ކުޅިވަރު

ޔޫރަޕިއަން ސުޕަ ކަޕު ލިވަޕޫލް ކާމިޔާބު ކޮށްފި

މެޗުގެ ނަތީޖާ 2-2 އިން އެއްވަރުވެ، ޕެނަލްޓީ ޖަހައިގެން 5-4 އިން ޗެލްސީގެ މައްޗަށް ކާމިޔާބު ހޯދައި، ޔޫރަޕްގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޔޫއެފާ ސުޕާ ކަޕްގެ މެޗު ލިވަޕޫލުން ކާމިޔާބު ކޮށްފި އެވެ.

ލިވަޕޫލަށް ކާމިޔާބު ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ މީގެ ހަފުތާއެއް ކުރިން ލިވަޕޫލަށް ސޮއި ކުރި ގޯލްކީޕަރު އެޑްރިއަން އެވެ. ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕްގެ ޕްލޭންގައި އޮތީ އެޑްރިއަން ފިޓު ކޮށްލުމަށް ފަހު ލިވަޕޫލްގެ ބައެއް މެޗުތަކުން އޭނާ އަށް ފުރުސަތު ދިނުމަށެވެ. އެހެންނަމަވެސް ލީގްގެ ފުރަތަމަ މެޗުގައި އެއް ވަނަ ކީޕަރު އެލިސަން ބެކާ އަށް އަނިޔާ ވުމުން، މާ ގިނަ ޓްރެއިނިންތަކެއް ނެތި އެޑްރިއަންއަށް ފުރުސަތު ދޭން މަޖުބޫރު ވީ އެވެ.

ޕެނަލްޓީ ޝޫޓު އައުޓްގައި ލިވަޕޫލްގެ ޑިވޯކް އޮރިޖީ އާއި ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް ޖެހި ޕެނަލްޓީ މަތަ ކުރުމާ ވަރަށް ގާތަށް، ޗެލްސީގެ ކީޕަރު ކެޕާ އަރީޒަބަލަގާ ދިޔަ އެވެ. ދެ ޕެނަލްޓީވެސް ގޯލަށް ވަނީ އޭނާގެ އަތުގައި ޖެހިފަ އެވެ.

އެޑްރިއަން ދިފާއު ކުރީ، ޗެލްސީގެ ޒުވާން ފޯވަޑް ޓަމީ އަބްރަހަމް ޖެހި ޕެނަލްޓީ އެވެ. ޗެލްސީގެ ސީނިއާ ޓީމާއެކު މި ވަރުގެ ޕްރެޝާ މެޗަކަށް މުޅިން އަލަށް ނުކުތް އަބުރަހަމް ގޯލްގެ މެދަށް ޖެހި ޕެނަލްޓީ އެޑްރިއަން ދިފާއު ކުރީ ވެއްޓިގެންފައި އޭނާގެ ފައިންނެވެ.

ލަމްޕާޑް އާއެކު ޗެލްސީން ކުޅުނު ފުރަތަމަ ރަސްމީ މެޗުގައި މެންޗެސްޓާ، ޔުނައިޓަޑް އަތުން 4-0 ބަލިވި މެޗަށް ވުރެ މާ ރަނގަޅަށް ޗެލްސީން ރޭގެ މެޗުގައި ކުޅުނެވެ. އެ މެޗުގައި ބަދަލު ކުޅުންތެރިންގެ ގޮތުގައި ފުރުސަތު ދިން، އެންގޯލާން ކަންޓޭ އާއި މިދިޔަ ޖެނުއަރީގައި ޗެލްސީއަށް ސޮއި ކުރި ނަމަވެސް ލޯން އުސޫލުން ސީޒަން ނިމެންދެން ބުރޫޝިއާ ޑޯޓަމުންޑަށް ކުޅުނު ކްރިސްޓިއަން ޕުލިސިކް އަށް ވަނީ މެޗުގެ ފުރަތަމަ 11 އިން ފުރުސަތު ދީފަ އެވެ.

ޗެލްސީގެ ފުރަތަމަ ލަނޑު އޮލިވާ ޖިރޫ ކާމިޔާބު ކުރީ ވެސް ޕުލިސިކް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. މެޗުގެ 36 ވަނަ މިނެޓްގައި ޖިރޫ ލަނޑު ޖެހި ފަހުންވެސް އޭނާ ވަނީ އިތުރު ބޯޅައެއްވެސް ގޯލަށް ވައްދާލާފަ އެވެ. އެހެންނަމަވެސް ރެފްރީ ނިންމީ އޮފްސައިޑް ކަަމަށެވެ.

ޗެލްސީ ލީޑް ގައި އޮވެގެން ފުރަތަމަ ހާފު ނިންމާލި ނަމަވެސް، ދެ ވަނަ ހާފު ފެށި ގޮތަށް، ސެޑިއޯ މާނޭ ވަނި ލިވަޕޫލަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އެ ލަނޑާއެކު މެޗުގެ ނަތީޖާ ހަމަހަމަ ވެގެން ނިމުމުން، ނަތީޖާ ނެރުމަށްޓަކައި ކުޅުނު އެކްސްޓްރާ ޓައިމްގެ ދެ ހާފުގެ ތެރެއިން ލިވަޕޫލުން ފުރަތަމަ ފަހަރަށް ލީޑް ނެގި އެވެ. އެކްސްޓްރާ ޓައިމްގެ ފަސް ވަނަ މިނެޓްގައި ލަނޑު ކާމިޔާބު ކުރީ މާނޭ އެވެ.

އެކްސްޓްރާ ޓާއިމްގެ ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ޗެލްސީން ނަތީޖާ ހަމަހަމަ ކުރި އެވެ. ލިބުނު ޕެނަލްޓީ އަކުން އެ ލަނޑު ކާމިޔާބު ކުރީ ޖޯޖީނިއޯ އެވެ.