ގައުމީ ފުޓްބޯޅް ޓީމް

ގައުމީ ޓީމުގެ ޓްރެއިނިންގް ކޭމްޕް ލަންކާއަށް ބަދަލު ކޮށްފި

ވޯލްޑް ކަޕް ކޮލިފިކޭޝަނަށް ތައްޔާރު ވުމަށް ގައުމީ ޓީމުން މޭލޭޝިއާގައި ކޭމްޕް ކުރުމަށް ހަމަޖެއްސި ނަމަވެސް ޓްރެއިނިން ކޭމްޕް މިހާރު އަވަށްޓެރި ލަންކާގައި ބާއްވަން އެފްއޭއެމުން ނިންމައިފި އެވެ.

ޓްރޭނިން ކޭމްޕް ލަންކާއަށް ބަދަލު ކުރީ، އެމެރިކާގެ ވިސާ ޖަހަން ޖެހޭތީ، ލަންކާގައި ތިބެގެން ރާއްޖެ އާއި ލަންކާއަށް ހާއްސަކޮށްފައިވާ އެމެރިކާގެ އެމްބަސީ މެދުވެރިކޮށް ވިސާ ޖެހުމަށްޓަކަ އެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި އަންނަ މަހު ފަސް ވަނަ ދުވަހު ނުކުންނާނީ ގުއާމް އާ ދެކޮޅަށް އެ ގައުމުގަ އެވެ.

ޕެސިފިކް ކަނޑުގެ ހުޅަނގުން އޮންނަ ގުއާމް އަކީ، އެމެރިކާގެ ސަރުކާރުގެ ބެލުމުގެ ދަށުގައި އޮންނަ ގައުމެކެވެ. އެހެންވެ އެ ގައުމުގައި ހިނގަނީ އެމެރިކާގެ ގާނޫނާއި ބާރުތަކެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު ވިދާޅުވީ މޭލޭޝިއާގައި ކޭމްޕް ކުރަން ހަމަޖެއްސި ނަމަވެސް ލަންކާއަށް ބަދަލު ކުރީ ސްކޮޑުގައި ހިމެނޭ ކޮންމެ މެންބަރަކު ވަކިވަކިން އެމެރިކާގެ އެމްބަސީއަށް ހާޒިރުވެ މައުލޫމާތު ދިނުމުގެ އިތުރަށް ވިސާ ލިބުމަށް ދުވަސްތަކެއް ކުރިމަތި ވާތީ އެވެ.

"މިހާރު ޓްރެއިނިން ކޭމްޕް ކުރިއަށް ދާނީ ލަންކާގެ އެފްއޭގެ އެހީތެރި ކަމާއެކު ކޮލަމްބޯގައި،" ޖަވާޒު ވިދާޅުވި އެވެ. "ޓީމު ގުއާމް އަށް ދާނީ އެނބުރި ރާއްޖެ ނައިސް ލަންކާ މަގުން."

ގައުމީ ޓީމު ލަންކާ އަށް ދިއުމަށް މިއަދު މެންދުރު ފަހު މާލެއިން ފުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕް ކޮލިފިކޭޝަންގައިވެސް، އަމިއްލަ ދަނޑުގައި ގުއާމް ވަނީ ރަނގަޅު ނަތީޖާތަކެއް ހޯދާފަ އެވެ. އަމިއްލަ ދަނޑުގައި އެ ޓީމުން ވަނީ ތުރުކްމެނިސްތާން އާއި އިންޑިއާ ބަލިކޮށްފަ އެވެ. އަދި އޮމާން އާ އެއްވަރު ކުރި އެވެ. ގުއާމްގެ އަތް ދަށުގައި ނުވީ ވަރުގަދަ އިރާން އެކަންޏެވެ.

ގުއާމް ވަނީ، އެފަހަރު ކޮލިފައިގެ ގުރޫޕް ތިން ވަނަ ހޯދައި އޭޝިއަން ކަޕްގެ ކޮލިފިކޭޝަނުން ސީދާ ޖާގަ ހޯދާފަ އެވެ. ގުރޫޕްގެ ފުލަށް ދިޔަ އަވަށްޓެރި އިންޑިއާ އަށް ޖެހުނީ ޕްލޭ އޮފް ބުރުން އޭޝިއަން ކަޕަށް ކޮލިފައިންގެ ޖާގަ ހޯދާށެވެ.

ކޮލިފިކޭޝަންގައި ރާއްޖެ ކުޅޭ މެޗުތައް

ސެޕްޓެމްބަރު ފަހެއް: ގުއާމް - ދިވެހިރާއްޖެ
ސެޕްޓެމްބަރު 10: ދިވެހިރާއްޖެ - ޗައިނާ
އޮކްޓޯބަރު 10: ސީރިއާ - ދިވެހިރާއްޖެ
ނޮވެމްބަރު 14: ދިވެހިރާއްޖެ - ފިލިޕީންސް
ނޮވެމްބަރު 19: ދިވެހިރާއްޖެ - ގުއާމް
މާޗް 26 2020: ޗައިނާ - ދިވެހިރާއްޖެ
މާޗް 31، 2020: ދިވެހިރާއްޖެ - ސީރިއާ
ޖޫން ނުވައެއް: ފިލިޕީންސް - ދިވެހިރާއްޖެ