މިދިޔަ ސީޒަންގެ ޗެމްޕިއަންޝިޕްގެ ޕްލޭ އޮފް މެޗުން، ޕްރިމިއާ ލީގްގެ ޖާގަ ހޯދި އެސްޓަން ވިލާއިން ޓޮޓެންހަމް ހޮޓްސްޕާ އަތުން ޕޮއިންޓެއް ހޯދައިގެން މެޗުން ނިމެން ދަނިކޮށް ފަހު ވަގުތު ކޭން ކާމިޔާބު ކުރި ދެ ލަނޑުން މޮޅަކާއެކު ޓޮޓެންހަމް ޕްރިމިއާ ލީގް ފަށައިފި އެވެ.
ކޭން ޖެހި ދެ ލަނޑާއެކު ޓޮޓެންހަމް މެޗު ކާމިޔާބު ކުރީ 3-1 އިންނެވެ. މެޗުގެ ވަރަށް ކުރީ ކޮޅު، ލޫކަސް މޯރާ އާއި ޑެނީ ރޯސް ވިލާ ކޮޅަށް އަމާޒު ކުރި ހަމަލާތަކުން ޓޮޓެންހަމްއަށް ބޮޑު އިތުބާރެއް ލިބި އެ ޓީމު ކުރިއަށް ޖެހިލި އެވެ.
ފޯވަޑުންގެ ވަރުގަދަ ހަމަލާތަކާއެކު ޑިފެންޑަރުން ވެސް އެ ހަމަލާތަކުގައި ބައިވެރި ވަމުން ދިޔަ އެވެ. ޑިފެންސަށް ހޭވެރިކަންވީ މެޗުގެ ނުވަ ވަނަ މިނެޓް އެސްޓަން ވިލާގެ ޖޯން މެގިން ޓޮޓެންހަމްގެ ކޮޅަށް ވައްދާލި ލަނޑުންނެވެ.
ޓޮޓެންހަމްގެ ހަމަލާތައް ދިފާއު ކުރުމުގައި، އެސްޓަން ވިލާއަށް ކެތް ކޮށްލޮވުނީ މެޗުގެ 73 ވަނަ މިނެޓާ ހަމަޔަށެވެ. ވިލާގެ އޭރިއާ ތެރެއިން ލޫކަސް މޯރާ އަށް ލިބުނު ބޯޅަ އޭނާ ދިނީ އޭރިއާގެ ބޭރުގައި ހުރި ޓަންގީ ނޮޑެމްބެލޭ އަށެވެ.
ފްރާންސްގެ އޮލިމްޕިކް ލިޔޯން އިން މި ސީޒަންގައި ޓޮޓެންހަމް އާ ގުޅުނު މިޑްފީލްޑަރު ނޮޑެމްބެލޭ އަކީ ޓޮޓެންހަމްގެ ހަޔާތުގައި އެންމެ އަގު ބޮޑު ކޮށް އެ ޓީމަށް ގެނައި ކުޅުންތެރިޔާގެ އޭނާގެ ފުރަތަމަ އޮފިޝަލް މެޗުގައި އޭނާ ވަނީ ލަނޑު ޖާހަފަ އެވެ. މޯރާ ދިން ބޯޅަ، އޭރިއާގެ ބޭރުގައި ހުރެފައި އެއް ފަހަރުން ޖަހައި ގޯލްގެ ތެރެއަށް ވައްދާލި އެވެ.
މެޗުގެ 86 ވަނަ މިނެޓްގައި ކޭން ވަނީ ޓޮޓެންހަމް އަށް ލީޑް ނަގައިދީފަ އެވެ. އޭގެ ހަތަރު މިނެޓް ފަހުން 90 ވަނަ މިނެޓްގައި މޫސާ ސިސޯކޯ ތަނަވަސް ކޮށްދިން ފުރުސަތަކުން ކޭން ލީޑް ފުލާ ކޮށްދިނެނެވެ.
އެހެން މެޗުތަކަށް ބާލައިރު ބޯން މައުތުއާ ޝެފީލްޑް ޔުނައިޓަޑް ކުޅުނު މެޗު 1-1 އިން ނިމުނީ އެއްވަރު ވެގެންނެވެ. ބާންލީ އާ ސައުތު ހެމްޓަން ކުޅުނު މެޗު ބާންލީ ކާމިޔާބު ކުރީ 3-0 އިންނެވެ. ކްރިސްޓަލް ޕެލަސް އާ އެވަޓަން މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.