ކުޅިވަރު

ރޮނާލްޑޯގެ ވިދުން ފަނޑުވެ، ފެލިކްސްގެ ވާހަކަ ގަދަވެއްޖެ

ކްރިސްޓިއާނޯ ރޮނާލްޑޯގެ ޔުވެންޓަސްގެ މައްޗަށް، އެތުލެޓިކޯ މެޑްރިޑް 2-1 ން މޮޅު ދިނުމަށް އެތުލެޓިކޯގެ ލަނޑުތައް ޔޯއާ ފެލިކްސް ކާމިޔާބު ކުރުމާއެކު، ޕޯޗުގަލްގެ މިހާރުގެ ތަރި ރޮނާލްޑޯގެ ވާހަކައަށް ވުރެ އަރަމުން އަންނަ ޕޯޗުގަލްގެ ތަރި ޔޯއާ ފެލިކްސްގެ ވާހަކަ ގަދަ ވެއްޖެ އެވެ.

މިހާރު ކުރިއަށްދާ ޕްރީ ސީޒަންގައި، ފެލިކްސްގެ ފެންވަރު އޭނާ ވަރަށް ރަނގަޅަށް ހާމަ ކޮށްދިނެވެ. ރެއާލް މެޑްރިޑުން އަތުން އެމެރިކާގައި 7-3 ން މޮޅުވުމާއި ރޭ ޔުވެންޓަސް އާ ދެކޮޅަށް ދެ ލަނޑު ޖަހައިގެން މޮޅުވުމުން އެތުލެޓިކޯއިން އޭނާ އަށް ހޭދަ ކުރި 126 މިލިއަން ޔޫރޯގެ އަގަކީ ހައްގު އަގެއް ކަން އޭނާ ވަނީ ސާބިތު ކޮށްދީފަ އެވެ.

ސްވިޑެންގެ ސްޓޮކްހޯމްގެ ފްރެންޑްސް އެރީނާގައި ކުޅުނު މެޗުގައި، އެތުލެޓިކޯގެ ފުރަތަމަ ލަނޑު ފެލިކްސް ކާމިޔާބު ކުރީ މެޗުގެ 24 ވަނަ މިނެޓްގަ އެވެ. އޭގެ ފަސް މިނެޓް ފަހު ސާމީ ކެދީރާ ވަނީ ޔުވެންޓަސްއަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އަލުން އެތުލެޓިކޯ އަށް ލީޑް ނަގައިދޭ ފެލިކްސްއަށް ބޭނުންވީ ހަތަރު މިނެޓެވެ.

ރެއާލް މެޑްރިޑާ ދެކޮޅަށް އެމެެރިކާގައި ކުޅުނު މެޗުގައިވެސް އޭނާ ވަނީ ލަނޑެއް ޖަހައި އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސް ކޮށްދީފަ އެވެ.

ރޭ ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އެތުލެޓިކޯގެ ކޯޗް ޑިއޭގޯ ސިމިއޯނޭ ބުނީ، ފެލިކްސްއާ މެދު އޮތް އެންމެ ބޮޑު ހިތްހަމަޖުހުމަކީ އޭނާ އަކީ ކަންކަން ވަރަށް އަވަހަށް ދަސް ކުރާ ކުޅުންތެރިޔެއް ކަމުގައި ވުން ކަމަށެވެ.

"މެޗުގެ ތެރެއަށް ހޭނިލުމަށް އޭނާ ވަރަށް ފަރިތަ، އެކަން ވަރަށް ރަނގަޅަށް ފެނިގެން ދިޔަ،" 19 އަހަރުގެ ފެލިކްސް އާ ބެހޭގޮތުން ސިމިއޯނޭ ބުންޏެވެ. "މެޗުގައި އޭނަ ބައިވެރި ކޮށްފިޔާ އޭނާ ވަރަށް ރަނގަޅަށް ގޭމް ދެނެގަނޭ، އޭނާގެ އެންމެ ރަނގަޅު ކަމަކީ ވަރަށް އަވަހަށް ކަންކަން ދަސް ކުރާކަން."

މި އަހަރުގެ ސީޒަން އެތުލެޓިކޯ ފަށާނީ ސްޕެނިސް ލީގުންނެވެ. އެތުލެޓިކޯގެ ފުރަތަމަ މެޗުގައި އަންނަ އާދިއްތަ ދުވަހުގެ ރޭ ގެޓާފޭ އާ ދެކޮޅަށެވެ.