ހަބަރު

ހިންނަވަރުގައި ބޭއްވި އީދު ޝޯގެ ތެރެއިން ހަމަނުޖެހުން ހިންގައިފި

ޅ. ހިންނަވަރުގައި ރޭ ބޭއްވި އީދު ޝޯގެ ތެރެއިން ހަމަނުޖެހުން ހިންގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ހިންނަވަރުގައި ރޭ ބޭއްވި ޝޯ ބަލަން ގޮސް ތިބި މީހުންގެ ތެރެއިން ދެ ރަށެއްގެ ބައެއްގެ މެދުގައި ޒުވާބުކޮށް ހަމަނުޖެހުން ހިންގާފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި އެއީ ޅ. ހިންނަވަރުގެ ބައެއް މީހުންނާއި ޅ. ނައިފަރުގެ ބައެއް މީހުންގެ މެދުގައި މައްސަލަ ހޫނުވެ ހިނގި ހަމަނެޖުހުމެކެވެ.

އެކަމުގެ މައުލޫމާތު ރޭ 12:18 ހާއިރު ފުލުހުންނަށް ލިބިގެން އެ ރަށުގައި ތިބި ފުލުހުން ޝޯ ބޭއްވި ސަރަހައްދަށް ގޮސް ހަމަނުޖެހުން ކޮންޓްރޯލްކޮށް، އެ ސަރަހައްދުން މީހުން ފޮނުވާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

މި އަހަރުގެ އަޟްހާ އީދު ފާހަގަކުރުމުގައި ރާއްޖޭގެ ހުރިހާ ސަރަހައްދުގައި ވެސް އެކި ހަރަކާތްތައް ދަނީ ބާއްވަމުން އެ ހަރަކާތްތަކުގެ ތެރޭގައި ބައެއް މީހުން ހިތްހަމަނުޖެހޭ ކަންކަން ވެސް ވަނީ ހިނގާފަ އެވެ.

އެ ގޮތުން ރ. މަޑުއްވަރީގައި އިއްޔެ ފެން ޖަހަން އުޅުމުގެ ތެރޭގައި ސައިކަލުގައި ދުއްވާފައި ދިޔަ އަންހެނަކާއި ކުޑަކުއްޖަކު ސިއްސައިގެން ގޮސް ސައިކަލުން ވެއްޓި ވަނީ އަނިޔާވެފަ އެވެ. އަދި ތ. ވޭމަންޑޫގައި އީދު ފާހަގަކުރަން އުޅުމުގެ ތެރޭގައި ސިފައިންގެ މީހަކު އަންހެން ކުއްޖަކަށް ބަދު އަހުލާގީ އަމަލު ހިންގަން އުޅުނު ކަމަށް ބުނާ މައްސައެއް ވަނީ ފެންމަތިވެފަ އެވެ.

އެ މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.