ކުޅިވަރު

ތާރީހީ ވޮލީ މެޗު ލަންކާއިން ކާމިޔާބު ކޮށްފި

ރާއްޖޭގެ ފަސްގަނޑުގައި ކުޅުނު އިންޓަނޭޝަނަލް ފުރަތަމަ މެޗުގައި މިރޭ ރާއްޖެ އާއި އަވަށްޓެރި ސްރީލަންކާ ކުޅުނު މެޗު 3-1 ސެޓުން ލަންކާ މެޗު ކާމިޔާބު ކޮށްފި އެވެ.

މެޗުގެ ފުރަތަމަ ޕޮއިންޓް ރާއްޖެއިން ހޯދައި ފުރަތަމަ ސެޓް ފެށީ ތަފާތު ރޫހެއްގަ އެވެ. ރާއްޖޭގެ ހަލުވި ގޭމާއެކު ސެޓްގެ މެދެއްހާ ހިސާބަކުން ތިން ޕޮއިންޓްގެ ލީޑެއް ރާއްޖެ ނަގައި ހަމަޖެހިލުމުގެ ނޭވާއެއްލި އެވެ. 20-17 އިން ސެޓްގައި ރާއްޖެއިން ލީޑް ކުރަން ފެށުމުން ލަންކާއިން ޓައިމްއައުޓެއް ނަގި އެވެ. ލަންކާގެ ކޯޗް ކިއުބާގެ މަނައުލް ތޯރެސްގެ ބޭނުމަކަށްވީ ރާއްޖެއިން ކުޅެމުން ދިޔަ ސްޕީޑީ ގޭމަށް މެދުކެނޑުމެއް ގެންނާށެވެ.

އެހެންނަމަވެސް، ޓައިމްއައުޓަށް ފަހުވެސް ރާއްޖޭގެ ޓީމުގެ ކުޅުމަކަށް ބަދަލެއް ނާދެ އެވެ. ގޭމްބޯލް ޕޮއިންޓާ ހަމަޔަށް ރާއްޖެއިން ދިޔައީ ހަތް ޕޮއިންޓްގެ ލީޑަކާއެކު އެވެ. 24-18 ގައި ސެޓް ރާއްޖެއިން ނިންމަން އެންމެ ޕޮންޓަކަށް ވެފައި އޮއްވައި ރާއްޖޭގެ ހަސަން ނިމާލްއަށް ރަނގަޅަށް ސާވިސް ނުނެގުމުން، ލަންކާއިން ކުޅުމުގެ ތެރެއަށް އައިސް ދެ ޕޮއިންޓް ހޯދި އެވެ. އިތުރަށް ޕޮއިންޓެއް ހޯދައި ރާއްޖެއިން ސެޓް ކާމިޔާބު ކުރީ 25-20 ންނެވެ.

ފުރަތަމަ ސެޓް ކާމިޔާބު ކުރުމުގެ އިތުބާރާއެކު، ރާއްޖެއިން ދެ ވަނަ ސެޓާ ކުރިމަތިލި ނަމަވެސް ރާއްޖެއަށް އުނދަގޫ މައްސަލަތަކެއް ދިމާވި އެވެ. އެންމެ ބޮޑު މައްސަލައަކަށްވީ، ލަންކާގެ އިސްކޮޅުން ދިގު ބްލޮކާ،
ޑިޕްތީ ފޮނުވާލާ ހަމަލާތައް ރިސީވް ކުރުމުގައި ރާއްޖެއަށް އެންމެ އެކިއުރޭޓް ހައްލެއް ނުހޯދުމެވެ. ވާތުން ބޯޅައިގައި ބާރަށް ޖަހާ ޑިޕްތީގެ ހަމަލާތައް ހުއްޓުވުމަށް، ގައުމީ ކޯޗް މުހައްމަދު ސާޖިދު (ބޮޑުކާއްޓޭ) ވަނީ ހަތަރު ބަދަލެއް ގެނެސްފަ އެވެ. އެހެންނަމަވެސް ރާއްޖޭގެ ކުޅުންތެރިންނަށް ކޮންސަންޓްރޭޝަން ގެއްލި ގިނަ ޕޮއިންޓްތަކެއް ގެއްލުނެވެ.

އެހެންނަމަވެސް، ބަދަލުގައި، އަހްމަދު އަނިލް އާއި އަހްމަދު އަބްދުލް ކަރީމް (ލޯންގޭ) ކުޅެން އެރުމާއެކު ރާއްޖޭގެ ކުޅުން އިތުރަށް ރަނގަޅު ކުރެވި ޖެހިޖެހިގެން ޕޮއިންޓްތަކެއް ހޯދުނެވެ. ލަންކާއިން އެ ސެޓް ކާމިޔާބު ކުރީ 10 ޕޮއިންޓްގެ ބޮޑު ތަފާތަކުން 25-15 އިންނެވެ. ރާއްޖެއަށް 15 ވަނަ ޕޮއިންޓް ހޯދުނީ ގޭމްބޯލް ޕޮއިންޓްގައި ލަންކާ އޮއްވައި އެޓީމުގެ މަލިތު ސާވިސް މިސް ކޮށްލުމުންނެވެ.

ތިން ވަނަ ސެޓްގައިވެސް ރާއްޖެއަށް މެޗުގެ ތެރެއަށް އަލުން އަނބުރާ އައުމުގައި ކާމިޔާބު ނުހޯދުނެވެ. އަދި ދެ ވަނަ ސެޓްގައިވެސް ކުރިމަތިވި މައްސަލަތަކަށް ބަދަލުތައް ގެނެސްގެންވެސް ކާމިޔާބެއް ނުހޯދުނެވެ. އެ ސެޓްވެސް ލަންކާއިން ކާމިޔާބު ކުރީ، 25-15 އިންނެވެ.

ކުރިން ދިޔަ ދެ ސެޓާ ހިލާފަށް، ހަތަރު ވަނަ ސެޓްގައި ރާއްޖޭގެ ކުޅުން ބޮޑުތަނުން ރަނގަޅު ކުރި އެވެ. ނަތީޖާއަކަށްވީ ދެ ސެޓަށް ފަހު ސެޓްގެ ތެރެއިން ރާއްޖެއިން ލީޑް ކުރަމުން ދިއުމެވެ. ރާއްޖެއިން 6-5 ން ލީޑް ނަގި ހިސާބުން 16 ވަނަ ޕޮއިންޓާ ހަމަޔަށް ލަންކާއަށް ލީޑް ނެގޭ ގޮތެއް ނުވި އެވެ. އެ ދެމެދުގައި ލަންކާއިން ދެ ފަހަރެއްގެ މަތިން އެއްވަރު ކުރިނަމަވެސް ލަންކާ ކުރިއަށް ދިޔަކަ ނުދިނެވެ.

ރާއްޖެއިން 16 ޕޮއިންޓް ހޯދައި ތިން ޕޮއިންޓްގެ ލީޑެއް ނެގި ފަހުން ލަންކާއިން 16-16 އިން އެއްވަރު ކުރިން ފަހުންވެސް އަނެއްކާވެސް ރާއްޖެއިން ލީޑް ނެގި އެވެ. މެޗުގެ 22 ޕޮއިންޓާ ހަމަޔަށްވެސް ރާއްޖެއިން ދިޔައީ ލަންކާގެ ފަހަތުން ވަރުގަދައަށް ވިއްދަމުންނެވެ. ލަންކާއިން 23 ވަނަ ޕޮއިންޓް ހޯދައި، 24 ވަނަ ޕޮއިންޓް ހޯދުމަށް އެ ޓީމުން ފޮނުވާލި ޝޮޓް ދިޔައީ ބޭރަށެވެ.

ލަންކާގެ ކުޅުންތެރިންނާއި އޮފިޝަލުން އެޕީލް ކުރީ އެ ބޯޅަ ރާއްޖޭގެ ކުޅުންތެރިޔެއްގެ އަތުގައި ޖެހިފައި ބޭރަށް ދިޔަ ކަމަށެވެ. އެހެންނަމަވެސް މެޗުގެ ފަސްޓް ރެފްރީވެސް އަދި ސެކަންޑް ރެފްރީވެސް ނިންމީ ރާއްޖޭގެ ކުޅުންތެރިޔެއްގެ އަތުގައި ބޯޅަ ނުޖެހޭ ކަމަށެވެ. އެވަގުތު ލަންކާ އޮތީ 23-22 ން ކުރީގަ އެވެ. ރެފްރީގެ ނިންމުމާމެދު ހިތްހަމަނުޖެހިގެން ލަންކާ ދަނުޝްކާ އަތުގެ އިޝާރާތުން ބޭއަދަބީ އަމަލެއް ދެއްކުމުން، ރެފްރީ ވަނީ އޭނާ އަށް ރަތް ކާޑު ދައްކައި ކޯޓުން ބާލުވާފަ އެވެ. އެޔާއެކު ރާއްޖެއަށް ޕޮއިންޓް ލިބި 23-23 ން އެއްވަރުވި އެވެ.

މެޗު ކާމިޔާބު ކުރުމަށް ދެ ޓީމުން ކުރެ ކޮންމެވެސް އެ ޓީމަކަށް ބޭނުންވަނީ ދެ ޕޮއިންޓެވެ. ލަންކާގެ ދަނުޝްކާއަށް ރަތް ކާޑު ދެއްކުމުން އޭނާގެ ބަދަލުގައި ގެނައި ޓެކްޓިކަލް ޗޭންޖާއެކު އޭގެ ފައިދާ ރާއްޖެއަށް ނެގިދާނެ ކަމަށް ބެލުވުނު ނަމަވެސް ލަންކާއިން ޕޮއިންޓް ހޯދައި 24-23 ށް ސްކޯ ބަދަލު ކުރި އެވެ. އެހިސާބުން ވެސް ރާއްޖޭގެ ކުޅުތެރިން މެޗުގެ ތެރެއަށް އަންނަން މަސައްކަތް ކުރިނަމަވެސް، ރާއްޖޭގެ ކުޅުންތެރިންގެ ފޯކަސް ގެއްލި ލަންކާގެ އެޓޭކު ރަނގަޅަށް ރިސީވް ނުކުރެވުމުން ލަންކާއިން 25-23 ން މެޗު ކާމިޔާބު ކުރި އެވެ.

ލަންކާ އާ ދެކޮޅަށް މި ކުޅުނު މެޗަކީ، އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މި މަހު 25 ވަނަ ދުވަހުގެ ނިޔަލަށް ނޭޕާލްގައި ބާއްވާ ސެންޓަރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ތައްޔާރު ރާއްޖޭގެ ޓީމަށް ވަރުގަދަ ތައްޔާރީތަކެއް ދޭނެ ކުޅޭ މެޗުތަކުގެ ސީރީޒްގެ ފުރަތަމަ މެޗެވެ. އެ ސީރީޒްގެ ދެ ވަނަ މެޗު މާދަމާ ރޭ އޮންނާނެ އެވެ.

ގައުމީ ވޮލީ ޓީމަށް 15 އަހަރުވަންދެން ކުޅުނު ލޯންގޭ ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެކަން، މިރޭގެ މެޗަށް ފަހު އިއުލާން ކޮށްފަ އެވެ. ކުރިއަށް އޮތް ސެންޓްރަލް ޒޯން މުބާރާތް ވާނީ ލޯންގޭ ގައުމީ ޖޯޒީގައި ކުޅޭ ފަހު މުބާރަތަށެވެ. ގައުމީ ޓީމަށް ލޯންގޭ ކޮށްދިން ހިދުމަތް އަގުވަޒަން ކުރުމުގެ ގޮތުން ދޭ ހަނދާނީ ފިލާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ލޯންގޭއާ ހަވާލު ކޮށްދެއްވި އެވެ.

ނިމިދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ކެޕްޓަންކަން ކުރި ލޯންގޭ ބޭނުން ކުރި ޖޯޒީގައި ރައީސް ވަނީ ސޮއި ކުރައްވާ، އެ ޖޯޒީ ލޯންގޭއާ ހަވާލު ކޮށްދެއްވާފަ އެވެ.