ޕީޓާ ސެގަޓް

ޓީމަށް ނުނެގި ސަބަބު ކޯޗު ކައިރީގައި ނާހަން: ބަކާ

ގައުމީ ޓީމަށް ނުނަގައިގެން އޭގެ ސަބަބު ހޯދަން ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓްގެ ގާތުން ނާހާ ކަމަށް ކުލަބު ގުރީން ސްޓްރީޓްގެ މިޑްފީލްޑާ މުހައްމަދު އާރިފް (ބަކާ) ބުނެފި އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި، ގުއާމް އާއި ޗައިނާ އާ ދެކޮޅަށް އެކުލަވާލި ސްކޮޑުން ބަކާ އަށް ފުރުސަތު ނުދެ އެވެ. އެ ދެ މެޗަށް ތައްޔާރު ވުމަށް ލަންކާ ކުރިއަށް ގެންދާ ޓްރެއިނިން ކޭމްޕަށް މިއަދު ލަންކާއަށް ފުރުމުގެ ކުރިން، މީޑިއާ އާ ވާހަކަ ދައްކަމުން ޝެގަޓް ބުނީ ގައުމީ ޓީމަށް ނުނެގި ސަބަބާ ބެހޭގޮތުން ބަކާ އޭނާއަށް މެސެޖު ކުރުމުން، އެ ސަބަބުން އޭނާއަށް ހާމަ ކޮށްދީފައި ވާނެ ކަމަށެވެ.

"ބަކާ އަހަންނަށް ގުޅި ސްކޮޑަށް އޭނާ ނުނަގާ ސަބަބާ ބެހޭގޮތުން، އަހަރެން ބުނިން 34 އަހަރޭ، މިހާރު ޖެހޭނޭ މިކަން ގަބޫލު ކުރަން މި މި މެޗުތަކަށް އަހަންނަކަށް ނެތޭ ނެގޭކަށް، ބަކާ އެކަން ގަބޫލު ކުރި،" ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ގައުމީ ޓީމުން މިދިޔަ އަހަރު ޝެގަޓް ފުރުސަތު ދިން ބަކާ އާ ބޭހޭގޮތުން އޭނާ ބުންޏެވެ.

"އެހެން ކުޅުންތެރިޔަކުވެސް އެކަމާ ބެހޭގޮތުން ސުވާލު ކުރަން ބޭނުންވަންޏާ އަހަންނަށް ގުޅޭނެ، ކުޅުންތެރިން އަތުގައި އަހަރެންގެ ނަންބަރު ހުންނާނެ، ކޮލިފިކޭޝަން ނިމޭއިރު އޭނާ [ބަކާ] އާއީ އަޝްފާގަށް ވަނީ 38 އަހަރު، ދިގު ބުރޭކަކަށް ފަހު ސީޒަން ފެށިއިރު އަހަންނަށް ވިސްނެނީ ސީނިއާ ކުޅުންތެރިންން އެނބުރި އަންނަން އިތުރު ވަގުތު ބޭނުންވާނެ ކަމަށް."

ޝެގަޓްގެ މި ވާހަކަތާކާ ގުޅިގެން 'އަވަސް' އާ ވާހަކަ ދައްކަމުން، ބަކާ ބުނީ އެންމެ ފަހުން ކޯޗާ އެކު ވާހަކަ ދެއްކީ މީގެ ތިން ދުވަސް ކުރިން ކަމަށާއި ސްކޮޑަށް ނުނެގީ ކީއްވެގެންތޯ ސުވާލު ނުކުރާ ކަމަށެވެ

"މީގެ ތިން ދުވަހެއް ކުރިން އަހަރެން ކޯޗާ ވާހަކަ ދެއްކިން، އަހަރެން ވާހަކަ ދެއްކީ ދިއްދޫގައި ހުޅުވާފައިވާ އަހަރެންގެ އެކެޑެމީއާ ބެހޭގޮތުން،" ބަކާ ބުންޏެވެ. "ގައުމީ ޓީމަށް ނުނެގީ ކީއްވެގެންތޯ ސުވާލެއްވެސް ނުކުރަން، އެއީ އަހަރެންނަކީ ދުވަހަކުވެސް ޓީމަށް ނުނަގައިގެން އެކަމާ ބެހޭގޮތުން ސުވާލު ކުރާ މީހެއް ނޫން، އެހެންނޫނަސް އަލަކަށް ނޫން ގައުމީ ޓީމުން ފުރުސަތު ނުލިބުނީކީ."

ޝެގަޓްގެ ވާހަކަތަކާ ގުޅިގެން އޭނާ އާ މެދު އޮންނަ ގުޅުމަށް ބަދަލެއް އައިސްދާނެތޯ ސުވާލު ކުރުމުން ބަކާ ބުނީ، ކޯޗާއެކު އޮންނަ ޕްރޮފިޝަނަލް ގުޅުން އަބަދުވެސް އޮންނާނެ ކަމަށެވެ.

"އަހަރެން ބޭނުންވީ އަހަރެން ނުބުނާ ވާހަކައާ ގުޅިގެން ކަމެއް ސާފު ކޮށްދޭން،" ބަކާ ބުންޏެވެ، "އޭގެ ސަބަބުން އަހަންނާ އެހެން މީހަކާ ދެމެދު އޮންނަ ޕްރޮފިޝަލް ގުޅުމެއް ނުކެނޑޭނެ، ޕްރޮފިޝަލް ގުޅުން އޮންނާނެ."