ރާއްޖޭގެ ގައުމީ ޓީމާ ދެކޮޅަށް ކުޅެން، އަވަށްޓެރި ސްރީލަންކާގެ ގައުމީ ވޮލީ ޓީމު މަލޭ އަތުވެއްޖެ އެވެ.
ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފްގެ ދައުވަތަކަށް، މިރޭ ލަންކާގެ ގައުމީ ޓީމު މާލެ އައީ، އަންނަ އަންގާރަ ދުވަހުގެ ރޭ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށެވެ.
އެ މެޗަކީ ބުރާސްފަތު ދުވަހުން ފެށިގެން މި މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ނޭޕާލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވާ ގައުމީ ޓީމަށް މުބާރާތުގެ ކުރިން ވަރުގަދަ މެޗެއް ދިނުމުގެ ގޮތުން އިންތިޒާމު ކުރާ މެޗެކެވެ. އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ލަންކާގެ ޓީމު ރާއްޖޭގައި މަޑު ކުރާނެ އެވެ.
މި އަހަރުގެ ސެންޓްރަލް ޒޯން މުބާރާތުގައި ރާއްޖޭގެ ޓާގެޓަކީ މުބާރާތުގެ ޗެންޕިއަން ހޯދުމެވެ. ލަންކާއާ ދެކޮޅަށް މާލޭގައި މި ކުޅޭ މެޗަކީ މުބާރާތަކަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ވޮލީ ޓީމުން ރާއްޖޭގައި ކުޅޭ ފުރަތަމަ އިންޓަނޭޝަނަލް މެޗެވެ.
ލަންކާ އާ ދެކޮޅަށް މާލެގައި މެޗެއް ހަމަޖެހުމުން ކުރިގެ ކުޅުންތެރިން ވަނީ އެކަން ވަރަށް ބޮޑަށް ފާހަގަ ކޮށްފަ އެވެ. ކުރީގެ އެއް ވަނަ ސެޓަރު ފަތުހުﷲ ވަހީދު (ފައްލޯ) ބުނީ އެ މެޗަކީ ރާއްޖޭގެ ވޮލީބޯޅައިގެ ހަޔާތުގައި މުޅިން އާ ފެށުމެއް ކަމަށެވެ.
"އަޅުގަނޑުމެން ކުޅުނު ދުވަސް ވަރުވެސް މިކަހަލަ މެޗެއް އަޅުގަނޑުމެންނަށް ލިބިފަކާއެއް ނެތް،" 16 އަހަރު ވަންދެން ގައުމީ ޓީމަށް ކުޅުނު ފައްލޯ ބުންޏެވެ. "އެހެންވީމަ މިއީ ވޮލީ އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ކުރެވޭ މަސައްކަތުގެ ފުރަތަމަ ބޮޅު ކަމަށް އަޅުގަނޑު މި ބަލަނީ."
ގައުމީ ވޮލީ ޓީމުގެ ކުރީގެ ކެޕްޓަން މުހައްމަދު ރަނޭޝް (ރަނޭ) ބުނީ މީގެ ކުރިން ރާއްޖޭގެ ފަސް ގަނޑުގައި ގައުމީ ވޮލީ ޓީމަށް ފުރުސަތު ލިބެނީ ބޭރުގެ ޓީމުތަކަށް ދައުވަތު ދީގެން ރާއްޖޭގައި ބާއްވާ މުބާރާތަކަށް އަންނަ ވާދަވެރި ޓީމުތަކާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ކަމަށާއި އިންޓަނޭޝަނަލް މުބާރާތަކަށް ތައްޔާރުވުމުގެ ރާއްޖޭގެ ފަސްގަނޑުގައި އިންޓަނޭޝަނަލް މެޗެއް ކުޅުމުގެ ފުރުސަތު ނުލިބޭ ކަމަށެވެ.
"މީ ވޮލީ އާއިލާއަށް ލިބުނު ރަނގަޅު ފުރުސަތެއް،" ވީއޭއޭއެމްގެ ބީޗް ވޮލީ ކޮމިޝަނާގެ މަގާމުވެސް ކުރިން އަދާ ކުރި ރަނޭ ބުންޏެވެ. "މިކަހަލަ މެޗުތައް ގިނައިން ލިބުމަކީ ވޮލީން ރަން ވަނަ ތަކެއް ހޯދުމަށް ލިބޭ އެއް ސަބަބު."
އަންގާރަ ދުވަހުގެ ރޭ 8:30 ގައި ސޯޝަލް ސެންޓަރުގެ އިންޑޯގައި ކުޅޭ މި މެޗު ބަލަން ވ އަތޮޅުންނާއި މާލޭ ކައރިީ ރަށްރަށުން އަންނަ ފަރާތްކަށް ދަތުރު ހިލޭ ހަމަޖައްސަވާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.
މަހްލޫފް ވިދާޅުވީ މެޗަށް ހާއްސަކޮށް ސަޕޯޓަރުން ބޭނުން ކުރުމަށްޓަކައި 500 ޓީޝާޓް ތައްޔާރު ކުރަން ހަމަޖެހިފައިވާ ކަމަށާއި އަދި މުޅި ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލް ގައުމީ ކުލަތަކުން ޒީނަތްތެރި ކުރާނެ ކަމަށެވެ.