ރިޕޯޓް

މިތިބީ ގުރާތައް އުދުއްސައިދޭން ތައްޔާރަށް!

ދިވެހިންގެ ޝައުގުވެރިކަން އަބަދުވެސް ހުންނަނީ އާ ކަންކަމަށެވެ. އާ ގޮތްތަކަށެވެ. އާ ކުޅިވަރުތަކަށެވެ. ޝައުގުވެރިކަމަކީ ޖެހޭ ވަޔާއި އެއްގޮތަށް އަބަދުވެސް ބަދަލުވަމުންދާ ކަމެކެވެ. މިފަހަރު މިއޮތީ ރާއްޖޭގައި މަދުން ނޫނީ ނުފެންނަ ކަމެއް ކުރާ ދެ ޒުވާނެއްގެ ވާހަކަ އެވެ. ގޭގައި ބެދިފައި އިންނަ ކޮޓަރީގައި ގެންގުޅޭ އަގުބޮޑު ގުރާ ބޭރުގައި އުދުއްސަން ބޭނުން ހެއްޔެވެ؟ މުހައްމަދު ޝިފާޒް (ޒިޕޯ ސިއްޕެ) އާއި އިބްރާހިމް ނާޝިއު (ނޮންޓަ) މިތިބީ އެކަމަށް ތައްޔާރަށެވެ.

ސިއްޕެ އާއި ނޮންޓައާ ދެ މީހުންނަކީ މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ގުރާ ގެންގުޅެން ފެށި ދެ މީހުންނެވެ. އެންމެ ކުޑައިރުއްސުރެ ދޫންޏަށް ލޯބި ޖެހިފައިވާ ދެ މީހުން އެންމެ ފުރަތަމަ އެމީހުން ގެންގުޅުނު ގުރާ، ހުޅުވިފައިވާ ޖައްވުގެ ތެރެއަށް ދޫކޮށްލީ އެ ދެ މީހުންނަށް މިއަދު ލިބިފައިވާ ހުރިހާ ޓްރެއިނިންގެ މޭސްތިރި، އަހުމަދު އައިމަން އައްބާސް (ދާދަ) އެވެ. އޭނާއަކީ ސިއްޕެ އާއި ނޮންޓަގެ އަސްލު ޓްރެއިނަރެވެ.

"އަސްލު ދާދަ މެން ޓާފް ދަނޑަށް އައިސް އެމީހުން ގެންގުޅޭ އަގުބޮޑު ގުރާތައް، މަކާއު ކަހަލަ ގުރާތައް ގެނެސްގެން އުދުއްސަން ފެށީމަ އަހަރުމެން ދެ މީހުން ވެސް ޓްރެއިން ކުރަން އަންނަން ފެށީ، އޭރު އޭނަ އެކަނި ކަހަލަ ގޮތަކަށް އަންނަނީ، އޭރު އަހަރުންވެސް ދޫނި ގެންގުޅޭތީ އެމީހުންނާއި ވާހަކަ ދައްކައިގެން އެމީހުންނާ ޖޮއިން ކުރީ،" ސިއްޕެ ބުންޏެވެ.

ސިއްޕެ އާއި ނޮންޓަގެ ދަތުރު ފެށިގެން ދިިޔައީ ދާދަގެ އެހީތެރިކަމާއެކު އެވެ. މިހާރު ސިއްޕެ އާއި ނޮންޓަގެ ދުވަސް ފެށިގެން އަންނަނީ އެ މަސައްކަތުންނެވެ. ރޯދައިގެ ކުރިން މެންދުރުގެ އެންމެ ހޫނުގަދަ ވަގުތުގައި މަކާއޮ އުދުއްސަން އައިސް ލިބުނު ތަރުހީބާއެކު އެކަން ކޮށްދޭން ރަސްމީކޮށް ފޭސްބުކް ޕޭޖެއް ހަދައިގެން މަސައްކަތް ފެށީ އެވެ.

ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ވަރަށް ބޮޑު ތަރުހީބެއް އެކަމަށް ލިބިގެން ގޮސްފި އެވެ. މަދު ބަޔަކާއިއެކު ފެށި އެކަން މިހާރު ވަނީ ވަރަށް ބޮޑަށް ވައިގައި ހިފާފަ އެވެ. ކޮންމެ ދުވަހަކު ހެނދުނު ހެނދުނާ ގުރޫޕް އެއްކޮށް އެއްވަނީ މާފަންނު ވެލި ދަނޑަށެވެ. ދެމީހުންގެ ދުވަސް ފެށެނީ ޓްރެއިންތަކުންނެވެ.

"މިހާރު ހަމަ ކޮންމެ ދުވަހަކުވެސް ހެނދުނު އަންނަން، ބައިވެރިވާ އެންމެން ހިމެނޭ ވައިބާ ގްރޫޕެއް އިންނާނެ، އޭގަ ޖަހަން ދާންޖެހޭ ގަޑި، ގަޑި ނުޖެހިއަސް މިހާރު އެންމެނަށް އިނގޭނެ ކޮންމެ ދުވަހަކު ހައެއް ޖަހާއިރަށް އެތަނަށް ދާނެ ކަން، އެހެންވެ ބުނާކަށް ނުޖެހެ، އެމީހަކު ގެންގުޅޭ ދޫނި ހިފައިގެން އަންނަނީ އެގަޑިއަށް،" ސިއްޕެ ބުންޏެވެ.

ސިއްޕެ ކިޔާދިން ގޮތުގައި ކޮޓަރީގައި ގިނަ ދުވަސްތަކެއް ވަންދެން އިންނަ ގުރާ ގެންގުޅޭ މީހާ ގޮވާލުމުން އައި ނަމަވެސް ބޭރަށް ނުކުތުމުން އޭގެ ހާލަތު ތަފާތު ކަމަށެވެ. އެއީ ސިއްޕެ އާއި ނޮންޓަގެ މަސައްކަތެވެ. ބޭރު ދުނިޔެއަށް އެދޫނި ހޭލައްވާލުމެވެ. އަދި އޮޅު ކުރުމެވެ.

"ފުރަތަމަ ކުރާ ކަމަކީ މަކާއޮ ކަހަލަ ގުރައެއް އަލަށް ގެއިން ނެރެގެން ގެނެސް ބޭރު ތެރޭގައި އުދުހެން ދަސްކޮށްދޭން ފައިގައި ވާގަނޑެއް އައްސައިގެން ދޫކުރަނީ، އެ ގޮތަށް ޓްރެއިން ކޮށްދީގެން ދަސްކޮށް ދެނީ،" ނިންޓަ ބުންޏެވެ.

ގުރާ ގެންގުޅެން ދެ މީހުން ހުރި ޝައުގުވެރިކަމުގެ ސަބަބުން މިއަދު ދެ މީހުން ކުރަމުންދާ މަސައްކަތަށް ދަނީ ވަރަށް ހަލުވިކަމާއެކު ތަރުހީބު ލިބެމުންނެވެ. އަދި ވަރަށް ހަލުވި ކަމާއެކު ފުޅާވަމުން ވެސް މެއެވެ.

ސިއްޕެ އާއި ނޮންޓަ ދޫނި ދެކެ ވާ ލޯބީގެ ހަގީގަތަކީ ގުރާ ޓްރެއިން ކޮށްދިނުމުގެ މަސައްކަތް ދެ މީހުން ވެސް ކޮށް ދެނީ ހިލޭ އެވެ. އެއްވެސް އަގަކާ ނުލަ އެވެ.

"އެއްވެސް އަގެއް މިހާތަނަކަށް ނުނަގަން، އަޅުގަނޑުމެން މިތިބީ ހަމަ ތައްޔާރަށް، މިހާރުވެސް އަންނަންވީ، ކޮންމެ މީހަކަށް ދަސްކޮށްދޭނަން، އެއްވެސް އަގަކާ ނުލާ، އެއީ އަޅުގަނޑުމެންގެ އުސޫލަކީ،" ނޮންޓަ ބުންޏެވެ.

މިކަން އިސްތިހާރުކުރަން ހެދި ފޭސްބުކް ވެގެންދިޔައީ ދެ މީހުންގެ މަސައްކަތަށް އިތުރު ހިތްވަރަކަށެވެ. ސިއްޕެ ބުނީ ފޭސްބުކް މެދުވެރިކޮށް ވަރަށް ވެސް ގިނަ މީހުން ބައިވެރިވާން އެދޭ ކަމަށެވެ. އެކަމަށް އަބަދުވެސް ފުރުސަތު ހުޅޫވާލައިގެން ހުރި ކަމަށެވެ.

މިހާރު އެ ދެ މީހުން ޓްރެއިން ކޮށްދެނީ އާންމުކޮށް އެމަޒޯންސްއާ މަކާއޮ އާއި އެފްރިކަން ގްރޭސް ފަދަ ދޫނިތަކަށެވެ. ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު ދެ މީހުން މާފަންނު ވެލި ދަނޑަށް ދޫނި އުދުއްސަން ދެއެވެ. ހުކުރު ދުވަހަކީ ހުޅުމާލެ ސެންޓްރަލް ޕާކްގައި އެ ދެ މީހުން ދޫނި އުދުއްސަންދާ ދުވަހެވެ. ބައިވެރިވާން ބޭނުންވާ ކޮންމެ މީހަކަށްވެސް އެފުރުސަތުދީ، އެހީވާން ދެ މީހުން ވެސް ތިބީ ތައްޔާރަށެވެ.

ނޮންޓަ ބުނީ މިހާރު އުޅެނީ ހުސް ވެސް ފިރިހެނުން ކަމަށާއި ގިނައީ ޒުވާނުން ކަމަށެވެ. އަދި އަންހެން ކުދިން ވެސް އެދެމުންދާ ކަމަށާއި ނަމަވެސް އަދި މިހާތަނަށް އަންހެން ކުއްޖެއް އައިސްފައިނުވާ ކަމަށެވެ.

އެ ދެ މީހުންގެ ހަބަރު ދަނީ ވަރަށް ހަލުވިކަމާއެކު ފެތުރެމުންނެވެ. އެގޮތުން ރާއްޖޭގެ ރަށްރަށުން ވެސް ދެ މީހުން ގެންދަން ބޭނުންވެ އެވެ. ސިއްޕެ ބުނީ، ރާއްޖޭގެ ރަށްރަށުންވެ ސް ވަރަށް ގިނައިން ގެންދަން ގުޅާ ކަމަށާއި ނަމަވެސް ވަގުތު ހުންނަ ގޮތުން އަދި ދެވޭ ގޮތް ނުވެފައިވާ ކަމަށެވެ.

ދެ މީހުންގެ އުންމީދަކީ ވީހާވެސް ގިނަ ބަޔަކަށް އެހީވުމެވެ. ވީހާވެސް ގިނަ ބަޔަކު ބައިވެރިވެ، ގެންގުޅޭ ދޫންޏަށް ކޮންމެ ދުވަހަކުވެސް ހެނދުނު އުދުހިލަން ޖައްވަށް ދޫކޮށްލަދޭން އެހީވުމެވެ. ދެ މީހުން ބޭނުންވަނީ މިކަމަކީ ޒުވާނުންނަށް ކޮށްދޭ ހިދުމަތެއްގެ ގޮތުގައި ކުރިއަށް ގެންދިއުމެވެ. ސިއްޕެ އާއި ނޮންޓަގެ ވިސްނުން ހުރީ އެގޮތުގައި ކުރިއަށްދާށެވެ.