ކުޅިވަރު

15 އަހަރަށްފަހު ލޯންގޭ ގައުމީ ޓީމަށް އަލްވަދާއު

ޕާކިސްތާންގައި 2004 ވަނަ އަހަރު ބޭއްވި އޭވީސީ މުބާރާތުން، ގައުމީ ޓީމަށް ކުޅެން ފެށި، އަހްމަދު އަބްދުލް ކަރީމް (ލޯންގޭ) 15 އަހަރު ވަންދެން ގައުމީ ވޮލީ ޓީމަށް ހިދުމަތް ކޮށްދިނުމަށް ފަހު ގައުމީ ޓީމުގެ ރިޓާޔާމެންޓް އިއުލާން ކޮށްފި އެވެ.

މާދަމާ ނޭޕާލްގައި ފަށާ، އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަކީ ލޯންގޭ ގައުމީ ޓީމަށް ކުޅޭނެ އެންމެ ފަހު މުބާރާތް ކަމުގައި ރޭ ވަނީ އިއުލާން ކޮށްފަ އެވެ. ސްރީލަންކާ އާއި ދެކޮޅަށް ގައުމީ ވޮލީ ޓީމު ކުޅުނު މެޗަށް ފަހު ލޯންގޭގެ ރިޓަޔާމެންޓް ވަނީ އިއުލާން ކޮށްފަ އެވެ.

ރާއްޖޭގެ ވޮލީއަށް އޭނާ ކޮށްދީފައިވާ ހިދުމަތް އަގު ވަޒަން ކުރުމުގެ ގޮތުން ވީއޭއެމުން ދޭ ހަނދާނީ އައްޑަނަ ރޭ ގެ މެޗަށް ފަހު ލޯންގޭ އާ ހަވާލު ކޮށްދެއްވީ މެޗު ބައްލަވާލެއްވުމަށް ވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ގައުމީ ޓީމުގެ ކެޕްޓަންކަންވެސް ތިން ފަހަރެއްގެ މަތިން ކުރި ލޯންގޭ، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބޭނުން ކުރި ޖޯޒީގައި ރައީސް ވަނީ ސޮއި ކުރައްވާ އެ ޖޯޒީ އޭނާ އާ ހަވާލު ކޮށްދެއްވާފަ އެވެ.

ލޯންގޭ އަކީ، މިހާތަނަށް ރާއްޖޭގެ ވޮލީގައި ހޯދި ހުރިހާ މެޑަލެއްގައި ހިއްސާވާ ކުޅުންތެރިޔެކެވެ. އިންޓަނޭޝަނަލް ވޮލީގައި ދެ ފަހަރަށް ރާއްޖެ ފައިނަލަށް ގެންގޮސް ދިނުމުގައި ލޯންގޭ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. .

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ފަހު ލޯންގޭ ވަނީ ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް ދޫކޮށްލާފަ އެވެ. އެހެންނަމަވެސް އޭނާގެ އެންމެ ހާއްސަ ކަމަކީ ކެޕްޓަނެއްގެ ގޮތުގައި ނެތް ނަމަވެސް ޓީމުގައި އޭނާ ދައްކާ ލީޑާޝިޕެވެ. ފަނަރަ އަހަރު ކުރިން ގައުމީ ޓީމަށް ކުޅެން ފެށިފަހުން އަދި މިހާތަނަށް އެއްވެސް ފަހަރެއްގައި ލޯންގޭ އަށް ގައުމީ ޓީމުން ފުރުސަތު ގެއްލިފައެއް ނުވެ އެވެ.

ސިފައިންގޭގައި ވަޒީފާ އަދާ ކުރާ ލޯންގޭ އަކީ ކުލަބު ލެވްލަގައިވެސް ބޮޑެތި ކާމިޔާބުތަކެއް ހާސިލު ކޮށްފައިވާ ކުޅުންތެރިޔެކެވެ. އޭނާ ވަނީ ރާއްޖޭގެ އެންމެ މޮޅު ވޮލީކުޅުންތެރިޔާގެ އެވޯޑް ދެ ފަހަރެއްގެ މަތިން ހޯދާފަ އެވެ.

ރޭގެ މެޗަށް ފަހު ލޯންގޭ، ގައުމީ ޓީމުން ރިޓަޔާ ކުރާ ކަން އިއުލާން ކުރަމުން ދިޔަ ވަގުތު އޭނާގެ ލޮލުން ވަނީ ކަރުނަ ފާއްދާލާފަ އެވެ.