ކުޅިވަރު

ހަގީގަތް ގަބޫލުކޮށް ނޭމާގެ މަގާމަށް ހައްލެއް ހޯދަން ޖެހޭ

ޕީއެސްޖީގައި ނޭމާ ހުންނަން ބޭނުން ނުވާ ކަމުގެ ހަގީގަތް ގަބޫލު ކޮށް، ނޭމާގެ މަގމަށް ހައްލެއް ހޯދަން ޖެހޭ ކަމަށް ޕީއެސްޖީގެ ކޯޗް ތޯމަސް ޓުހުލް ބުނެފި އެވެ.

ފްރާންސް ލީގްގައި ޕީއެސްޖީގެ ފުރަތަމަ މެޗުގައި ރޭ ނިމްސްއާ ދެކޮޅަށް ކުޅުނު މެޗުގައި، ތަރިއަކަށްވީ ފްރާންސްގެ ފޯވަޑް ކިލިޔަން އެމްބާޕޭ އެވެ. އޭނާ ވަނީ ލަނޑު ޖެހުމުގެ އިތުރަށް އިތުރު ލަނޑެއް ޖެހުމަށް ފަުރުސަތު ތަނަވަސް ކޮށްދީފަ އެވެ.

ޕީއެސްޖީގެ ފުރަތަމަ ލަނޑު މެޗުގެ 24 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ އެޑިންސަން ކަވާނީ އެވެ. އެ ޕެނަލްޓީ އަކީ، ނިމްސްގެ ޕެނަލްޓީ އޭރިއާ ތެރެއިން އެ ޓީމު ކުޅުންތެރިޔެއްގެ އަތުގައި ބޯޅައިން ޖެހުމުން ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ޓެކްނޮލަޖީން ބެލުމަށް ފަހު ދިން ޕެނަލްޓީ އެކެވެ.

ޕީއެސްޖީގެ ދެ ވަނަ ލަނޑު، މެޗުގެ 56 ވަނަ މިނެޓްގައި އެމްބާޕޭ ކާމިޔާބު ކުރީ ހުއާން ބާނެޓް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ޕީއެސްޖީގެ ތިން ވަނަ ލަނޑު އޭންހަލް ޑީ މާރިއާ ކާމިޔާބު ކުރީ 69 ވަނަ މިނެޓްގައި އެމްބާޕޭ ދިން ހިތްގައިމު ބޯޅަ އަކުންނެވެ.

މެޗުގެ ސްކޮޑުގައިވެސް ނޭމާ ނުހިމަނަ އެވެ. މެޗުގެ ކުރިން ޕީއެސްޖީގެ ސްޕޯޓިން ޑައިރެކްޓާ ލިއަނާޑޯ ބުނީ، ނޭމާގެ ޓްރާންސްފާ ކުރިއަށް ވުރެ ބާރަށް ކުރިއަށްދާ ކަމަށެވެ. ނޭމާ ގެންދަން އޭނާގެ ކުރީގެ ކުލަބު ބާސެލޯނާ އާއި ރެއާލް މެޑްރިޑުން ދަނީ މަސައްކަތް ކުރަމުންނެވެ. ރެއާލްއަށް ވުރެ ބޮޑަށް ނޭމާ ދިއުން ގާތީ ބާސެލޯނާ އަށެވެ.

ޕީއެސްޖީން ބޭނުންވަނީ، ބާސާގެ ފިލިޕޭ ކުޓިނިއޯ އާއި ޑިފެންޑަރު ނެލްސަން ސަމޭޑޯ ޕީއެސްޖީއަށް ގެނައުމަށެވެ. އެ ޑީލްގައި ނޭމާ އެޅުވަން ޕީއެސްޖީ ބޭނުން ވެއެވެ. ޕީއެސްޖީގެ ކޯޗް ޓޫހުލް ބުނީ ނޭމާގެ ރިޕްލޭސްމެންޓެއް ހޯދުމަކީ އުނދަގޫ ކަމެއް ކަމަށާއި އެހެންނަމަވެސް ނޭމާ ކުޅޭ މަގާމަށް ހައްލުތަކެއް ހޯދަން ޖެހޭ ކަމަށެވެ.

"މިހާރު ކަންތައް އޮތީ ޕީއެސްޖީ އާއި ނޭމާ އަދި އޭނާ ބަދަލުވާ ކުލަބެއްގެ އަތް މަތީ އިތުރަކަށް އަހަރެންނަކަށް ނުބުނެވޭނެ،" ޖަރުމަންގެ ޓޫހުލް ބުންޏެވެ. "އަހަރެން ނޭމާ އާ މެދު ވަރަށް ޝައުގުވެރިވޭ، އަހަރެން ބޭނުން އޭނާ ކިލިޔަން [އެމްބާޕޭ] އާއި އަދި އެހެން ކުޅުންތެރިންނާއެކު ކުޅެން ހުންނަން، އޭނާ ގޮސްފިއްޔާ އަހަންނަށް އެހޭ ފަސޭހައެއް ނުވާނެ."

ރޭ ގެ މެޗުގައި ޕީއެސްޖީގެ ސަޕޮޓަރުން ވަނީ ނޭމާ ޕީއެސްޖީ ދޫކޮށް ދިއުމަށް ގޮވާލާ ދަނޑުގައި ބޭނާ އެއް ބޭނުންކޮށްފަ އެވެ. އަދި ސަޕޯޓަރުން ވަނީ ނޭމާ ޓީމު ދޫކޮށްލުމަށް ގޮވާވެސް ލާފަ އެވެ.