ހަބަރު

ގަރުނެއްވީ ސާމާނުތަކާއެކު ކުޅުދުއްފުށީގައި އަމިއްލަ މީހެއްގެ މިޔުޒިޔަމެއް

ތާރީހީ، ދުސްވީ ސާމާނުތަކާއެކު ހދ. ކުޅުދުއްފުށީގައި މިޔުޒިޔަމެއް މިއަދު ހުޅުވައިފި އެވެ.

މި މިޔުޒިޔަމަކީ ކުޅުދުއްފުށީ ކޮކާހަނދުވަރުގޭ، އާރިފް އަލީގެ ގޭގައި ހުޅުވި އޭނާ އެއްކޮށްފައިވާ ގިނަ ސާމާނުތައް ފެންނާނެހެން ހުރި މިޔުޒިޔަމެކެވެ. ނަމަކަށް ދީފައިވަނީ ރަށްވެހި އާސާރެވެ.

މިއަދު މި މިއުޒިޔަމް ހުޅުވައިދެއްވީ ކުޅުދުއްފުށީގެ ދެ މަޖިލިސް މެންބަރުން ކަމަށްވާ ޔާސިރު ލަތީފާއި ޖަމްޝީދު މުހައްމަދެވެ.

މިޔުޒިޔަމްގައި ވަރަށް ދުވަސްވީ ސާމާނު ވެސް އެބަ ހުއްޓެވެ. އެގޮތުން މީގެ ގަރުނެއް ކުރިން ބޭނުންކުރި ބައެއް ސާމާނު އެބަހުއްޓެވެ. އޭގެ ތެރޭގައި ސަމްސުއްދީން ރައްދުންގެ ދައުލަތުގެ ސިއްކަ ޖެހި ގުޅިތައް އެބަހުއްޓެވެ.

މިތަނުގައި ކުޅުދުއްފުށީގައި އިހުގައި ބޭނުންކުރި ބައެއް އާލާތްތަކާއި ދިވެހިން ވިޔަފާރިކުރުމަށް ގެންގުޅު ބޮލި ފަދަ ތަކެއްޗާއި މަލާފަތާއި ކުޑަކުދިންގެ ކޮށި ފަދަ ތަކެތި އެބަ ހުއްޓެވެ.