ކުޅިވަރު

ބިލްބާއޯ އާއެކު ވިލިއަމްސް ނުވަ އަހަރަށް ސޮއި ކޮށްފި

އެތުލެޓިކް ކުލަބު ބިލްބާއޯ އާއެކު އެ ޓީމުގެ ފޯވަޑް އިނާކީ ވިލިއަމްސް، ނުވަ އަހަރަށް ދިގު ދެމިގެންދާ އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

ވިލިއަމް، 25 އެތުލެޓިކް ކުލަބާ އެކު ކުރިން ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2025 ވަނަ އަހަރު އެވެ. މިހާރު ހެދި އެއްބަސްވުމުގައި ވާގޮތުން 2028 ވަނަ އަހަރުގެ ނިޔަލަށް އެ ޓީމުގެ ވިލިއަމްސް މަޑު ކުރާނެ އެވެ. އަދި އެއްބަސްވުމުގެ ދަށުން އޭނާ ގެންދަން އެހެން ކުލަބަކުން ބޭނުން ނަމަ 108 މިލިއަން ޔޫރޯ އާއި 135 މިލިއަން ޔޫރޯ ދެމެދުގެ އަގެއް ދައްކަން ޖެހޭނެ އެވެ.

އެތުލެޓިކް ކުލަބާއެކު، ވިލިއަމް ހެދި އެއްބަސްވުމަކީ ފުޓްބޯޅަ ކުޅުންތެރިޔަކު ކުލަބަކާއެކު ހެދި ދުނިޔޭގެ ދެ ވަނަ އަށް އެންމެ ދިގު މުއްދަތުގެ އެއްބަސްވުމެވެ. ރެއާލް ބެޓިސް އަށް ކުޅުނު ބްރެޒިލްގެ ވިންގާ ޑެނިލްސަން ވަނީ 1998 ވަނަ އަހަރު ބެޓިސްއާ އެކު 10 އަހަރަށް ދިގު ދެމިގެން ދިޔަ އެއްބަސްވުމެއް ހަދާފަ އެވެ.

ސްޕެއިންގެ ގައުމީ ޓީމަށް އެއް މެޗު ކުޅެފައިވާ ވިލިއަމްސްގެ ގޯލް ޖެހުމުގެ ރޭޓުގައި އެންމެ ރަނގަޅު ސީޒަނަކީ މިދިޔަ ސީޒަނެވެ. އެތުލެޓިކް ކުލަބާ 2014 ވަނަ އަހަރު ގުޅުނު ފޯވަޑް، މިދިޔަ ސީޒަންގެ 38 މެޗުގައި 13 ލަނޑު ޖެހި އެވެ.

"އުންމީދަކީ މި ކުލަބާއެކު ބޮޑެތި ކާމިޔާބުތަކެއް ހޯދުން، އަހަރެން ބޭނުން މި ކުލަބަކީ ބޮޑު ކުލަބެއްގެ ގޮތުގައި ފެންނަން،" އެއްބަސްވުން އާ ކުރުމަށް ފަހު ވިލިއަމްސް ބުންޏެވެ. "ކަލޭމެންނަށް ވެސް ފެންނާނެހެން މި ކުލަބަކީ އަހަރެންގެ ގެ، މިތަނުން އަހަންނަށް ހުރިހާ އެއްޗެއް ހޯދައިދޭ، އަހަންނަށް އިހްސާސް ކުރެވެނީ މީ އަހަރެންގެ ގެ ކަމަށް."

އިނގިރޭސި ޓްރާންސްފާގެ އެންމެ ފަހު ދުވަހު، ވިލިއަމްސް އާއި މެންޗެސްޓާ ޔުނައިޓަޑާ ގުޅުވައި ޓްރާންސްފާގެ އަޑުތައް ފެތުރި އެވެ.