ކުޅިވަރު

އޮބާމަޔަންގްގެ ލަނޑުން އާސެނަލް މޮޅަކާއެކު ލީގް ފަށައިފި

ޕިއާ އެމްރިކް އޮބާމަޔަންގް ނިއުކާސަލް ޔުނައިޓަޑް ކޮޅަށް ވައްދާލި ލަނޑުން 1-0 ގެ ނަތީޖާއަކުން، އާސެނަލް އިނގިރޭސި ޕްރިމިއާ ލީގް ފަށައިފި އެވެ.

މިދިޔަ ޓްރާންސްފާ ޕީރިއަޑްގައި އާސެނަލްގެ ބޮޑު ތިން ޓްރާންސްފާގެ ގޮތުގައި، ފްރާންސްގެ ލިއްލޭ އިން ގެނައި، ނިކޮލަސް ޕެޕޭ އާއި ލޯން އެއްބަސްވުމުގެ ދަށުން ގެނައި ރެއާލް މެޑްރިޑްގެ މިޑްފީލްޑާ ޑެނީ ސެބެޔޯސް އަދި އިނގިރޭސި ޓްރާންސްފާގެ އެންމެ ފަހު ދުވަހު ޗެލްސީން ގެނައި ޑިފެންޑަރު ޑޭވިޑް ލުއިޒް، މެޗު ފެށީ ބެންޗުންވެ. އޭގެ ތެރެއިން ނިކޮލަސް ޕެޕޭ އާއި ސެބެޔޯސް އަށް ވަނީ ބަދަލު ކުޅުންތެރިންގެ ގޮތުގައި ފުރުސަތު ދީފަ އެވެ.

އާސެނަލްގެ ލަނޑު، އޮބާމަޔަންގް ކާމިޔާބު ކުރީ މެޗުގެ 58 ވަނަ މިނެޓްގައި އެންސްލީ މެއިޓްލެންޑް ނައިލްސް ނަގައިދިން ބޯޅަ ހުހަށް ޕެނަލްޓީ އޭރިއާ ތެރެއަށް އަރައި ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ. އޮބާމަޔަންގް އޮފްސައިޑް ކަމަށް ހީކޮށް ނިއުކާސަލްގެ ކޯޗް ސްޓިވް ބުރޫސް އެކަން އެޕީލްވެސް ކުރި އެވެ. އެހެންނަމަވެސް އޮބާމަޔަންގް ހުރީ އޮފްސައިޑު މަޅިން ސަލާމަތް ވެގެންނެވެ.

ފުރަތަމަ ހާފުގައިވެސް އޮބާމަޔަންގް އަށް ވަނީ ލަނޑު ޖަހާނެ އެހެން ފުރުސަތެއްވެސް ލިބިފަ އެވެ. ގްރެނިޓް ޒަކާ ތަނަވަސް ކޮށްދިން ބޯޅައިން އޮބާމަޔަންގް ފޮނުވާލި ބޯޅަ ނިއު ކާސަލްގެ ކީޕަރު މާޓިން ޑުބްރަވަކާ ދިފާއު ކުރީ އެވެ.

ދެ ވަނަ ހާފުގައި ލިޑް ނެގި ނެގުމުގެ ކުރިންވެސް އޮބާމަޔަންގް ނެގި ކޯނަރެއް ނުރައްކާ ގޮތަކަށް ނިއުކާސަލްގެ ގޯލް ކުރިމައްޗަށް ހުރަސްވި އެވެ. އެހެންނަމަވެސް އާސެނަލްގެ އެއްވެސް ކުޅުންތެރިޔަކަށް ބޯޅައިގައި ޖެހޭ ގޮތް ނުވުމުން އެ ބޯޅަ ދިޔައީ ގޯލް ހުރަސްކޮށް ބޭރަށެވެ.