ބޭރު ކުޅިވަރު

ޔުނައިޓަޑް ޗެލްސީ، ދެ ޓީމު އެއް މަރުހަލާއެއްގައި

ޗެލްސީ އާއި މެންޗެސްޓާ ސިޓީއަށް ބިލިއަނަރުން ހަވާލުވެ އެ ކުލަބު ވަރުގަދަ ކުރަމުން ދިޔަ އެވެ. އެހެންނަމަވެސް ޔުނައިޓަޑްގެ ފިލޯސަފީ ތަފާތެވެ. ބިލިއަނަރެއްގެ ބޮޑު އިންވެސްޓްމެންޓެއް ނެތި އެލެކްސް ފާގަސަން ހުރެގެން އޭނާ ވަނީ ޔުނައިޓަޑްގައި ކާމިޔާބު ހޯދުމުގެ ސިފަތަށް އެކުލަވާލާފަ އެވެ.

އާދައިގެ އަގުތަކުގައި ޔުނައިޓަޑަށް ގެނައި ކުޅުންތެރިން އެ ޓީމުގައި ކާމިޔާބު ހޯދަމުން ދިޔަ އެވެ. އޭގެތެރެއިން އެއް ކުޅުންތެރިޔަކީ ނޯވޭގެ އޮލޭ ގަނާ ސޮލްޝަޔާ އެވެ. ރަޝިޔާގެ ބިލިއަނަރު ރޯމަން އަބްރޮމޮވިޗް 2003 ވަނަ އަހަރު ޗެލްސީ ގަތުމަށް ފަހު، ކުލަބު ހާލަތު ބަދަލު ކުރަން 100 މިލިއަން ޔޫރޯ ހޭދަ ކުރި އެވެ. ގިނަ ކުޅުންތެރިންތަކެއް ގަތުމަށް ފަހު ޗެލްސީގެ ކޯޗަކަށް އޭނާ ގެނައީ، އޭގެ ކުރީ އަހަރު ޗެމްޕިއަންސް ލީގް ފައިނަލުގައި މެންޗެސްޓާ ޔުނައިޓަޑް ބަލި ކުރި ޕޯޓޯގެ އޭރުގެ ކޯޗް ހޯޒޭ މޮރީނިއޯ އެވެ.

ޗެލްސީގެ މުޅި ޕްލޭނަކަށްވީ، މެންޗެސްޓާ ޔުނައިޓަޑުން އިނގިރޭސި ލީގްގައި ދަމަހައްޓަމުން ދިޔަ ޑޮމިނެންސަށް ޗެލްސީގެ ނުފޫޒުވެސް ގެނައުމެވެ. މޮރީނިއޯ ޗެލްސީ އާ ހަވާލުވެ އިނގިރޭސި ލީގް ޖެހިޖެހިގެން ދެ ފަހަރު ހޯދި އެވެ. އެ ކާމިޔާބުގައި ޗެލްސީގެ އެންމެ މުހިންމު ކުޅުންތެރިޔަކަށްވީ މިހާރު އެ ޓީމުގެ ކޯޗް ފްރޭންކް ލަމްޕާޑެވެ. އެއީ ދެ ވަނަ ބޮޑު ހަނގުރާމައިގެ ފަހުން އިނގިރޭސި އެންމެ ބޮޑު ލީގް ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ޗެލްސީ ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ.

ޗެލްސީ އާއި ޔުނައިޓަޑްގެ އަޑު އިނިގިރޭސި ޕްރިމިއާ ލީގްގައި ގަދަވެގެން ދިޔަ އެވެ. އެހެންނަމަވެސް ހާލަތު މިހާރު ބަދަލު ވެފައި ވަީ އެހެން ގޮތަކަށެވެ. ޔުނައިޓަޑާއި ޗެލްސީގެ ވާދަވެރި ކަމުގެ ރޭސް ނިމެމުން އައިސް މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް އަދި ޓޮޓެންހަމް ލީގްގެ ގަދަ ހަތަރެއްގެ ތެރޭގައި ޑޮމިނޭޓް ކުރަން ފެށި އެވެ.

އިނގިރޭސި ފުޓްބޯޅަ ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި އެ ތިން ޓީމު އިނގިރޭސި ފުޓްބޯޅައިގެ އެންމެ އުހުގައި ޑޮމިނޭޓް ކުރަން ފެށި އެއް ސަބަބަކީ އެ ޓީމު ތަކުން ބޭނުން ކުރި މެނޭޖުމެންޓް ސްޓރެޓެޖިކް އެވެ. ޔުނައިޓަަޑާއި ޗެލްސީ އަމިއްލަ އަތުން އެކަން ދޫކޮށްލުމުން އެ ދެ ޓީމު އުނދަގޫ ހާލަތަކަށް ވެއްޓުނެވެ.

ޗެލްސީގެ ކޯޗް ލަމްޕާޑް ގަބޫލު ކުރާ ގޮތުގައި ޗެލްސީ އާއި ޔުނައިޓަޑް މިހާރު އޮތީ އެއް ހާލަތެއްގަ އެވެ. ލަމްޕާޑް ބުނީ އޭނާ އާއި ޔުނައިޓަޑްގެ ކޯޗް ސޮލްޝަޔާ އަށްވެސް އޮތީ އަލުން ޓީމެއް ބިނާ ކުރުމުގެ މަސައްކަތް ކުރުން ކަމަށެވެ. އެ މަސައްކަތުގައި މި ސީޒަންގައި ޗެލްސީއަށް އުނދަގޫތަކެއް ވަނީ ކުރިމަތި ވެފަ އެވެ. ޓީމުގެ އެންމެ މުހިންމު ކުޅުންތެރިން ކުލަބުން ދޫކޮށްލި ނަމަވެސް، ފީފާއިން އެ ޓީމާ ދެކޮޅަށް އަޅާފައިވާ ޓްރާންސްފާގެ އަދަބާ ގުޅިގެން އާ ކުޅުންތެރިޔަކު އެ ޓީމަށް ނުގެނެވުނެވެ.

ލަމްޕާޑް ވަނީ، ޓްރާންސްފާގެ ބޭން އަދަބު ވާހަކަ ނުދެއްކުމަށް އޭނާގެ ކުޅުންތެރިންގެ ގާތުން އެދިފަ އެވެ. އޭނާ ބުނީ ލީގް ގައި ވާދަވެރި ކަމާއެކު އޮންނަން ޗެލްސީން އެދޭނަމަ ޓްރާންސްފާގެ ބޭންގެ ވާހަކަ ދެއްކުން ރަނގަޅު ނޫން ކަމަށާއި އެންމެ ރަނގަޅު ގޮތަކީ ޗެލްސީން ވަރުގަދަ އަށް ވާދަ ކުރަން މަސައްކަތް ކުރުން ކަަމަށެވެ.

"އަހަރެން ޗެލްސީގެ ކުޅުންތެރިންނަށް ބަލާލާއިރު މި ޓީމުގައި އެބަތިބި ވާދަވެރި ކަމާއެކު ލީގްގައި ވަރުގަދަ އަށް މަސައްކަތް ކުރެވޭނެ ކުޅުންތެރިން،" ލަމްޕާޑް ބުންޏެވެ. "އެ ކުޅުންތެރިންނާއެކު ލީގްގެ ވަރުގަދަ މަގާމަކަށް ވާދަ ކުރުން އަހަރެމެން ނަގަން ޖެހޭނީ ޗެލެންޖެއްގެ ގޮތުގައި."

ޔުނައިޓަޑްގެ ކޯޗުގެ ގޮތުގައި ސޮލްސަޔާ ފަށާ ފުރަތަމަ ސީޒަނަކީ މި ސީޒަނެވެ. އޭނާއަށްވެސް އޮތް ޗެލެންޖު ކުޑައެއް ނޫނެވެ. މިދިޔަ އަހަރު އޮކްޓޯބަރު މަހު ކޯޗް ކަމުން ހޯޒޭ މޮރީނިއޯ ވަކި ކުރުމަށް ފަހު، ވަގުތީ ކޯޗެއްގެ ގޮތުގައި ޔުނައިޓަޑުން ގެނައީ ސޮލްޝަޔާ އެވެ. އޭނާ އާއެކު އެ ޓީމުން ކާމިޔާބު މަސައްކަތްތަކެއް ކުރުމުން އޭނާ އާއެކު ކުރިއަށް ދާން ޔުނައިޓަޑުގެ ވެރިން ނިންމި އެވެ.

ޕްރިމިއާ ލީގްގެ ޓްރާންސްފާ ޕީރިއަޑްގެ އެންމެ ފަހު ދުވަހު، ޔުނައިޓަޑުން ވަނީ އެ ޓީމުގެ ސްޓައިކަރު ރޮމެލޫ ލުކާކޫ އިންޓަ މީލާނަށް ދޫކޮށްލާފަ އެވެ. ސޮލްޝަޔާ ބުނީ ލުކާކޫ ކަހަލަ ކުޅުންތެރިޔަކު ދޫކޮށްލަން ޖެހުމުން އޭގެ އަސަރު ކޮންމެވެސް ވަރަކަށް ޓީމަށް ކުރާނެ ކަމަށެވެ.

އެހެންނަމަވެސް ލަނޑު ޖެހުމުގައި ޔުނައިޓަޑަށް މައްސަލަ ދިމާ ނުވާނެ ކަމަށް 100 އާ ގާތް ކުރާ އަދަދަކަށް ޔުނައިޓަޑަށް ލަނޑު ޖަހައި ދިން ކުރީގެ ފޯވަޑް ބުންޏެވެ. ޔުނައިޓަޑަށް ލިބޭނެ އެންމެ ބޮޑު އިތުބާރަކަށް ވަނީ ޓީމުގެ މިޑްފީލްޑާ ޕައުލް ޕޮގްބާ ޓީމުގައި މަޑު ކުރުވުމެވެ. އޭނާގެ ސޮއި ހޯދަން ރެއާލް މެޑްރިޑުން ތަކުރާރުކޮށް އެދުނެވެ. ހުދު ޕޮގްބާވެސް ވަނީ އޭނާ ރެއާލް އަށް ބަދުލުވާން ބޭނުންވާ ކަމަށް ޔުނައިޓަޑްގެ ވެރިން ގާތު ބުނެފަ އެވެ.

"ޕައުލް [ޕޮގްބާ] ގެ ޕޮރޮފިޝަނަލިޒްމް އަކަށް އެއްވެސް ބަދަލެއް ނާދޭ،" ޕޮގްބާ އާ ބެހޭގޮތުން ސޮލްޝަޔާ ބުންޏެވެ. "މަސައްކަތުގެ ރޭޓް އޭނާ ހުރީ ބަރާބަރަށް، އޭނާ އަކީ ވަރަށް ރަނގަޅު ކުޅުންތެރިން އަހަރެން އަބަދުވެސް އޭނާ ކައިރީ ބުނަނީ ޓްރެއިނިންތަކަށް އައިސް ރަނގަޅަށް މަސަކްތް ކުރާށޭ،، އޭނާގެ ފަރާތުން އަކަން ވަރަށް ރަނގަޅަށް ފެނޭ."

ޔުނައިޓަޑާ ޗެލްސީ ބައްދަލު ކުރާ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ އިރާ ކޮޅު 8:30 ގަ އެވެ.