ކަޝްމީރުގެ މައްސަލަ

އީދުގައި ކަޝްމީރު މުސްލިމުންނަށް ހިތްދަތިކަން

އިންޑިއާގެ ސްޓޭޓެއް ކަމަށްވާ ކަޝްމީރުގެ ރައްޔިތުންނަށް ލިބިދޭ ހާއްސަ އިމްތިޔާޒުތައް އުވާލާގޮތަށް ގަރާރު ފާސްކުރުމުން، އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން އެ ސްޓޭޓުގެ މުސްލިމުންނަށް އެމީހުންގެ އާއިލާ މީހުންނާ ބައްދަލު ނުކުރެވި އީދުގެ އުފަލުން މަހްރޫމްވެއްޖެ އެވެ.

ކަޝްމީރު ރައްޔިތުންނަަށް ލިބިދޭ ހާއްސަ އިމްތިޔާޒުތައް އުވާލުމާ ގުޅިގެން މުސްލިމުން ހަމަނުޖެހުން ހިންގާ ކަމަށް ބުނެ ކަޝްމީރުގައި ވަނީ ކާފިއު އިއުލާންކޮށްފަ އެވެ. އަދީ މުވާސަލާތީ ހިދުމަތް ދިނުންވެސް މުޅީހެން ހުއްޓާލާފަ އެވެ. ފޯނު މެދުވެރިކޮށް އާއިލާ މީހަކަށް ގުޅާލެވެނީ ކަޝްމީރުގެ މުސްލިމުން ނޫޅޭ ހިސާބަކަށް ގޮސްގެންނެވެ.

އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދުގެ އެ ނިންމުމާ ދެކޮޅަށް ހަދާ ކަޝްމީރުގެ މުސްލިމުންނާ ދެކޮޅަށް އިންޑިއާ ސިފައިންގެ 10،000 މީހުން ވަނީ ހުރިހާ ގާނޫނީ ބާރުތަކެއް ލިބިދޭ ގޮތަށް ކަޝްމީރަށް މައި ސަރުކާރުން ފޮނުވާފަ އެވެ. މި ބާރުގެ ދަށުން އިންޑިއާ ސިފައިން ވަނީ ކަޝްމީރުގެ މުސްލިމް ސިޔާސީ ލީޑަރުން ސިއްރު ތަނެއްގައި ބަންދު ކޮށްފަ އެވެ.

ހަމަނުޖެހުން ހިންގާކަމަށް ބުނެ، އިންޑިއާގެ ސިފައިން ވަނީ ކަޝްމީރުގައި ދިރިއުޅޭ މުސްލިމް ކުޑަ ކުދިން އަދި މުސްކުޅިންގެ ލޮލަށް ކަރުނަ ގޭސް ޖަހާފަ އެވެ.

ސިފައިންގެ ހިންގާ އަމަލުތަކުގެ ސަބަބުން އެ ސްޓޭޓުގެ މީހުންގެ އިންސާނީ ހައްގުތައް އުނިކަން ލިބޭކަމަށް ދުނިޔޭގެ ބޮޑެތި ގައުމުތަކުން ވަނީ ބުނެފަ އެވެ. އަދި މުސްލިމް ގައުމުތަކުގެ ޖަމިއްޔާ ކަމަށްވާ އޯއައިސީއިން ވެސް ވަނީ އިންޑިއާ ސަރުކާރުގެ އަމަލުތައް ކުށްވެރިކޮށްފަ އެވެ.