ހަބަރު

ހަދަމުންދާ އިމާރާތަކަށް އަރަން އުޅުނު މީހަކު ވެއްޓި އަނިޔާވެއްޖެ

މާލޭގެ މާފަންނު ސަރަހައްދުގައި ހަދަމުންދާ އިމާރާތަކުން އަޑުގަދަވާތީ ހިތްހަމަނުޖެހިގެން އެ ތަނަށް އަރަން އުޅުނު މީހަކު އިމާރާތުގެ ވައިގޮޅިން ވެއްޓި އަނިޔާވެއްޖެ އެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި، މާފަންނުގައި ހަދަމުންދާ އިމާރާތަކުން އަޑުގަދަވާތީ ހިތްހަމަނުޖެހިގެން މިއަދު ހެނދުނު އެ ގެއަށް އަރަން އުޅުނީ އެ އިމާރާތާ ޖެހިގެން ހުރި ގޭގައި ދިރިއުޅޭ މީހެކެވެ. އެއީ 40 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ އެ އިމާރާތަށް އަރަން އުޅެނިކޮށް އެ މީހާ ވެއްޓުނީ އެ އިމާރާތުގެ ފަސްވަނަ ފަންގިފިލާގެ ވައިގޮޅިން ދެވަނަ ފަންގިފިލާގެ ވައިގޮޅިއަށެވެ. އަނިޔާވި މީހާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދީފައިވާއިރު، އޭނާއަށް ބޭރުފުށުން މާ ބޮޑު އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާގައި ވައިގޮޅީގައި އިން ދެ އައުޓްޑޯ ޔުނިޓަށް ވެސް ގެއްލުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.