ބިނައިން ޕްރޮސްޓޭޓް ހައިޕާޕްލޭސިއާ، ބީޕީއެޗް ނުވަތަ ޕްރޮސްޓޭޓް ގްލޭންޑް ދުޅަވެ ބޮޑުވުމަކީ އުމުރުން ދުވަސްވުމާ ގުޅިގެން ފިރިހެނުންނަށް ދިމާވާ އެންމެ އާންމު އެއް ސިއްހީ މައްސަލަ އެވެ. ޕްރޮސްޓޭޓް ގްލޭންޑް ބޮޑުވެ ދުޅަވުމުގެ ނަތީޖާއެއްގެ ގޮތުން ކުޑަކަމުދިޔުމުގައި ދަތިތަކާ ކުރިމަތި ކުރުވަ އެވެ. އަދި ހަމައެހެންމެ ބައެއް ހާލަތްތަކުގައި މަސާނާ އަދި ކިޑްނީގެ މައްސަލަތަކަށްވެސް މަގުފަހި ކުރުވަ އެވެ.
ޕްރޮސްޓޭޓްއަކީ ފިރިހެނުންގެ ކުޑަކަމުދާ ހޮޅީގެ ވަށައިގެންވާ ގޮތަށް އުފެދިފައިވާ ފިރިހެނުންގެ ނަސްލު އުފައްދާ ނިޒާމުގައި މުހިންމު ދައުރެއް އަދާ ކުރާ ކުޑަ ގުނަވަނެކެވެ. މި ގުނަވަން އެއްވެސް ސަބަބަކާ ހުރެ ބޮޑުވެ ދުޅަވެއްޖެނަމަ، ކުޑަކަމުދާ ހޮޅި ފިތޭގޮތް ވާނެ އެވެ. އެހެނީ އޭގެ ސަބަބުން މަސާނާގައި އުފެދިފައިވާ ކުޑަކަމުނަޖިސް ކުޑަކަމުދާ ހޮޅިީގެ ޒަރިއްޔާއިން ހަށިގަނޑުން ބޭރު ކުރުމަށް ހުރަސް އެޅޭނެ އެވެ.
ޕްރޮސްޓޭޓް ދުޅަވުމުގެ އަލާމާތްތައް
- އަވަސް އަވަހަށް ކުޑަކަމުދާން ޖެހުން
- ރޭގަނޑު އަވަސް އަވަހަށް ކުޑަކަމުދެވުން ( ކުޑަކަމުދާން ޖެހިގެން ނިދިން ހޭލެވު )
- ކުޑަކަމުދާން ފެށުމަށް އުނދަގޫވުން
- ކުޑަކަމުދާއިރު މަދުން ބޭރުވުން
- ކުޑަކަމުދާ އިރު މަސާނާ އެއްކޮށް ހުސްނުވާހެން ހީވުން
- ކުޑަކަމުދާ ނިމުމަށްފަހު ތިކި ޖެހުން
- ކުޑަކަމުދާންޖެހުމުން ނުހިފެއްޓުން / ކުއްލިއަކަށް ކުޑަކަމުދާން ޖެހުން
މިއީ އާންމުކޮށް ޕްރޮސްޓޭޓް ދުޅަވާ މީހުންނަށް މެދިވެރިވާ މައްސަލަތަކެވެ. ނަމަވެސް ފާހަގަކޮށްލަން ޖެހޭ ކަމަކީ މި އަލާމާތްތަކަކީ ޕްރޮސްޓޭޓް ދުޅަވެ ބޮޑުވެފައިވާ ވަރު ހާމަކޮށްދޭނޭ ކަމެއް ނޫންކަމެވެ. އެހެނީ ޕްރޮސްޓޭޓް ވަރަށް ބޮޑަށް ދުޅަވެފައި ހުރި މީހަކަށް މާ ބޮޑެތި އުނދަގޫތަކެއް ކުރިމަތި ނުވެ އަދި ޕްރޮސްޓޭޓްގެ ސައިޒް ކުޑަކޮށް ބޮދުވެފައިވާ މީހާގެ ފަރާތުން މިއިން ގިނަ އަލާމާތްތަކެއް ފެނުމަކީ ވެދާނެ ކަމެކެވެ.
މަތީގައި މި ދެންނެވުނު އަލާމާތްތަކަކީ އެހެނިހެން ސިއްހީ މައްސަލަތަކުގައިވެސް ފެނިދާނެ އަލާމާތްތަކެކެވެ. އޭގެތެރޭގައި ޔޫރިނަރީ އިންފެކްޝަން، މަސާނާ އަކި ކިޑްނީގެ މައްސަލަތައް އަދި މަސާނާ ކޮންޓްރޯލް ކުރާ ނާރުތަކުގެ މައްސަލެއްގެ ސަބަބުންވެސް މި ދެންނެވުނު މައްސަލަތައް މެދުވެރި ވެދާނެ އެވެ. ވީމާ މިފަދަ އަލާމާތްތަކެއް މެދުވެރިވާނަމަ، އޭގެ ސަބަބު ދެނެގަތުމަށްޓަކައި ޑޮކްޓަރަކަށް ދެއްކުން ވަރަށް މުހިންމު ވާނެ އެވެ.
ޕްރޮސްޓޭޓް ދުޅަވުމަށް މެދުވެރި ކުރުވާ ސަބަބުތައް
ބީޕީއެޗް މެދުވެރިކުރުވާ ހަގީގީ ސަބަބު ނޭނގުނުކަމުގައިވިޔަސް ބީޕީއެޗް މެދުވެރިވުމުގެ ފުރުސަތުތައް އިތުރުކޮށްދޭ ކަންތައްތަކެއް ވެއެވެ. އޭގެތެރޭގައި:
ސާޅީސް އަހަރުން ދަށުގެ ފިރިހެނުންނަށް ވަރަށް މަދުން ނޫނީ މިއީ ދިމާ ނުވާ މައްސަލައެކެވެ. އެހެނީ އުމުރުން 60 އަހަރުންމަތީގެ ކޮންމެ ތިން ފިރިހެނަކުން އެކަކަކީ ބީޕީއެޗް ގެ އުނދަގޫ ފޯރާ މީހެއްކަމަށާއި 80 އަހަރުންމަތީގެ ކޮންމެ ދެ މީހަކުން އެކަކަކަށް ޕްރޮސްޓޭޓް ދުޅާވުމުގެ ސަބަބުން އުނދަގޫތަކާ ކުރިމަތިލާން ޖެހޭކަމަށް ދިރާސާތަކުން ދައްކަ އެވެ.
- އާއިލާގައި ބީޕީއެޗް ހުންނަ މީހެއް ހުރުން
- ހަކުރު ބަލި ހުރުން
- ހިތުގެ ބަލި ހުރުން
- މާބޮޑަށް ސިއްހަތަށް ގެއްލުންވާ ވަރަށް ފަލަވުން
ބީޕީއެޗް ގިނަ ދުވަހަށް ދެމިގެން ގޮސްފިނަމަ ދިމާވެދާނެ ނުރައްކާ
ބީޕީއެޗް ގިނަ ދުވަހަށް ދެމިގެން ގޮސްފިނަމަ ދިމާވެދާނެ ނުރައްކާތަކުގެ ތެރޭގައި ކުއްލިއަކަށް ކުޑަކަމުދާ ތަކެތި ބޭރު ނުކުރެވި، މަސާނާގައި ކުޑަކަމުނަޖިސް އަށަގަނެފައި ހުރުން ހިމެނެ އެވެ. އަދި އާންމުކޮށް ބީޕީއެޗް ހުންނަ ފަރާތްތަކަށް މަސާނާ އެއްކޮށް ހުސް ނުކުރެވުމުގެ ސަބަބުން ކުޑަކަމުދާ ނިޒާމުގައި ޖަރާސީމް އަށަގަނެ، ޔޫރިނަރީ އިންފެކްޝަންތައް ޖެހުމުގެ ފުރުސަތުތައް ބޮޑެވެ. ހަމައެހެންމެ މަސާނާގައި ހިލަ އުފެދުމާއި ކިޑްނީގެ މައްސަލަތައް ދިމާވުމަކީވެސް މަދުމަދުން ނަމަވެސް ޕްރޮސްޓޭޓް ދުޅަވާ ފަރާތްތަކަށް ދިމާވާ މައްސަލަތަކެވެ.
ބީޕީއެޗް ދެނެގަތުމާއި ފަރުވާ
ޕްރޮސްޓޭޓް ދުޅަވެފަތޯ ހުރިތޯ ޑޮކްޓަރަށް ދެނެގަތުމަށް އާންމުކޮށް ބީޕީއެޗް ހުންނަ ފަރާތްތަކަށް ދިމާވާ އުދަނގޫތަކާއި އަލާމާތްތައް ހުރިތޯ ދެނެގަތުމަށް ސުވާލު ކުރެވޭނެ އެވެ. އަދި އެއަށް ފަހު ފުރަގަސް ފަރާތައް އިންގިލިލަށްވައިގެން ޕްރޮސްޓޭޓް ގްލޭންޑްގެ ސައިޒް ބޮޑުވެފައި ހުރިތޯ ބެލޭނެ އެވެ. އަދި ބައެއް ހާލަތްތަކުގައި އިތުރު ޓެސްޓްތަކާއި ސްކޭންތައް ހެދުމަށް ލަފާ ދީފާނެ އެވެ. ބީޕީއެޗް ހުރިކަން ދެނެގަނެވުމުން އެކަމަށް ފަރުވާ ކުރަން ފެށޭނީ ބަލި މީހާގެ އުމުރާއި، ޕްރޮސްޓޭޓް ދުޅަވެފައިވާ ސައިޒް އަދި އޭގެ ސަބަބުން ވާ އުނދަގޫތަކުގެ މައްޗަށް ބަލާފަ އެވެ. އެގޮތުން ޕްރޮސްޓޭޓް ގްލޭންޑްގެ ދުޅަކަން ކުޑަކޮށް ދިނުމަށް އެހީތެރިވެދޭ ގިނަ ބޭސްތައް ހުރެ އެވެ. މިފަދަ ބޭސްތަކުން ބީޕީއެޗްގެ ސަބަބުން މެދުވެރިވާ އުނދަގޫތަކަށް ލުއެއް ނުލިބިއްޖެނަމަ އޮޕްރޭޝަންއެއް ކުރުމަށް ޑޮކްޓަރު ލަފާދިނުން އެކަށޭނަ އެވެ.
ބީޕީއެޗް އަކީ ކުރިންވެސް ދަންނަވާލެވުނު ފަދައިން އުމުރުން ދުވަސްވީ ގިނަ ފިރިހެނުންނަށް މެދުވެރިވާ ސިއްހީ މައްސަލައެކެވެ. މިއީ އާންމު ދިރިއުޅުމުގައި ގިނަ އުނދަގޫތަކާ ކުރިމަތި ކުރުވާ ސިއްހީ މައްސަލައަކަށް ވީނަމަވެސް މިއަދު ލިބެން ހުރި ގިނަ އެދެވޭ ފަރުވާ ތަކާއެކު ބީޕީއެޗް އާ ދެކޮޅަށް ހަނގުރާމަ ކުރުމަކީ މާ އުނދަގޫކަމަކަށް ނުވާނެ އެވެ.