ކުޅިވަރު

ފަހު މެޗުގައި ރާއްޖެއިން ބޮޑު ކުރިއެރުމެއް ހޯދައިފި

ލަންކާ އާ ދެކޮޅަށް ރޭ ކުޅުނު މެޗުން ރާއްޖެ ބަލިވި ނަމަވެސް މެޗުގައި ރާއްޖޭއިން ބޮޑު ކުރި އެރުމެއް ހޯދައިފި އެވެ. ރޭގެ މެޗުވެސް ލަންކާއިން ކާމިޔާބު ކުރީ 3-1 ސެޓުންނެވެ.

ލަންކާ އާ ދެކޮޅަށް މި ކުޅޭ މެޗަކީ، އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވާ ގައުމީ ޓީމަށް، މުބާރާތުގެ ކުރިން ވަރުގަދަ މެޗުތަކެއް ހޯދައި ދިނުމުގެ ގޮތުން ކުޅޭ ދެ މެޗެވެ.

ފުރަތަމަ ސެޓްގައި، ރާއްޖެއިން ވަނީ ވަރަށް ރަނގަޅަށް ކުޅެފަ އެވެ. އެ ސެޓްގައި ރާއްޖެއިން ވަނީ ލަންކާގެ މައްޗަށް ފަސް ޕޮއިންޓްގެ ލީޑެއްވެސް ނަގާފަ އެވެ. ރާއްޖެއިން މާ ބޮޑު ލީޑެއް ނެގިޔަ ނުދިނުމަށްޓަކައި ފުރަތަމަ ސެޓްގައި ލަންކާއިން ވަނީ ޓައިމްއައުޓް ނަގައި އޭގެ ބޭނުން ހިފާފަ އެވެ. ރާއްޖެއިން 23-19 ގައި ލީޑް ކުރަމުން ދިއުމުން އަނެއްކާވެސް ލަންކާއިން ޓައިމްއައުޓެއް ނެގި އެވެ. އެހެންނަމަވެސް އެނބުރި އައިސް ރާއްޖެއިން ގޭމްބޯލް ޕޮއިންޓް ސްކޯ ކުރި އެވެ. މެޗު ނިންމާލަން އެންމެ ޕޮއިންޓަށް ވެފައި ވަނީކޮށް ހުސައިން ވިޝާމް (ބުޅިކޭ) ޖެހި ސާވިސް ބޭރަށް ދިއުމުން ލަންކާއިން ޕޮއިންޓް ނެގި އެވެ.

ރާއްޖޭއިން ގޭމް ބޯލް ޕޮއިންޓްގައި ވަނިކޮށް ލަންކާއިން 21 ވަނަ ޕޮއިންޓް ހޯދުމުން ރާއްޖޭގެ ކޯޗް މުހައްމަދު ސާޖިދު (ބޮޑުކާއްޓޭ) ޓައިމް އައުޓެއް ނެގި އެވެ. ޓައިމްއައުޓަށް ފަހު އެނބުރި އައިސް ލަންކާއިން 22 ޕޮއިންޓް ހޯދައި ރާއްޖެއާ ދެ ޕޮއިންޓަށް ގާތް ކުރި އެވެ. އެހެންނަމަވެސް ރާއްޖޭގެ ކެޕްޓަން އަލީ ހުޒާމް (ހުޒާންޓޭ) ފޮނުވާލި ބާރު ޝޮޓުން 25-22 އިން ރާއްޖެއިން ސެޓް ކާމިޔާބު ކުރި އެވެ.

ދެ ވަނަ ސެޓަށް ލަންކާއިން ނުކުތީ އެ ޓީމުގެ އެންމެ ވަރުގަދަ ދެ ކުޅުންތެރިން ކަމަށްވާ ޑިޕްތީ އާއި ލަސިންދު އާއެކު އެވެ. ފުރަތަމަ ސެޓްގައިވެސް ވަކި ހިސާބަކުން ލަންކާގެ ކޯޗް މެނައުލް ތޯރޭސް ވަނީ ލަސިންދު ކުޅެން ނެރެފަ އެވެ. އެހެންނަމަވެސް އެ ސެޓްގައި އޭނާ އަށް މާބޮޑު ކަމެއް ނުކުރެވުނެވެ. ފުރަތަމަ މެޗުވެސް ލަންކާއަށް ކާމިޔާބު ކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ ލަސިންދު އާއި ޑިޕްތީގެ ކޮމްބިނޭޝަން އެވެ.

އެ ދެ ކުޅުންތެރިން އެކުގައި ކުޅެން ނުކުތުމާއެކު، ބާރުބޯޅަ ތަކުން ރާއްޖޭގެ ކޯޓަށް ބާރު ބޮޑު ވަމުން ދިޔަ އެވެ. ސެޓްގެ ފުރަތަމަ ދެ ޕޮއިންޓް ލަންކާއިން ނެގީ ފަސޭހަ ކަމާއެކު އެވެ. އެހެންނަމަވެސް ރޭގެ މެޗާ ހިލާފަށް މިރޭގެ ދެ ވަނަ ސެޓްގައި ރާއްޖޭގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅު ކުރި އެވެ. ރާއްޖޭގެ ބެކްކޯޓުންނާއި ސެންޓާއިން ރަނގަޅު ހަމަލާތަކެއް އުފައްދައި ރާއްޖެއިން ޖެހިޖެހިގެން ގިނަ ޕޮއިންޓްތަކެއް ހޯދަމުން ދިޔަ އެވެ. ކެޕްޓަން ހުޒާންޓޭ އާއި އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ) ގެ އެޓޭކުތަކުން ލަންކާގެ ބުލޮކްތައް ފޫއަޅުވާލައިފައި ރާއްޖެއިން ސުކޯ ކުރި އެވެ.

ކުޑަކާއްޓޭގެ ބަދަލުގައި އަހްމަދު އަބްދުލް ކަރީމް (ލޯންގޭ) ކުޅެން ނުކުމެ އޭނާގެ ސާވިސްތަކާއި ބާރު ހަމަލާ ތަކުން ހަތުރު ޕޮއިންޓް ފަހަތުގައި އޮއްވައި ރާއްޖެއިން އެއް ޕޮންޓަށް ކައިރި ކުރުމުން ލަންކާގެ ޓީމަށް ބާރު ބޮޑުވުމުން އެ ޓީމުން ޓައިމްއައުޓެއް ނެގި އެވެ. އަދި 24 ވަނަ ޕޮއިންޓްގައި ލަންކާއިން އޮއްވައި ރާއްޖެއިން ޕޮއިންޓްތަކެއް ހޯދައި ފަރަގު ކުޑަ ކުރާން ފެށުމުން ލަންކާއިން ވަނީ ޓައިމްއައުޓެއް ނަގައި އަނެއްކާވެސް ރައްޖޭގެ ކުޅުމަށް ބުރޭކެއް ގެނެސްފަ އެވެ.

ތިން ވަނަ ސެޓްގައި، ރާއްޖެއިން ވަރަށް ބޮޑަށް ކުޅުނު ރަނގަޅު ކުރި އެވެ. މި ސެޓްގައިވެސް ރާއްޖެއަށް އުނދަގޫ ކުރިމަތިވީ ޑިޕްތީ ފޮނުވާލާ ބާރު ބޯޅަތައް ދިފާއު ކުރުމުގައެވެ. އެ ސެޓް ލަންކާއިން ކާމިޔާބު ކުރީ 25-22 އިންނެވެ. ހަތަރު ވަނަ ސެޓްގައި ރާއްޖޭގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. ސެޓް ފެށިގޮތަށް އެއްބާރު މިނެއްގައި ގެންގޮސް ބޮޑު ލީޑެއް ލަންކާއިން ނެގި އެވެ. އެސެޓުން ރާއްޖެ ބަލިވީ 25-13 އިންނެވެ.