ވާހަކަ

ބޭނުންވަނީ ޔާރާ

( 12 އޯގަސްޓް 2019 އާ ގުޅޭ)

"ދޮންތާ، މަށޭ...........އަވަހަށް އެއްކަލަ ކަންތައް ހަމަޖައްސާ..........ކިހާވަރެއް ބޭނުންވާނީ" ޒާރާ ބުނެލިއެވެ. ފަލަކް ދެން ކަންތައްކުރަންވީ ކިހިނެއްކަން ޒާރާއަށް ކިޔާދީ ނިންމައިފިއެވެ. ފޯނު ކަނޑާލުމާއިއެކު ދާއިންގެ އޮފީހަށް ޒާރާ ގުޅާލިއެވެ. ފޯނުނެގީ ކާއިލްއެވެ.

"ހެލޯ، މީ ޒާރާ، ދާން މީޓިންއަށްވަނީތަ؟" ކާއިލް ހެލޯއޭ ބުނުމާއިއެކު ޒާރާ ބުނެލިއެވެ.

"ނޫން، މިދަނީ އަދި ދާންވެގެން، މީޓިން އޮތީ މިކޮޅަކުނޫން، ދާއިން ނުބުނޭތަ؟ ޕާސްކޮއްލަ ދޭންވީ ދޯ" ކާއިލް ބުނެލިއެވެ.

"އޯ ހަނދާންނެތުނީ...........އޯކޭ ޕާސްނުކުރިޔަސް" މިހެންބުނެ ޒާރާ ފޯނު ކަނޑާލިއެވެ. ދެން އޭނަ މެސެޖުކުރީ ދާއިންއަށެވެ. ހަނދާންނެތި އައިނު ބާއްވާފަދިޔަކަމަށް ހަދާފައެވެ.

މެންދުރުކައިގެން ހަމަޖެހިލި ޒާރާ ގަޑިއަށް ބަލާލާފައި މަންހާގެ އެޕާޓްމެންޓަށް ދިޔައެވެ. ދަމުން ދާއިންއަށް މެސެޖުކޮއްފައި މަންހާ މޮޔަވެގެން އުޅޭކަމުގައި ބުންޏެވެ. އެމެސެޖާއިއެކު މީޓީންގައި އިން ދާއިންއަށް ކުއްލިއަކަށް ތެދުވެވުނެވެ. އެމީޓިންއަށްވުރެ ގެއަށްދިއުން މުހިއްމުކަން އޭނައަށް އެނގޭތީ އަވަސްވެގަތީ ގެއަށް އައުމަށެވެ. އައުމުގެ މަގުމަތީގައި ޒައުލްއަށްވެސް ގުޅިއެވެ. އެހުރިހާ ކަމެއްގެ ކުރިން ފަލަކްދިން ނަންބަރަށް ޒާރާ ގުޅާ އެގެއަށް އައުމަށްވަނީ ބުނެފައެވެ.

ސޯފާގައި އިން މަންހާއަށް ދޮރުންވަތް ޒާރާ ފެނުމާއިއެކު ތެދުވެވުނުގޮތްވެސް ނޭގެއެވެ. ދުއްވައިގަނެވުނީ ކޮޓަރީގައި އޮތް ނެހާ ނަގާށެވެ. އެހެންނަމަވެސް ޒާރާގެ ހަރަކާތްވެސް ވަރަށް އަވަހެވެ. އޭނަ އެއްލިއަތުން ހިފުނީ މަންހާގެ ދިގު އިސްތަށިގަނޑުގައެވެ. އެއްވަރަކަށް ގަތާލެވިފައިވާ އިސްތަށިގަނޑުގައި ހިފާ ލުއްކެއްޖެހިތަނާ މަންހާ ވެއްޓިއްޖެއެވެ. ޒާރާ މަންހާ ކޮއްޕާލުމާއިއެކު ދުވެފައި ކޮޓަރިއަށް ގޮސް ވަދެއްޖެއެވެ. އަޑުގެ ނެއްކޮޅަށް މަންހާއަށް ހަޅޭލަވައިގަނެވުނެވެ. ނެހާ އުރާލައިގެން ނުކުތް ޒާރާ ބަދިގޭގައި ހުރި ވަޅިޖަހާއެތިން އޭނަގެ އަތުގައި މަންހާއެޅި ބޮޑުވަޅިނަގާ ޓައިލްސްމައްޗަށް އެއްލާލީ މަންހާ އާއި ދިމާލަށެވެ.

"މިއޮތީ ދަރިފުޅު، ތިވަޅި ހިފައިގެން ނިކަން އަހަރެންގެ ގަޔަށް ހަރަން އާދެބަލަ........މިހާރު ދަރިފުޅުވެސް މިއޮތީ މަގޭއަތުގަ..........." ޒާރާ މިހެން ބުނެލުމާއިއެކު މަންހާ އޭނަގެ ކުރިމަތީގައި އޮތްވަޅި ހިފައިގެން ތެދުވިއެވެ. އޭނަގެ ބޮލަށްވަރަށްތަދުވެސްވިއެވެ. އެއްޗެއް ބުނަން އަނގަހުޅުވާލިތަނާ ކުއްލިއަކަށް އެޕާޓްމެންޓުގެ ދޮރުން ވަތްބަޔަކު މަންހާގެ ގައިގާ ހިފަހައްޓައިފިއެވެ.

"އޭނަ އަހަރުމެން މަރާލަން އުޅެނީ، މިހާރު މީ ދެވަނަ ފަހަރު، ނުހިފެއްޓިގެން މިގުޅީ.........." ޒާރާ ވަގުތުން ރޯންފެށިއެވެ. ވާނުވާ ނޭގިފައިހުރި މަންހާއަށް ތެޅިގަނެވުނު ވަގުތު އަތުގައި އޮތް ވަޅިވެސް ދޫކޮއްލެވިއްޖެއެވެ.

"ދާއިން............ދާއިން.............." މަންހާ ގަތްބިރުން ހަޅޭލަވައިގަނެވުނެވެ. ތިންހަތަރު މީހުން މަންހާގެ ގައިގާ ހިފަހައްޓައިގަނެގެން އެކޮޓަރިން ނުކުމެ ލިފްޓަށް އަރައިފިއެވެ. ގޭދޮރުން ނުކުތުމާއިއެކު މަންހާއަށް ދޮރުމަތީ އޮތް އެމްބިއުލާންސް ފެނި ހުއްޓުން އެރިއެވެ. ޒާރާގެ ބޭނުމަކީ ކޮބާކަން އޭނައަށް ވިސްނިއްޖެއެވެ. އަދި އޭނައަށްވެސް ވިސްނުނުގޮތުގައި ދާއިންގެ ކައިރިން ވަރިވުމަކާއިނުލާ ދުރަށް ދިއުމަށް އޭނައަށް ހަމައެކަނިއޮތް ގޮތަކީ އެއީއެވެ. އެކަންގަބޫލުކޮށް އެމްބިއުލާންސްއަށް މަންހާއެރިއެވެ. ދާއިންގެ ކާރު ގޭދޮރުމައްޗަށް މަޑުކޮއްލުމާއިއެކު ވަގުތުން ކާރުން ފައިބައިމުން މަންހާއަށް ގޮވިއެވެ.

"މަގޭ އަންހެނުން އެއީ.........." ދާއިން އެމްބިއުލާންސްއަށް އެރި މީހުންނަށް ބުނެލިއެވެ.

"އޭނަ ގޭގައި ބެހެއްޓުން އެއީ ސޭފްކަމަކަށް އަޅުގަނޑު ނުދެކެން، ގުޅައިގެން އަޅުގަނޑުމެން އައިއިރު މީނަގެ އަތުގައި ވަޅިއެއް އޮތް، އޭނަ މިހިރަ އަންހެން މީހާ އާއި އޭނަގެ އަތުގައި އޮތް ދަރިފުޅަށް އެވަޅިން ހަމަލާދޭން އުޅުނީ......." އެމްބިއުލާންގައި އިން އަންހެން ޑޮކްޓަރެއް ބުނެލިއެވެ. ހަމައެވަގުތު މަންހާއަށް ދާއިން ފެނުމާއިއެކު ދަރިފުޅުވެސް މަރާލާނަންކަމަށް ބުނެ މޮޔައަކަށް ހެދި ހަޅޭލަވަން ފެށިއެވެ.

"ސަރ، ގޭގައި ބަހައްޓައިގެން ޓްރީޓް ކުރެވޭވަރަށްވުރެ އޭނަގެ ހާލު ގޯސް، ވައިޑޯންޓް ޔޫ ކަމް ޓު ހޮސްޕިޓަލް.........." ޑޮކްޓަރ ދާއިންއަށް މިހެން ބުނެލަމުން އެމްބިއުލާންސްގައި ތިބި މީހުންނަށް ދުއްވާލަން ބުންޏެވެ. ދާއިން އަވަސްވެގަތީ ކާރުގައި އެމްބިއުލާންސްގެ ފަހަތުން ދިއުމަށެވެ. ނަމަވެސް ކާރަށް އަރާ ދުއްވާނުލެވެނިސް ޒައުލްގެ ކާރު ދާއިންގެ ކާރުގެ ފަހަތުގައި މަޑުކޮއްލިއެވެ.

"ވަޓް ހެޕަން..............މަންހާތަ އެގެންދިޔައީ.........." ޒައުލްއަށްވެސް އެމްބިއުލާންސް ފެނުމާއިއެކު އަހާލެވުނެވެ.

"އާން........ޒައްލޭ އަވަހަށް ހޮސްޕިޓަލަށް ހިނގާބަލަ........" ކާރުގެ ދޮރުފަތުގެ ބިއްލޫރުގަނޑު ތިރިކޮއްލައިގެން އިން ދާއިން ޒައުލްއަށް މިހެން ބުނެލުމުން އޭނަވެސް އިތުރުއެއްޗެއް ނުބުނެ އަވަސްވެގަތީ ކާރަށް އެރުމަށެވެ. ދެކާރުގައި ދެމީހުން ހޮސްޕިޓަލަށް މިސްރާބުޖެހިއެވެ.

"މިއަދުންފެށިގެން ދަރިފުޅުގެ ހަމައެކަނި މަންމައަކީ މީ............" ނެހާ ގޮވައިގެން ލިފްޓަށް އަރަމުން ޒާރާ ބުނެލިއެވެ.

ހާއްސައެހީއަށް ބޭނުންވާ މީހުން ވަގުތީގޮތުން ބައިތިއްބާ ކޮޓަރީގައި ނިދާ އިންޖެކްޝަނެއް ޖަހާފައި މަންހާ އޮތެވެ. އިރުއިރުކޮޅާ އޭނަ ހޭލާނެ އިރަކަށް ޒައުލް ބަލަމުންދިޔައެވެ. ޒައުލްއަށް ނޫން މީހަކަށް އެތަނަކަށް ނުވަދެވެއެވެ. އެކަމާވެސް ދާއިން އިނީ ކަންބޮޑުވެފައެވެ. އޭނަ ޒައުލް ކައިރީ ކޮންމެވެސް ގޮތެއް ހަދާދިނުމަށް އެދެމުންދިޔައެވެ. ޒައުލްއަށްވެސް ހޮސްޕިޓަލުގެ ގައިވައިދާއި ހިލާފުވެވޭކަށް ނެތެވެ. އޭނަ ސައިކާޓްރިސްޓް ބައިގެ އެންމެ އިސް ޑޮކްޓަރާއި ވާހަކަދެއްކުމަށްފަހު މަންހާއަކީ އޭނަގެ ޕޭޝެންޓެއްގެ ގޮތުގައި ނިންމިއެވެ. އެހެންނަމަވެސް މަންހާ އެތަނަށް ގެނައި ޑޮކްޓަރު އެތަނުން ދުރަކަށް ނުދެއެވެ. މަންހާއަށް ވާނުވާ ބަލަމުން ދިޔައީ އޭނައަކީ މަންހާ މޮޔައަކަށް ހަދައި ހޮސްޕިޓަލުން ބޭރުނުވާނެކަމުގެ ޔަގީންކަން ފަލަކްއަށް ދީ ރިޝްވަތު ހިފި ޑޮކްޓަރެވެ.

ޒައުލް ކަންބޮޑުވެފައި މެޔާދިމާލުން ދެއަތްހުރަސްކޮއްލައިގެން މަންހާއަށް ބަލަން ހުއްޓާ ކުޑަކުޑަކޮށް މަންހާ ލޯހުޅުވާލިއެވެ. އޭނަގެ ހަށިގަނޑަށް ވަރުބަލިކަމެއް އިޙްސާސް ކުރެވިގެންދިޔައެވެ. އެމްބިއުލާންސްގައި އިން ޑޮކްޓަރު އޭނަގެ ގަޔަށް ޖެހީ ކޮންކަހަލަ އިންޖެކްޝަނެއްބާއޭ އޭނަގެ ހިތަށްއެރިއެވެ. ލޯހުޅުވާލުމަށްފަހު ވަށައިގެންވި މާހައުލަށް ލޯއެޖަސްޓުކޮއްލަމުން ޒައުލްއަށް ބަލާލިއެވެ.

"އާ ޔޫ އޯކޭ މަންހާ........ވޯކް ކުރެވޭނެތަ..........ދާއިން އެބަހުރި ބޭރަގަ......." ޒައުލް ދާއިންގެ ނަންބުނުމާއިއެކު މަންހާ ދެއަތްޖޯޑުކޮއްލުމާއިއެކު އާދޭސްކުރަންފެށިއެވެ. ދާއިންއަށް ރަނގަޅުވާނީ އޭނަ އާއި ދުރަށްދިޔައީމަކަމަށް ބުނަމުންނެވެ. މޮޔައަކަށް އޭނަ ވިޔަދިނުމަށެވެ. އެހެނީ އެކައިވެނީގެ މަތީ އޭނައަށް ދެމިހުރެވޭނެ ހަމައެކަނި ގޮތަކީއެއީކަމަށްވީތީއެވެ.

ޒައުލްއަށް ހަދާނެގޮތް ހުސްވިއެވެ. މަންހާގެ ރުއިމާ އާދޭހަށް ފުރަގަސް ދޭކަށް ނުކެރުނެވެ. ކިތަންމެފަހަރަކު ދާއިންއަށް ގޮވަންވެސް ހިތަށްއެރިއެވެ. އެހެންނަމަވެސް އެނދުގައި އޮތް މަންހާ ތެދުވެ އޭނަގެ ދެފައިގައި ހިފާ އާދޭސްކުރަންފެށުމުން ހިތަށް ހަމަ ކުޅަދާނަނުވީއެވެ. މިއަދު އޭނަ މަންހާއަށް އެއްބާރުލުން ދޭނަން ކަމުގައި އެއްބަސްވީއެވެ. ހިތާ ދެކޮޅަށެވެ.

ދާއިން އާއި ހަމައަށް ޚަބަރު އައީ މަންހާ ގުރައިދޫއަށް ފޮނުވާލަން ޖެހޭނެކަމަށެވެ. ލިބުނު ޝޮކުން އޭނަގެ ބަސްހުއްޓުފައިވެއެވެ. މަންހާވެސް ސިކުނޑި ހަމަނުޖެހޭ މީހަކަށް ވީކަން އޭނައަށް ގަބޫލެއްނުކުރެވެއެވެ. ގެންދިއުމުގެ ކުރިން ދާއިން މަންހާ އާއި ބައްދަލުކުރަން ބޭނުންވިއެވެ. އެހެންނަމަވެސް މަންހާ ޒައުލް ނޫން މީހަކާ ބައްދަލު ނުކުރާނަން ކަމަށްބުނާތީ ދާއިންއަށް އެފުރުޞަތުވެސް ނުލިބުނީއެވެ.. ޒައުލްވެސް އޭނައަށް ނަސޭޙަތްތެރިވީ މަންހާ ބޭނުންނުވާކަމެއް މިވަގުތު އޭނަލައްވާ ނުކުރުވުމަށެވެ.

ހަވީރު ދާއިން އެނބުރި ގެއަށް އައިސް ވަތްގޮތުން ޒާރާއަށް ހުރިހާ ކަމެއް އެނގުނެވެ. އެހެންނަމަވެސް އޭނަގެ ގޮތްދެއްކުން ކުރިއަށް ގެންދިޔައެވެ. ދެރަވެފައި މަންހާ ކޮބާތޯ ސުވާލުކުރަމުންދިޔައެވެ.

"އެމީހުން މަންހާ ގުރައިދޫއަށް ފޮނުވާލަން އެއުޅެނީ............މަން މޮޔައެއްނޫން........." ސޯފާގައި އިން ދާއިން ދެއަތުގެ ތެރޭ މޫނުފޮރުވާލަމުން މިހެން ބުނެލިއެވެ. އޭނަގެ އަތުން މަންހާ ހަގީގަތުވެސް ބީވެގެންދިޔައީކަން އޭނައަށް ގަބޫލުނުކުރެވެނީއެވެ. މަންހާ މޮޔައެއްނޫނެވެ. އޭނަގެ ހިތެއް އެކަމެއް ގަބޫލެއްނުކުރެއެވެ.

"ޒައުލް ކީކޭތަ ބުނީ..........." ޒާރާ ސުވާލުކުރިއެވެ.

"އޭނަގެ ނިންމުމަކީވެސް އެއީ..........ޒާ.........އަހަރެން ދެން ކިހިނެއް ހަދާނީ، ރޭގަވެސް މަންހާ ރަނގަޅު، ކުއްލިއަކަށް ކިހިނެއްތަ މިވީ، ޒައުލް ބުނެފި މަންހާގެ އާއިލާއަށް އަންގާށޭ............އެކަމަކު މިވަގުތުމީ އެއާއިލާއަށް މިފަދަ ޚަބަރެއް ދޭން އެންމެ ރަނގަޅު ވަގުތެއްނޫން............" ދާއިންގެ ހަށިގަނޑު ސޯފާއަށް ދޫކޮއްލިއެވެ. އަދި ސިކުނޑީގެ ހަލަބޮލިކަމާއިއެކު ދެލޯމަރާލިއެވެ. ޒާރާ ދާއިންގެ ކައިރީ އިށީނދެލަމުން ދާއިންގެ ބޮލުގައި ފިރުމަދޭންފެށިއެވެ.

"ތިހާ ފިކުރުބޮޑުކުރަނިކޮށް ދާންއަށް ކަމެއްވެއްޖެއްޔާ ދެން އަހަންނާ ނެހާއަށް ވާނީ ކިހިނެއް، އަނެއްކާ މިވަގުތު މަންހާއަށްޓަކައި ދާން ޖެހޭނެ ވަރަށް ހިތްވަރުގަދަވާން، ވަރަށް ދެރަކަމެއްމިވީ.............އެކަމަކު...........ދާން..........ޒައުލް ބުނިހެން މަންހާގެ އާއިލާއަށް އަންގަންވެސް ވާނެ، އެހެންނޫނީ މާލަސްވެދާނެ، ކޮންއިރަކުން މަންހާ އެކޮޅަށް ގެންދަނީ.........." ޒާރާ އޯގާތެރިއަޑަކުން ވާހަކަދެއްކިއެވެ.

"މާދަމާ ގެންދާނެކަމަށްވަނީ، އަހަރެން މަންހާގެ އާއިލާއަށް ދައްކާނީ ކޮންމޫނެއް، އެމީހުން އަހަންނަށް އިނގިލިދިއްކުރާނީ އަހަރެން ކުއްވެރިކޮށް، އެއާއިލާގަ ހުރި ހަމައެކަނި އަންހެން ކުއްޖާ، އާއިލާގެ އެންމެ ހަގުކުއްޖާވެސްމެ........ޒާ........އަހަންނަކަށް ނުކެރޭނެ......." ދާއިން ޒާރާގެ ކޮނޑުގައި ބޯއަޅާލަމުން މިހެން ބުނެލީ ގޮތްހުސްވެފައިވާ މީހެއްފަދައިންނެވެ. ޒާރާ ހިނިތުންވެލާފައި ދާއިންގެ ބޮލުގައި ފިރުމަމުންދިޔައެވެ.

"ދާއިންއަށް ނުކެރޭނަމަ ޒާ ގުޅާފާނަން، މަންހާ އެކޮޅަށް ގެންދިއުމުގެ ކުރިން އެމީހުންނަށް އެނގެންޖެހޭނެ، އެހެންނޫނީ ދެން ދައްކާވާހަކަ މާހަޑިވާނެ، މިކަމާމެދު ނިކަން ވިސްނާލަބަލަ" ޒާރާ ދާއިންގެ ބޮލުގައި ފިރުމަމުން އަނެއްކާވެސް ވާހަކަދެއްކިއެވެ. ދާއިން ބަހެއްވެސް ނުބުނެ ޒާރާގެ ގައިގާ ބައްދާލީއެވެ. ދެންވެސް ޒާރާ ތަކުރާރުކޮށް ދެއްކީ އެއްވާހަކައެކެވެ. ޒާރާގެ އަޑު އޭނައަށް ނީވޭފަދައެވެ. ތެދުވެގެން ހިނގައިގަތް ދާއިން އޭނަގެ ކޮޓަރި އާއި ދިމާލަށް ދިޔައެވެ.

ބޮނޑުއެނދުގައި އޮތް ނެހާގެ ދެފަރާތުން ބާލީސް ޖައްސާލާފައި އޮތްތަން ދާއިންއަށް ފެނުނެވެ. އޭނަ ކޮޓަރިއަށް ވަތްގޮތަށް ދަރިފުޅު އުރާލިއެވެ. އަދި އެކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

"ދާން، ނެހާ ގޮވައިގެން ކޮންތާކަށް ތިދަނީ" އެޕާޓްމެންޓުގެ ދޮރާ ދިމާލަށް ދިޔަ ދާއިން ފެނި ޒާރާ އޭނަގެ ފަހަތުން އައިސް ނެހާގެ ގައިގާ އަތްޖައްސާލަމުން އަހާލިއެވެ.

"ޒާ، އަހަރެން އެކަނި ވިސްނާލަން ވަގުތުކޮޅެއް ދީ.......އަހަރެން މަންގެ އާއިލާއަށް ގުޅާނަން" ދާއިން ޒާރާ އާއި ކުރިމަތި ލުމަކާއިނުލާ ބުނެލިއެވެ. އަދި އެޕާޓްމެންޓުގެ ދޮރުހުޅުވާލީ ނުކުތުމަށެވެ.

"އެހެންވިޔަސް ދާތަނެއް ބުނެވިދާނެއެއްނު، މިފަދަ ވަގުތެއްގައި އެކަނިވާކަށް އަހަރެންވެސް ބޭނުމެއްނޫން، އެކަމަކު ދާއިން ތިދަނީ އަހަރެން އެކަނިކޮއްލާފަ" ޒާރާ ދެރަވެލާފައި ދާއިންގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

"ޕްލީޒް ޒާރާ، ބޮޑުކަމަކަށް މިކަން ނުހަދަބަލަ" މިހެންބުނި ދާއިންގެ ރާގުބަދަލުވެގެންދިޔަކަން ޒާރާއަށްވެސް ފާހަގަވިއެވެ. އިތުރަށް އެއްޗެއް ބުނަން ނުކެރުނީ ދާއިން ޒާރާދެކެ ރުޅި އައިސް ހުރިހާ ރޭވުމެއް ބޭޒާރުވެދާނެތީއެވެ.

މަންހާގެ އެޕާޓްމެންޓުގެ ތެރެއަށް ވަދެގެން ދިޔަ ދާއިން ވަނީ ނިދާކޮޓަރިއަށެވެ. އަދި ރޭގައި އޭނަ މަޑުކޮއްލައިގެން މަންހާއަށް ބަލަންހުރި ހިސާބުގައި ހުއްޓި އެނދުމައްޗަށް ބަލާލީ އަސަރުން ފުރިގެންވި ނަޒަރަކުންނެވެ. ހިތާ ޝަކުވާކުރަމުންދިޔައީ މަންހާއަށް ހުރިހާ ވާހަކައެއް ކިޔާދޭންބޭނުންވި ވަގުތު މަންހާ އޭނަ އާއި ދުރަށް ދިއުމަށް ވިސްނީމައެވެ. އަދި މިހާރު އޭނައަށް ކުރެވޭނެ އެއްކަމެއްވެސް ނެތުމުންނެވެ. ތަގްދީރު މިކުޅުނީ ކޮންކަހަލަ ކުޅިގަނޑެއްހެއްޔެވެ. އޭނަގެ ހިތަށް މިއަދު ތަދުވެއެވެ. މަންހާ ނެތުމުގެ ފަޅުކަން މިހާ އަވަހަށް އިޙްސާސް ކުރެވެންފަށައިފިއެވެ. ކޮޓަރީގެ ކޮންމެ ދިމާލަކަށް ދާއިންއަށް ބަލާލެވުނީ މަންހާގެ އެރީތި މޫނާއި ހިތަށް ފިނިކަން ގެނެސްދޭ ހިނިތުންވުން ދެކިލުމަށް ބޭނުންވެގެންނެވެ. އެހެންނަމަވެސް މަންހާ އާއި ނުލާ އެކޮޓަރިއަށްވެސްވަނީ ފަޅުކަމެއް ވެރިކުރުވާފައެވެ. އެނދުގައި އިށީނދެލި ދާއިން ނެހާގެ ގައިގާ ބައްދާލަމުން ފުރަތަމަ ފަހަރަށް މަންހާއަށްޓަކައި އެދެލޮލުން ކަރުނައެޅިއެވެ. ދެލޯމަރާލައިގެން ނުރޯން މަސައްކަތްކުރަމުން ދިޔަ ދާއިންގެ ދެލޯ ފުރި ބަންޑުންވީއެވެ. އޭނަގެ އެހަރަކާތުގެ ސަބަބުން އެހިތުގައި މަންހާއަށް ޖާގައެއްދެވިފައިވާކަން ސާބިތުކޮއްދޭން އުޅޭކަހަލައެވެ.

ބުރަކަށްޓާއި ފާރާދެމެދު ބޯއަޅަންއޮތް ބާލީސް ލައްވާލައިގެން އެނދުގައި އިން މަންހާގެ މޫނުވަނީ ކަކުލާއިއެކު ހިފަހައްޓާލެވިފައިވާ އަތުގެތެރޭ ފޮރުވާލާފައެވެ. ގިސްލުމުގެ އަޑު ކޮޓަރީގެ ހިމޭންކަން ފަނާކުރަމުންދިޔައެވެ. މަންހާގެ ރުއިމަށް ބަދަލެއްނައިތީ ޒައުލްވެސް ވަނީ ހައިރާންވެފައެވެ. އޭނަ މަންހާގެ އެނދުގެ ކައިރީ ހުރި ގޮނޑީގައި އިށީނދެލައިގެން އިނީ ކުޑަހިނދުކޮޅަކަށްވެސް މަންހާ އާއި ދުރަށްދާން ބޭނުންނުވެފައެވެ. މަންހާ ގާތު ރުއިން ހުއްޓާލުމަށް ޒައުލް އެތަށް އާދޭހެއްކުރިނަމަވެސް މަންހާއަށް އެކަމެއްނުވިއެވެ. ހިތްކުދިކުދިވެފައިވާ މީހާގެ ހަމައެކަނި ބަހުރުވަކަމުގައި އޭނަ ރޯ ރުއިންވެދެއެވެ. މަންހާވެސް އޭނަގެ ހުރިހާ އިޙްސާސްތަކަކަށް ބަސްމޮށުންތެރިކަން ދެމުން ދިޔައީ ގިސްލުމާއިއެކު އެދެލޮލުން ފައިބައިމުންދިޔަ ކަރުނައިގެ އެހީގައެވެ. އަދިވެސް އެހިތް ދާއިންއަށް ގޮވުން ހުއްޓައެއްނުލައެވެ. އެއީ ވާނެ ކަމެއްނޫނެވެ.

"މަންހާ......ހެޔޮނުވާނެ، އަމިއްލަ ނަފްސަށް ތިހާބޮޑު އަނިޔާއެއްނުދީ.......ނިކަން ނެހާ އާއިމެދު ވިސްނާލަބަލަ، އެދަރިފުޅު މިހާރުވެސް އޭނަގެ މަންމައަށް ބޭނުންވެގެން ހަމަތިގޮތަށް ރޯނެކަން ޔަގީން" ޒައުލް މަންހާގެ ދެފައިތިލާގައި އަތްލަމުން ބުނެލިއެވެ. އެއްފައިތިލަ އަނެއްފައިތިލާގެ މައްޗަށް އަރުވާލަމުން މަންހާ ކުރިއަށްވުރެވެސް ފައިކުރުކޮއްލިއެވެ.

"މީ އަނިޔާއެއްނޫނޭ ޒައުލް، ހުރިހާ އެންމެންގެ އުފަލައްޓަކައި ނިންމި ނިންމުމެއް" ޔޫހާ ގިސްލެވިފައިވާ އަޑަކުން މިހެންބުނެ ޒައުލްއަށް ބަލާލިއެވެ.

"އެންމެންގެ އުފަލަކީ ކޮބާ؟ ދާއިން ހުރީ އުފަލުންކަން މަންހާއަށް އެނގެނީ ކިހިނެއް، ދެން މަންހާ.........ބުނެބަލަ، މަންހާ ތިހިރީ އުފަލުންތަ، އަމިއްލަ ބަނޑުން ވިހޭ ދަރިފުޅާ ލޯބިވާ ފިރިމީހާ ދޫކޮއްލާފަ ތިދަނީ ހުދު މަންހާ އަމިއްލައަށް، ކީއްވެ؟ އަހަރެން މިނިންމުމެއް ގަބޫލެއްނުކުރާނަން.........އަހަރެން ދުވަހަކުވެސް ބޭނުމެއްނޫން ދާއިން އާއި މަންހާ ވަކިން އުޅޭކަށް........އެހެންވެ އާދޭސްމިކުރަނީ، ތިނިންމުން ބަދަލުކުރޭ މަންހާ........އަހަރެންގެ ދުލުގަވެސް މަންހާތިވަނީ ހިފަހައްޓާފަ، މީ އަހަރެން އެއްގޮތަކަށްވެސް ބޭނުންވާގޮތެއްނޫން.........." ޒައުލް ދެންވެސް މަސައްކަތްކުރީ މަންހާގެ ނިންމުން ބަދަލުކުރެވޭތޯއެވެ. ރޮމުން ރޮމުން ދެފަރާތަށް މަންހާ ބޯހޫރުވާލިއެވެ.

ރޭގަނޑުގެ ކެއުން ތައްޔާރު ކުރެވުމާއިއެކު ޒާރާ ދާއިންގެ ފޯނަށް ގުޅިއެވެ. ދަރިފުޅު މޭމަތީ ބާއްވާލައިގެން އެނދުމަތީ އޮތް ދާއިންގެ ދެލޯ ހުޅުވިގެންދިޔައީ އެވަގުތުއެވެ. މޭމަތީ ނިދާފައި އޮތް ނެހާ ހޭލުމުގެ ކުރިން ރިންގުވަމުންދިޔަ ފޯނު ކޮބާތޯ ހޯދާލެވުނެވެ. ނަސީބަކުން އެނދުމަތީ އަތްފޯރާ ހިސާބެއްގައި ފޯނު އޮތުމުން ނެގި ގޮތަށް ނަގާ ހެލޯއޭ ބުނެލިއެވެ.

"ދާން، ކޮންމެވެސް އެއްޗެއް ކާލަން އަންނަންވީނު" ޒާރާ ބުނެލިއަޑުއިވުނެވެ.

"މިހާރަކު ނޫން، ތަންކޮޅެއް ފަހުން............" ދާއިން ކުރެހިފައިވާ އަޑަކުން ބުނެލިއެވެ.

"އުހޫން، އެގޮތް ކަމަކު ނުދާނެ، ދާއިން ނުކައި ނުބޮއެ އުޅެންވެއްޖެއްޔާ ދެންވާނީ ކިހިނެއް، ތިހެން އެއްގޮކަށްވެސް އުޅެގެން ނުވާނެ، އަހަރެން ބުނީމެއްނު މީ ދާއިން ހިތްވަރު އެލުވާލަންވީ ވަގުތެއްނޫނޭ، އަހަރުމެން ހިތާމަކޮށް ހަދާނަމަ ނެހާއަށް އަޅާލާނީ ދެން ކޮންބައެއް، މިއަދު މަންހާއަށްޓަކައިވިޔަސް ދާއިން ހިތްވަރުގަދަވާން އެބަޖެހޭ.........ކޮންއިރަކުން އަންނާނީ" ޒާރާ ބުނެލިއެވެ.

"މައްޗަށް އެއްޗެހި ފޮނުވާލަދީ" ދާއިން ބުނެލިއެވެ. ޒާރާއަށް ދާއިން ބުނިއެއްޗަކުން ސިހުންގެނުވިއެވެ. އެހުރިހާ އިރު އޭނަ ހީކުރީ ދާއިންވީ ބޯހަމަޖައްސާލުމަށްޓަކައި ނެހާގޮވައިގެން ކާރުދުއްވާލަން ގޮސްކަމަށެވެ. ނަމަވެސް އޭނައަށް ހީވި ހީވުން މުޅިން ގޯހެވެ. މޫނުމަތިން ހިތްހަމަނުޖެހުމުގެ އަސަރު ވަގުތުން ފާޅުވެގެން ދިޔައެވެ. ދާއިން މަންހާގެ އެޕާޓްމެންޓުގައި ކުރަނީ ކީއްބާއޭ އޭނަގެ ހިތަށް އެރިއެވެ. ކާމޭޒުކައިރީ ޒާރާގެ އިޝާރާތަކަށް މަޑުކޮއްލައިގެން ހުރި އިމީއަށް ދެމީހުންގެ ކެއުން ތަބަކެއްގައި އަތުރާދިނުމަށް ޒާރާ ބުނެލިއެވެ.

"ދާން......" ކޮޓަރީގެ ދޮރުމަތީ ދާއިންއަށް ބަލަހައްޓައިގެން ހުރި ޒާރާ ގޮވާލިއަޑާއިއެކު ދާއިން ބަލާލިއެވެ.

"އާދޭކާން، މިއައީ ކާން ހިފައިގެން.........ދެން ތިގޮތަށް ދެރަވެފަ ނޯވެބަލަ.......ކައިގެން ޒައުލްއަށް ގުޅާލަންވީނު، ފަހަރެއްގަ މަންހާ ނުގެންދާގޮތަށްވެސް ހަމަޖެހިދާނެ، ދެން ތެދުވޭ، ގެނޭ ނެހާ ކުޑައެނދުގައި ބާއްވާލާނަން" ޒާރާ ކުރިއަށް ޖެހިލަމުން ބުނެލިއެވެ.

"އިޓްސް އޯކޭ" މިހެންބުނެ ދާއިން މަޑުމަޑުން ތެދުވެ ނެހާ ގޮވައިގެން އެތެރޭގައި ހުރި ނެހާގެ ކޮޓަރިއަށް ދިޔައެވެ. އެކަންވެސް ޒާރާއަށްވީ ބޮޑުކަމަކަށެވެ. ކުއްލިއަކަށް ދާއިން އޭނަ ދުރުކޮއްލައިފި ކަމުގެ އިޙްސާސް ކުރެވެންފެށުނީ ދެނެވެ. ހުރިފިޔަޅުމަތީގައި ގުޑިލަންވެސް ނޭގިފައި ޒާރާ ހުއްޓެވެ.

"އަހަރެން ކާލައިގެން ބޭރަށް ގޮސްލާނަން، ޒާރާ ނެހާއަށް ރަނގަޅަށް ބަލައްޗޭ، އަހަރެން ބޭނުންވަނީ ނެހާ އޭނަގެ އެނދުގައި ބާއްވަން، އެންމެ ރަނގަޅުތަ........." ނެހާ ކުޑައެނދުގައި ބާއްވާލާފައި ޒާރާ އާއި ދިމާލަށް އައި ދާއިން ވަހަކަދައްކަންފެށިއެވެ. ޒާރާ އަވަސް އަވަހަށް ބޯޖަހާލީ ދާއިން ބޭނުން ކޮންމެ ކަމެއްވެސް ކޮއްދޭން އޭނަ މިހުރީ ތައްޔާރަށޭ ބުނާ ކަހަލަ ގޮތަކަށެވެ. ކާމޭޒު ކައިރީ ކާންއިން ޒާރާއަށް ބެލެނީ ދާއިންގެ ހަރަކާތްތަކަށެވެ.

ވަރަށް ކުޑަކޮށް ކާލި ދާއިން ނުކުމެގެން ދަމުން ނިދިފައި އޮތް ނެހާއަށް އަދިވެސް އެއްފަހަރު ބަލާލިއެވެ. އޭނައަށް ލިފްޓަށް އެރުމާއިއެކު ފޯނުން ގުޅާލީ ޒައުލްއަށެވެ.

"ހެލޯ، ޒައުލް.........މަންހާ ގެއަށް ގެނެސްދީ، އަހަރެން އޭނަ އާއި ވާހަކަދައްކަން ބޭނުން، އަހަންނަށް އެންމެ ފުރުޞަތެއް ދޭށޭބުނެދީބަލަ، އަހަރެންގެ ކައިރިއަށް މަންހާ ނުގެނެސްދެވެންޏާ އަހަންނާ އޭނަ ބައްދަލުވެވޭނޭ ގޮތެއް ހަދައިދީބަލަ" ދާއިންގެ ކޯލު ޒައުލް ނެގުމާއިއެކު ބުނެލިއެވެ.

"ދާއިން އަހަރެން ވަރަށް މަސައްކަތް އެބަކުރަން، އެކަމަކު...............އަދި ކާމިޔާބުމުގެ އެއެވެސް އަލާމާތެއްނުފެނޭ، އަހަރެންވެސް މިވަނީ ގޮތްހުސްވެފަ.........." ޒައުލްވެސް ނާއުއްމީދުވެފައިވާ އަޑަކުން ބުނެލިއެވެ.

"ޒައުލްތަ ތިހެން ތިބުނަނީ، ތީ މޮޅު ޑޮކްޓަރެއް ނޫންތަ...........ޒައުލް، އަހަންނަށް މިހެދުނީ ކިހާ ބޮޑު ގޯހެއް، އެކަމަކު އަހަންނަށް އިތުރު ފުރުޞަތެއް މަންހާ ދޭންވާނެއެއްނު، އަހަރެންގެ ދިރިއުޅުމުގެ ކިހާ ބޮޑުބައެއް އުނިވެގެންމިދިޔައީ.........ކޮންމެ މީހަކަށްވެސް ހެދުނު ގޯހަށް މާފަށް އެދުމުގެ ފުރުޞަތު ދޭންވާނެއެއްނު.........." އެންމެ ތިރިއަށް އައިސް ލިފްޓު ހުޅުވުނު އިރުވެސް ދާއިންއަށް ހުރެވުނީއެވެ. ޒައުލްގެ ކައިރިން މަންހާ ގެނެސްދިނުމަށް އެދި އާދޭސްކުރަނީއެވެ.

ކާރުގެ ސީޓުގައި އިށީނދެލުމަށްފަހު ސީޓު ބެލްޓް އަޅުވާލި ދާއިން އޭނަގެ ނެތްހިތްވަރު ދައްކަމުން ކާރު ދުއްވާލީ މަންހާގެ އާއިލާ އާއި ބައްދަލު ކުރުމަށް އެގެއަށް ދިއުމަށެވެ. ދިހަވަރަކަށް މިނެޓުތެރޭ ދާއިންގެ ކާރުގޮސް މަންހާގެ އާއިލާ އުޅޭ ގޭކައިރީގައި ކާރު ޕާކުކޮއްލާފައި ފޯނު ނަގާ މަންހާގެ ބައްޕަ ސަޢީދުއަށް ގުޅާލިއެވެ.

"ހެލޯ، ދާއިން..........ކިހިނެއްވީ، ހާދަ ނުގަޑިއެއްގަ ތިގުޅާލީ" އެހެންޏާ ނުގުޅާ ގަޑިއެއްގައި ދާއިން ގުޅާލުމުން ސޯފާއިން ތެދުވެގެން ޓީވީގެ އަޑާއި ދުރަށް ޖެހިލައި ފޯނުން ވާހަކަދެއްކި ސަޢީދު ބުނެލިއެވެ.

"އަޅުގަނޑު ބައްދަލުކޮއްލަން ބޭނުންވެގެން، ގޭގަތޯ........" މިހެން އަހާލި ދާއިންގެ އަޑުގައިވި ތަފާތުކަން ސަޢީދުއަށް ނަގައިގަންނަން އުނދަގޫވިއެވެ.

"އާން......އަވަހަށް އާދޭ، ބައްޕަ މީނީ ގޭގަ، ދެކުދިންތަ އަންނަނީ.........ހާދަ އުފާވެއްޖެއޭ، އަވަހަށް އާދޭ" ސަޢީދުއަށް ދާއިންގެ ވާހަކައިން ލިބުނީ އުފަލެކެވެ. އެހެނީ މަތިބަލާ ނުލާހާ ހިނދަކު ބޯމަތިވަމުން އަންނަ ވިލާގަނޑެއް ނުފެންނާނެތާއެވެ. ޖެހޭ ބާރު ވައިރޯޅިންވެސް ލިބިގެންދާނީ ހިތްހަމަޖެހުމެވެ. އެއްފަހަރުވެސް އަންނަން އުޅޭ ތޫފާނުގެ ނިޝާނެއް ކަމުގައި އެވައިރޯޅި އާއި ދޭތެރޭ ނުދެކޭނެއެވެ.

މަޑުހިނގުމެއްގައި ގޯތިތެރެއަށް ވަދެގެން ގޮސް ސިޓިން ރޫމު ދޮރުމަތީ ދާއިން މަޑުކޮއްލިއެވެ. އޭރު ޝިމާދު އާއި ސައީދު ނޫން މީހަކު ސިޓިން ރޫމުން ނުފެނުނެވެ. ދާއިން ސަލާމް ގޮވާލީ ކިތަންމެ މަޑުން ކަމުގައި ވިޔަސް ސަޢީދުއަށް އަޑުއިވުނެވެ. ޝިމާދުއަށްވެސް ކުއްލިއަކަށް ތެދުވެވުމާއިއެކު ހިނިއައިސްފައި ދާއިންއަށް ބަލާލީ އެކުގައި މަންހާ ހުންނާނެއޭ ހިތާއެވެ. އެންމެފަހުން މަންހާ އެގެއަށް އައިދުވަހު ކަންތައް ހިނގާފައިވާ ގޮތުން ދެން އެގެއަށް މަންހާ ނާންނާނެއޭ އެންމެންވެސް ހީކުރިއެވެ.

"އަވަހަށް އާދޭ އެތެރަށް، ކޮބާ އެމަންޖެ.........ކުޑަމީހާވެސް ގޮވައިގެންތަ" ކެތްތެރިކަން ކުޑަވެފައިވާ ސަޢީދުއަށް އަހާލެވުނެވެ.

"އަޅުގަނޑު އެކަނި" ދާއިން ބުނެލިއެވެ. ސަޢީދު އާއި ޝިމާދު ހިމޭންވީ ދާއިންގެ މޫނުމަތިން ފެނިގެންދިޔަ ކުލަވަރުތަކުންނެވެ. ހިތާމަވެރިކަމުގެ ކުލަވަރު އެމޫނުމަތިންނާއި އެދެލޮލުން ފެންނަމުންދިޔައެވެ.

"ކީއްވެ މަންކޮ ނައީ، ޝަރަފް އެބަ އުޅޭ މިރޭ ތިގެއަށް ދާންވެގެން، މަންކޮ ފޯނު ނުނަގައިގެން އުޅެނީ" ޝިމާދު ދާއިންގެ މޫނުމަތިން ކަމެއް ހޯދަމުން ދާފަދަ ގޮތަކަށް ބަލަންއިނދެ ބުނެލިއެވެ.

"މަންހާ ވަރަށް ބަލި" ދާއިންއަށް ބުނާނެ ގޮތެއްނޭގި އިނދެ ބުނެލިއެވެ.

"ކިހިނެއްވީ.........." ސައީދު އާއި ޝިމާދުއަށް އަހާލެވުނީ އެއްފަހަރާއެވެ. އެދެމީހުންގެ ލޯވެސް ބޮޑުވެ މޫނުމަތިން ކަންބޮޑުވުން ފާޅުވެގެން ދިޔައެވެ.

"އިއްޔެ ރަނގަޅު، އެކަމަކު ކުއްލިއަކަށް މިއަދު މާބޮޑަށް ބަލިވީ، މަންހާއަށް ޚާއްޞައެހީއަށް ބޭނުންވާ ވަރަށް، ޑޮކްޓަރުން......................ޑޮކްޓަރުން ނިންމީ އޭނައަށް ފަރުވާދޭން ގުރައިދޫއަށް............." ދާއިންގެ ޖުމްލަ ނުނިމެނިސް ސަޢީދުއަށް ފުންމައިގެން ތެދުވެވިއްޖެއެވެ. އޭނަ އާއިއެކު ޝިމާދުއަށްވެސް ތެދުވެވުނެވެ.

"ގުރައިދޫއޭ.............އެކަމަކު...............ކީއްވެ، ގުރައިދޫއަކީ ސިކުނޑި ހަމަނުޖެހޭ މީހުން ގެންދާތަނެއް، އެވެސް ޚާއްޞަކޮށް އަޅާލާނެ މީހަކުނެތިގެން ގެންދާތަނެއް..............ދާއިންއަށް އަދި ކިރިޔާތަ ތިވާހަކަ ބުނަން އެނގުނީ، މަންހާ.............އަހަރެންގެ މަންހާ.............ކޮބާ އަހަރެންގެ ދަރިފުޅު މިހާރު...........ކޮންތާކުވީ، އަހަރެން ބޭނުން ބައްދަލު ކުރަން.........ޝިމާދު ދަރިފުޅާ، އަވަހަށް ޝަރަފްއަށް ގުޅާފަ ބުނެބަލަ ގެއަށް އަންނާށޭ، ވަސީމާ.............ވަސީމާ............ނުކުމެބަލަ........" ސަޢީދު ވަސީމާއަށް ގޮވަމުން ކޮޓަރިއަށްވަނެވެ. ޝިމާދުވެސް އަވަސްވެގަތީ ޝަރަފްއަށް ގުޅާށާ އޭނަގެ އަންހެނުން ޖޫން ހޯދުމަށެވެ. ސިޓިން ރޫމުގެ ސޯފާގައި އިސްޖެހިފައި އިން ދާއިންގެ ލޮލުން ޖޯޑުކޮއްލެވިފައިވާ އޭނަގެ އަތްތިލައަށް ވެއްޓިގެންދިޔަ ކަރުނަތިއްކާއިއެކު އަވަސް އަވަހަށް އަތުގެ ނުފުށުން ދެލޯ ފޮހެލައިފިއެވެ.

"ވަސީ، އަހަރުމެންގެ ދަރިފުޅު، މަންހާ ސިކުނޑި ހަމަނުޖެހޭ ކުއްޖަކަށްވީއޯ.........." ސަޢީދު ކޮޓަރީގައި އިން ވަސީމާ އާއި ރަނގަޅަށް ވާހަކަ ނުދެއްކެނިސް އޭނަ ރުންކުރު ގޮތަކަށް ވާހަކަދައްކަން ފެށިއެވެ.

"މަގޭ ކައިރީ މަންހާގެ ވާހަކަ ދައްކާނެކަމެއްނެއް، އެންމެ ފަހުން ބޮނޑިއެއް ލިބުނީކަންނޭގެ، ޔަގީނޭ އެދާއިންއަކު އޭނަ ވަރިކުރަން އުޅުނީކަން، އެވީ ހަމަ ވާންވިގޮތަށް.........." ސަޢީދުގެ ވާހަކަ އަޑުއެހުމެއްނެތި ވަސީމާ ކިޔަންފެށިއެއްޗެހިން ސަޢީދު ވަގުތުން ރުޅިގަދަވިއެވެ.

(ނުނިމޭ)