މާކަސް ރަޝްފާޑް ޖެހި ދެ ލަނޑާއެކު، ޗެލްސީގެ މައްޗަށް 4-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ކޯޗް ފްރޭންކް ލަމްޕާޑްގެ ފެށުން މެންޗެސްޓާ ޔުނައިޓަޑުން ހިތްދަތި ކޮށްލައިފި އެވެ.
އޮލޭ ގަނާ ސޮލްޝަޔާ އާ އެކު ޔުނައިޓަޑުން ފެށި ފުރަތަމަ ސީޒަންގެ މެޗުންވެސް އެ ޓީމު ވަނީ މޮޅުވެފަ އެވެ. މިއީ ލީގްގެ ފުރަތަމަ މެޗުން ޔުނައިޓަޑް ޖެހިޖެހިގެން މޮޅުވި ފަސް ވަނަ ފަހަރެވެ. މީގެ ކުރިން އެކަން ތަކުރާރު ވެފައި ވަނީ 1910 ވަނަ އަހަރު އެވެ.
މިދިޔަ ދެ ސީޒަން، ޔުނައިޓަޑުން ފެށީ މިހާރު ކޯޗެއްގެ ގޮތުގައި ނުފެނުމުން ޓީވީގައި ފުޓްބޯލް އެނަލިސްޓެއްގެ ގޮތުގައި ފެންނަ ހޯޒޭ މޮރީނިއޯ އާއެކު އެވެ. ލީގްގައި ރަނގަޅު ނަތީޖާތަކެއް ހޯދާނެ ޓީމުތަކުގެ ގޮތުގައި އޭނާ ލިސްޓް ހެދިއިރު ޔުނައިޓަޑް، އާސެނަލް އަދި ޗެލްސީގެ ނަން ފާހަގަ ކުރަން ބޭނުން ނުވުމުން އޭނާ ފާހަގަ ކުރީ މެންޗެސްޓާ ސިޓީގެ ބީ ޓިމެވެ. އޭގެ ކުރިއަށް އޭނާ ލީ ސިޓީގެ ސީނިއާ ޓީމާއި ލިވަޕޫލާއި ޓޮޓެންހަމް އެވެ.
މޮރީނިއޯގެ ބަދަލުގައި ސޮލްޝަޔާ އެކު ޔުނައިޓަޑުން ފެށި ފުރަތަމަ ސީޒަންގައި ޗެލްސީ ކޮޅަށް ހަތަރު ލަނޑު ޖެހައި، ބައިކޮޅަށް ލަނޑެއް ނުވަދެ ނިންމާލެވުމަކީ ސޮލްޝަޔާއަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމެކެވެ.
ޔުނައިޓަޑުން ހަތަރު ލަނޑު ޖެހި ވާހަކަ އާއެކު، މެޗުގެ ވާހަކަ ނިންމާލައިގެން ނުފުދޭނެ އެވެ. ފުރަތަމަ ހާފުގައި ޗެލްސީން ވަނީ ޔުނައިޓަޑަށް ވުރެ މާ ނުރައްކާތެރި ހަމަލާތަށް ފޮނުވާލާފަ އެވެ. އެ ޓީމުގެ ޓަމީ އަބްރަހަމް އާއި އެމާސަން ދެ ފަހަރެއްގެ މަތިން ފޮނުވާލި ބޯޅަ އަމާޒުވީ ދަނޑިއަށެވެ. ރޮސް ބާކްލީ ފޮނުވާލި ވަރުގަދަ ހަމަލާ ދިފާއު ކުރީ ޔުނައިޓަޑްގެ ކީޕަރު ޑޭވިޑް ޑެހެއާ އެވެ.
ޔުނައިޓަޑްގެ ފުރަތަމަ ލަނޑު ރަޝްފާޑް ކާމިޔާބު ކުރީ މެޗުގެ 18 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުންނެވެ. އެ ޕެނަލްޓީ އަކީ ޗެލްސީގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެ ޓީމުގެ ޑިފެންޑަރު ކާޓް ޒޫމާ، ރަޝްފާޑްގެ ފަޔަށް އެރި އޭނާ ވެއްޓުމާ ގުޅިގެން ދިން ޕެނަލްޓީ އެކެވެ.
ޗެލްސީގެ ކީޕަރު ކެޕާ އަރީޒަބަލާގާ، ހަރަކާތް ކުރީވެސް ރަނގަޅު ފަޅި އަށެވެ. އެހެންނަމަށްވެސް ގޯލްގެ މަތީ ކަނަށް ވާގޮތަށް ރަޝްފާޑް ބޯޅަ ފޮނުވާލުމުން ކެޕާ އަތުގައި ލައްވާލާ ގޮތެއް ނުވި އެވެ.
ޔުނައިޓަޑްގެ ދެ ވަނަ ލަނޑު، އެންތޮނީ މާޝިއަލް ކާމިޔާބު ކުރީ އަންޑްރެއިސް ޕެރެއިރާ ނަގައިދިން ފުރުސަތަކުންނެވެ. މެޗުގެ 65 ވަނަ މިނެޓްގައި ޕެރެއިރާ، ޗެލްސީގެ ގޯލް ކުރިމައްޗަށް ނަގައިދިން ބޯޅައަށް އަރައި ހުރީ މާޝިއަލް އެވެ. ޗެލްސީގެ ޑިފެންސުން އޭނާ މާކު ކޮށްގެން ހުއްޓައި ގޯލްގެ ކުރިމަތީގައި ހުރެ ބޯޅަ ވައްދާލި އެވެ.
ރަޝްފާޑްގެ ދެ ވަނަ ލަނޑު އޭނާ ކާމިޔާބު ކުރި ކުރީ އޭގެ ދެ މިނެޓް ފަހުންނެވެ. ޕައުލް ޕޮގްބާ ބޯޅަ ދިންއިރު ރަޝްފާޑް ހުރީ ޗެލްސީގެ ޑިފެންޑަރުންނާއި އެއް ހަމައެއްގައެވެ. ޕޮގްބާ ބޯޅަ ދިނުމުން އޮފްސައިޑުން މަޅިން ނެއްޓި އޭނާ އަށް މުޅިން ހުސްވި އެވެ. ދެން އޭނާއަށް ހުރަސް އަޅަން ހުރީ ޗެލްސީގެ ކީޕަރު އެކަންޏެވެ. އޭރިއާ ތެރެއަށް ވަން ގޮތަށް ޗެލްސީގެ ގޯލަށް ބޯޅަ ވައްދާލި އެވެ.
ޔުނައިޓަޑްގެ ހަތަރު ވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މި ސީޒްންގައި ސްވަންސީ ސިޓީން، ޔުނައީޓަޑާ ގުޅުނު ވޭލްސްގެ ޒުވާން ވިންގާ ޑެނިއަލް ޖޭމްސް އެވެ. ޕޮގްބާ ދިން ބޯޅަ އޭރިއާ ތެރޭގައި ހުރެފައި އޭނާ ވައްދާލީ ގޯލްގެ ދުރު ކަނަށެވެ. އެ ބޯޅަ ގޯލަށް ވަނީ ޗެލްސީގެ ޑިފެންޑަރުގެ ގައިގައި ޖެހި މިސްރާބު ބަދަލު ވެގެންނެވެ.