަށާއި ދިވެހި ހައްޖުވެރިންގެ ހާލު ރަނގަޅު ކަމަށް އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އަލީ ވިދާޅުވެއްޖެ އެވެ.
އަރަފާތު ބިމުގައި ހުންނަވާ ޝާފިއު ވިދާޅުވީ އެއް ގަޑިއިރަށް ވުރެ ގިނަ އިރު ބޯކޮށް ވާރޭ ވެހުނު ކަމަށާއި މިހާރު ވާރޭ ހުއްޓާލާފައިވާ ކަމަށެވެ. އަދި އެގަޑީގައި އެ ސަރަހައްދުގުއި ހުރި ބައެއް ޓެންޓުތައް ވެއްޓުނު ކަމަށާއި ނަަމަވެސް ދިވެހިންގެ ހާލު ރަނގަޅު ކަމަށް ވިދާޅުވި އެެވެ.
އަރަފާތު ބިމަކީ އާންމުކޮށް ހޫނު ގަދަކޮށް އޮންނަ ތަނެކެވެ. ނަމަވެސް ބައެއް ފަހަރު މޫސުން ގޯސްވެ ވާރޭ ވެހެ އެވެ.
ޝާފިއު ވިދާޅުވީ ރާއްޖޭގެ ހައްޖު މިޝަންގެ ފަރާތުން އަންނަނީ ހައްޖާޖީންގެ ކަންކަން ފުރިހަމައަށް ބަލަމުން ކަމަށާއި ހައްޖާޖީންނަށް ދިމާވާ ދަތިތައް ހައްލުކުރަން ހައްޖު މިޝަންގެ ފަރާތުން އިންތިޒާމްތައް ފަހި ކުރަމުން އަންނަ ކަމަށެވެ.
އަރަފާތު ބިމުގައި މިއަދު ވަނީ ހައްޖުގެ ހުތުބާ ދީފަ އެވެ. ހައްޖުވެރިން މިރޭ މުޒްދަލިފާގައި ރޭ ކުރާނެ އެވެ. އަދި މާދަމާ ޖަމްރާއަށް ހިލަ އުކުން އޮންނާނެ އެވެ.