ކުޅިވަރު

ޝްނައިޑާ ފުޓްބޯޅައިން އަލްވަދާއު ކިޔައިފި

ނެދާލޭންޑްސްގެ ގައުމީ ޓީމުގެ ކުރީގެ ތަރި ވެސްލީ ޝްނައިޑާ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި އެވެ.

ގަތަރުގެ އަލްގަހަރާފާ އާއެކު ހެދި 18 މަސް ދުވަހުގެ އެއްބަސްވުން މިދިޔަ މަހު ނިމުނު ގޮތަށް، ޝްނައިޑާ ހުރީ ކުޅޭނެ ކުލަބެއް ނެތިފަ އެވެ.

ޝްނައިޑާ ވަނީ، ހޮލެންޑްގެ ކުލަބު ޔޫޓްރެކްޓްގެ ވިޔާފާރި ގުރޫޕާއެކު އެއްބަސްވުމެއް ހަދާފަ އެވެ. އެ އެއްބަސްވުމުގެ ދަށުން އެ ޓީމު ކުޅޭ މެޗުތަކުގެ ކުޅުން ބަލަން އޭނާ ހުންނާނީ ސްޓޭޑިއަމްގައި އޭނާ އަށް ހާއްސަކޮށްފައިވާ ޕްރައިވެޓް ބޮކްސްގަ އެވެ.

"މި ސިޓީ [ޔޫޓްރެކްޓް] އަށް އަހަރެން ވަރަށް ގަޔާވޭ، މިހާރު އަހަރެން މިވަނީ ކުޅުން ހުއްޓާލާފަ،" ކުލަބުގެ ޓީވީއަށް ދިން އިންޓަވިއުގައި ޝްނައިޑާ ބުންޏެވެ. "އަހަރެން ބޭނުން ވަނީ ރީތި ތަނެއް އަހަރެންގެ ތަޖުރިބާ ހިއްސާ ކުރަން."

ޝްނައިޑާ ، 35 ގެ ސީނިއާ ކެރިއާ ފެށީ އަޔެކްސްއިން 2002 ވަނަ އަހަރު އެވެ. އެއަށް ފަހު އޭނާ ވަނީ ރެއާލް މެޑްރިޑް، އިންޓަ މިލާން، ގަލަތަސަރާއީ ނީސްއަށް ކުޅެފަ އެވެ.

ހޯޒޭ މޮރީނިއޯ އާއެކު އިންޓައިން 2010 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގާއި އިޓާލިއަން ލީގް އަދި އިޓާލިއަން ކަޕް ހޯދިއިރު އެ ޓީމުގައި ތަރިއަކަށްވީ ޝްނައިޑާ އެވެ. އަދި އެ އަހަރުގެ ވޯލްޑްކަޕްގެ ފައިނަލަށް ހޮލެންޑް ގެންގޮސް ދިނެވެ. ފައިނަލުގައި ހޮލެންޑް ބަލިބީ ސްޕެއިން އަތުން 1-0 އިންނެވެ. އެ މުބާރާތުގެ ސިލްވާ ބޯލް ހޯދައި ދެ ވަނަ އަށް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ޝްނައިޑާ ހޯދި އެވެ.

ކުލަބުގައި ބޮޑު ތިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކޯށް ވޯލްޑް ކަޕް ފައިނަލަށް ގައުމީ ޓީމު ގެންގޮސް ދިނުމުންވެސް، އެ އަހަރުގެ ބެލަންޑޯ އެވޯޑްގެ ގަދަ ތިނަކަށް، ޝްނައިޑާ ނޮމިނޭޓް ނުވުމުން ގިނަ ބަޔަކު ސިފަ ކޮށްފައި ވަނީ އެއީ އިންސާފުން ބޭރުވެފައިވާ ކަމެއްގެ ގޮތުގަ އެވެ.

ހޮލެންޑްގެ ސީނިއާ ޓީމަށް 2003 އިން ފެށިގެން މިދިޔަ އަހަރުގެ އޭޕްރީލް މަހާ ހަމައަށް އޭނާ ވަނީ ކުޅެފަ އެވެ. ގައުމީ ޓީމަށް 134 މެޗު ކުޅެ އޭނާ އަކީ ހޮލެންޑަށް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާ އެވެ.