ގައުމީ ކެޕްޓަން އަލީ އަޝްފާގް ކުޅެމުން އަންނަ މެލޭޝިޔާގެ ޕީޑީއާރުއެމުގެ ބައެއް ކުޅުންތެރިންނަށް ރިޝްވަތުގެ ތުހުމަތު ކުރެވިފައިވަނިކޮށް އެކުލަބުގެ ކޯޗާއި ބައެއް ކުޅުންތެރިންގެ ކޮންޓްރެކްޓް ބާތިލްކޮށްފި އެވެ.
އެކުލަބުން ކޮންޓްރެކްޓް ބާތިލްކުރީ ކޯޗު އަޒްމަން އަދުނާން އާއި އޭނާގެ އެސިސްޓެންޓް ނަޒުރުލެރުވަން މަކްމޯ އާއި ކެޕްޓަން މުސްލިމް އަހުމަދު އަދި މިޑްފީލްޑަރު އަޒްވާން ރޯޔާ އެވެ.
ކޯޗުގެ ބަދަލުގައި ވަގުތީގޮތުން ޓީމު ހަވާލުކޮށްފައިވަނީ ޓްރޭނަރު މުހައަމަދު ފައުޒީ ޕިލުސްއާ އެވެ.
ޕީޑީއާރު އެމުން ކޯޗާއި އެސިސްޓެންޓް އަދި ދެ ކުޅުންތެރިއެއްގެ ކޮންޓްރެޓް އުވާލީ މެޗު ފިކްސިންގެ މައްސަލައަކާ ހެދި ކަމަށް މެލޭޝިޔާގެ ނޫސްތަކުން ބުނި ނަމަވެސް އެކުލަބުން މިކަން ދޮގުކުރެ އެވެ.
ކުލަބުގެ އިސްވެރިއެއް ކަމަށްވާ ދާތުކް މުހައްމަދު ފުއާދު ކަރީމް މީޑިޔާ އަށް މައުލޫމާތު ދެމުން ވިދާޅުވީ އެފަދަ ކަމެއް ނޫޅޭ ކަމަށާއި ނަމަވެސް ކުރިއަށްހުރި މެޗުތަކުގައި އެކަން ބަލާނެ ކަމަށެވެ. އަދި ކޯޗާއި އެސިސްޓެންޓް މަގާމުން ވަކިކުރީ ޓީމަށް ދޭންވާން ވަގުތާއި މަސައްކަތުގެ ރޭޓް ދަށް ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ. ކުޅުންތެރިންގެ ކޮންޓްރެކްޓް އުވާލީ އަހުލާގު ގޯސްވުމުން ކަމަށެވެ.
"އެމީހުން ފޮނުވާލުމުގެ (ކޮންޓްރެކްޓް ބާތިލްކުރުމުގެ) ކުރިން އަހަރުމެން ދިރާސާކުރިން. އޭގެ އަލީގައި އަހަރުމެންނަށް ފެނުނީ އެމީހުންގެ ފަރާތުން ލިބެމުން އައި ހިދުމަތް ވަގުތުން ނިމުމަކަށް ގެންނަންޖެހޭ ކަމަށް. މެޗު ފިކްސިންގެ އިޝޫގައި އަހަރުމެން ކުރިއަށް ހުރި މެޗުތަކުގައި އެކަން ބަލާނަން،" ފުއާދު ކަރީމް ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ކޯޗާއި ކުޅުންތެރިން ފޮނުވާލުމަށް ޓީމުގެ ކުޅުންތެރިންގެ ފަރާތުން ރުހުން ލިބިފައިވާ ކަމަށެވެ.
މި އަހަރުގެ މެލޭޝިޔާގެ ސުޕަ ލީގުގައި ކުޅެން ފެށި ޕީޑީއާރުއެމް ފަހަކަށް އައިސް ނެރެފައިވަނީ ދަށް ނަތީޖާތަކެކެވެ. ޖުމުލަ 12 ޓީމު ވާދަކުރާ ލީގުގައި އެ ޓީމު މިވަގުތު އޮތީ ހަތް ވަނާގަ އެވެ. ލީގުގައި ހަތް މެޗު ބާކީ އޮތްއިރު އެ ޓީމަށް ލިބިފައިވަނީ 15 މެޗުން 21 ޕޮއިންޓެވެ. މިއީ އެއްވަނާގައިވާ ފަހަންގަށްވުރެ 12 ޕޮއިންޓް މަދު އަދަދެކެވެ.
ލީގުގައި ޕީޑީއާރުއެމް މާދަމާ ކުޅޭނީ ފަސްވަނާގައިވާ ސެލަންގޯއާ ދެކޮޅަށެވެ.