ވިޔަފާރި

ރާއްޖޭގެ ޓޫރިޒަމް ޔޫކްރެއިންގައި އިޝްތިހާރުކޮށްފި

Aug 11, 2019

ރާއްޖޭގެ ޓޫރިޒަމް ޔޫކްރެއިންގައި އިޝްތިހާރު ކުރަން ރިސޯޓް ލައިފް އިން ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.

ޔޫކްރެއިން ހިމެނޭ ސަރަހައްދުން އެންމެ ގިނައިން ޓޫރިސްޓުން ގެންނަ އެއް ކުންފުނި ކަމަށްވާ ރިސޯޓް ލައިފް އިން އިންތިޒާމުކުރި މި ހަރަކާތުގައި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއެކު ރާއްޖޭގެ ބައެއް ރިސޯޓުތަކުން ވަނީ ބައިވެރިވެފަ އެވެ.

ރިސޯޓް ލައިފް އިން ބުނީ "ތާޑް އެނުއަލް މޯލްޑިވްސް ޑޭ" ނަމުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގެ މަގުސަދަކީ ޝައުގުވެރި ކުރުވަނިވި ގޮތެއްގައި އެ ސަރަހައްދުގައި ރާއްޖެ އިޝްތިހާރު ކުރުން ކަމަށެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ޔުކްރެއިންގެ ރިސޯޓެއްގަ އެވެ. މި ހަރަކާތުގައި ރާއްޖޭގެ އަށް ރިސޯޓަރުން ބައިވެރިވެފައިވެ އެވެ. މީގެ އިތުރުން ޔުކްރެއިންގެ ބައެއް ޓުއާ އޮޕަރޭޓިން ކުންފުނިތަކުންވެސް ވަނީ ބައިވެރިވެފަ އެވެ.

މި ހަރަކާތުގައި ބައިވެރިވި ރިސޯޓުތަކުގެ ތެރޭގައި ފެއާ މައުންޓް މޯލްޑިވްސް ސިއްރުފެންފުށީގެ އިތުރުން ކޮކޫން މޯލްޑިވްސް އާއި ރޮބިންސަން ކްލަބް މޯލްޑިވްސް އަދި ހެރިޓެންސް އާރަށް ރިސޯޓުގެ އިތުރުން އަދާރަން ހޮޓެލްސް އެންޑް ރިސޯޓްސް އަދި އަޔާޑާ މޯލްޑިވްސް އަދި ދާދިފަހުން ހުޅުވި ދަ ރެސިޑެންސް މޯލްޑިވްސްގެ އިތުރުން ވައްކަރު މޯލްޑިވްސް ހިމެނެ އެވެ.

ޔުކްރެއިންއަކީ ރާއްޖެއަށް އުންމީދީ މާކެޓެކެވެ. އެ ގައުމުން މި އަހަރުގެ ޖެނުއަރީއިން މެއި މަހުގެ ނިޔަލަށް ޔޫކްރެއިންއިން ރާއްޖެއަށް 6،006 މީހުން ވަނީ އައިސްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 8.3 ޕަސެންޓުގެ ކުރިއެރުމެކެވެ.