ހަބަރު

އީދުގެ ފުރަތަމަ ދުވަސް، ގިނަ ހާދިސާތަކެއް

އީދުގެ ފުރަތަމަ ދުވަހަކީ ކޮންމެ މީހަކުވެސް އެންމެ އުފާވެރިކަމާއެކު ހޭދަ ކުރަން ބޭނުންވާ އެއް ދުވަހެވެ. މި ދުވަހަށް ދުރާލާ ތައްޔާރުވާން ބޭނުންވާ އެތަކެއް ބަޔަކު ތިބޭނެ އެވެ. އީދުގެ ފުރަތަމަ ދުވަހު ރަށަކަށް ޖައްސާލާ އެރަށު ކައިރީގައި އޮންނަ ފަޅު ރަށަކަށް ނުވަތަ ފިނޮޅަކަށް ދަތުރު ހަދާލަން ދާނެ އެވެ. އީދުގެ ފޯރި ގަދަ ކުރުމުގެ ބޭނުމުގަ އެވެ.

އީދާ ދިމާކޮށް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އީދު ފެށުމުގެ ކުރިން ބުނެފަ އެވެ. މޫސުން ގޯސްވާނެކަން އެނގުނަސް އީދު ދަތުރު ކެންސަލް ކޮށްލާނީ މަދު ބައެކެވެ. މިއީ ވަރަށް އާދައިގެ ކަމަކަށް ދެކުނަސް ހިތާމަވެރި ހާދިސާއެއް ހިނގައިދާނެ ކަމެކެވެ. އެކަން އިއްޔެގެ ސުރުހީތަކަށް ބަލާލުމުން ވަރަށް ރަނގަޅަށް އެގިގެންދާނެ އެވެ. ކަނޑުމަތީ ހާދިސާތަށް ހިނގި މިންވަރުން އެނގޭނެ އެވެ. އެންމެ ދުވަހެއްގެ ތެރޭގައި ކަނޑުމަތީ އަށް ހާދިސާ ހިނގައިފި އެވެ. ހުސް ނުރައްކާތެރި ހާދިސާތަކެވެ.

އީދުގެ ފުރަތަމަ ދުވަހު ހިނގި ކަނޑުމަތީ ހާދިސާތަށް

  • ކޮޅިގަނޑެއްގައި ޖެހި ރިސޯޓެއްގެ ފަޅުގައި އޮތް ސަޕްލައި ދޯންޏެއް ގެއްލުން
  • އެނބޫދޫ ފަޅު ކައިރިން ތިން މީހުން ކަނޑުވުން
  • އެއާ ޓެކްސީ އެއް ސަޕްލައި ދޯންޏެއްގައި ޖެހި އެކްސިޑެންޓްވި
  • ފިނޮޅަކަށް ދަތުރުކުރި 12 މީހަކު ކޮޅިގަނޑެއްގައި ޖެހި ހާލުގައި ޖެހުނު
  • ކެނޯއެއްގައި މޫދަށް އެރުނު ދެ މީހަކު ގެއްލިގެން ހޯދަމުން ދަނީ
  • ލޯންޗެއް ހުއްޓި 19 މީހަކު ހާލުގައި ޖެހުނު
  • މާލޭ ފަޅުގައި އަޅާފައިވާ ދޯންޏެއް ދިޔާވި
  • ފަރަށް އެރި ސަފާރީއަކަށާއި ތެޔޮ ބޯޓަކަށް ސިފައިން އެހީވި

ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށްވެފައި ދަތުރު ކުރުމުގައި ކަނޑުމަގު ބޭނުންކުރަން ޖެހޭ ރާއްޖެ ކަހަލަ ގައުމެއްގައި މިއީ އާދައިގެ ކަމަކަށް ވެދާނެ އެވެ. ނަމަވެސް ޗުއްޓީއަށް ލިބޭ ދުވަސްތަކުގައި އާއިލާ ގްރޫޕު ހަދާލައިގެން ކަނޑުދަތުރު ކުރަނީ ތުއްތު ކުދިންވެސް ގޮވައިގެންނެވެ. އިއްޔެ ހިނގި ދެ ހާނދިސާއެއްގައި ތުއްތު 11 ކުއްޖަކު ވަނީ ހާލުގައި ޖެހިފަ އެވެ. އެކުއްޖަކު ހާލުގައި ޖެހުނީ އދ. ދަނގެތި ކައިރީގައި އޮންނަ ފިނޮޅަކަށް ދަތުރު ގޮސް ހުއްޓައި ކޮޅިގަނޑެއްގައި ޖެހިގެންނެވެ. އަނެއް 10 ކުދިން ހާލުގައި ޖެހުނީ ދަތުރު ކުރަމުން ދިޔަ ލޯންޗު ކަނޑު މައްޗަށް ހުއްޓިގެންނެވެ.

މޫސުމާ ބެހޭ ރަނގަޅު މައުލޫމާތު ހޯދައިގެން ދަތުރު ކުރާނަމަ މިފަދަ ހާދިސާތަށް ހިނގާ މިންވަރު މަދުވާނެ އެވެ. މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދާނަމަ އިއްޔެ ހިނގި ހާދިސާތަކުގެ އަދަދު ދަށް ކުރެވޭނެކަން ޔަގީނެވެ. އަބަދުވެސް އަތުގައި އޮންނަ ފޯނުން މިހާރު މޫސުން ބަލާލެވޭ ގޮތަށް މެޓް އޮފިހުން އެޕްލިކޭޝަނެއް ތައްޔާރުކޮށްފައި ވާއިރު އީދު ޕްލޭން ހަދަން ބޭނުންކުރާ ވައިބާގައި މެޓް އޮފީހުން ދަނީ ޕަބްލިކް ގްރޫޕެއް މެދުވެރިކޮށް މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު އާންމު ކުރަމުންނެވެ.

ހިތާމެވެރި އެތަކެއް ހާދިސާތަކެއް މި ހިނގަނީ ފަރުވާ ކުޑަވެގެން އެހެން ނުނީ ކަމާ ގުޅޭ ފަރާތްތަކުން އާންމު ކުރާ މައުލޫމާތުތަށް އިތުބާރު ނުކުރާތީ އެވެ. އިއްޔެ އެތަކެއް ބައެއްގެ ފުރާނަ ތުއްތު ކުދިން ހިމޭނޭ ގޮތަށް ނުރައްކަލަށް ހުށަހެޅިގެން ދިޔައިރު، ދަތުރުތަށް ޕްލޭން ކުރުމުގެ ކުރިން މޫސުން ބަލާލި ކަމަށް ލަފާކުރެވެން ނެތެވެ. އީދު ޗުއްޓީ ފާހަގަ ކުރުމުގެ ބޭނުމުގައި އެއްވެސް މީހަކު އެމީހެއްގެ އާއިލާ ނުވަތަ ރަހުމަތްތެރިއަކު ނުރައްކަލަކަށް ހުށަހެޅިގެންދާކަށް ބޭނުމެއް ނުވާނެ އެވެ.

ޗުއްޓީއަށް ދަތުރު ވެސް ހަމަ ދާންވީ އެވެ. ހަމަ އެ ފޯރީގައި ޗުއްޓީ ޕްލޭން ކުރާ ދުވަހުގެ މޫސުން ވެސް ބަލާލުން ރަނގަޅުވާނެ އެވެ. ސަލާމަތީ ބާރުތަކުންނާއި ކަމާގުޅޭ އިދާރާތަކުން މައުލޫމާތު އާންމުކޮށް، ކަންތައްތަކަށް ސަމާލުވެ ތިބުމަށް އިލްތިމާސްކުރަނީ، އެމީހުން ކުރަން ޖެހޭ މަސައްކަތުން ރެކެން ކަމަކަށް ނުބުނެވޭނެ އެވެ. އެ މައުލޫމާތު އާންމުކޮށް ވަކިކަމަށް ސަމާލުވާން އަންގަނީ ޗުއްޓިއަށްދާ މިހާގެ އާއިލާއަށާއި، އޭނާގެ ރަހުމަތްތެރިންގެ ސަލާމަތާއި ރައްކާތެރި ކަމަށެވެ. އެހެންކަމުން ހިތާމަވެރި ހާދިސާތަށް މަދު ކުރުމުގެ ބާރު ދަތުރު ކުރާ ފަރާތަށް އެބަ އޮތެވެ. ކުރަން ޖެހާވެސް ކަމަކީ މެޓް އޮފީސް އަދި އެހެނިހެން ކަމާގުޅޭ އިދާރާތަކުން އާންމުކުރާ މައުލޫމާތު ގަބޫލުކޮށް، ރައްކާތެރިވެ ތިބެ ދަތުރު ކުރުމެވެ.