ހަބަރު

ކެނޯގައި ގެއްލުނު ދެ މީހުން ހުޅުމާލެއަށް އަރައި ސަލާމަތްވެއްޖެ

Aug 12, 2019
6

އިއްޔެ ހަވީރު ވިލިމާލެއަށް ކެނޯއެއްގައި މޫދަށް އެރި އުޅުނު ދެ މީހަކު ސަލަމާތްވުމަށް އަމިއްލައަށް ހުޅުމާލެއަށް އަރާފައިވާކަމަށް ފުލުހުން ބުނެފި އެވެ.

އިއްޔެ ހަވީރުން ފެށިގެން ގެއްލުނު އުމުރުން 20 އަހަރާއި 33 އަހަރުގެ ދެ މީހުން ހޯދުމުގެ މަސައްކަތް ކޯސްޓް ގާޑާއި ފުލުހުން ކުރި ނަމަވެސް، އެމީހުން ހުޅުމާލެ އަށް އެރީ ރޭ ފަތިހު 3:10 ގަ އެވެ.

ކޮޅިގަނޑެއްގައި ޖެހިގެން އޮޔާ ގެންދިޔަ ކެނޯ، ހުޅުމާލޭ ސްމިވިން ޓްރެކް އޮތް ސަރަހައްދާ ކައިރިއަށް ދިއުމުން ކެނޯ ދޫކޮށްލާފައި ފަތާފައި ހުޅުމާލެއަށް އެރީ ކަމަށް، ފުލުހުން ބުންޏެވެ.

އަދި އެމީހުންގެ ސިއްހީ ހާލަތު ވެސް ރަނގަޅުކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން އިތުރަށް ބުންޏެވެ.

ރާއްޖެއަށް މޫސުން ވަރަށް ގޯސްވެފައިވާއިރު އިއްޔެ އެކަނި ވެސް ވަނީ ކަނޑުމަތީ ގިނަ ހާދިސާތަކެއް ހިނގާފަ އެވެ. ފުލުހުންނާއި ޑިޒާންސްޓާ މެނޭޖުމެންޓުން ވަނީ ރައްކާތެރި ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ކަނޑުދަތުރު ފަތުރުކުރުން މަޑުޖައްސާލަން އިލްތިމާސްކޮށްފަ އެވެ.