އެމްޓީޑީގެ ލީޑަރު، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ސިއްހީ ހާލަތު ގޯސްވެ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށައިފި އެވެ.
އަދީބު ނިސްބަތްވެވަޑައިގަންނަވާ އެމްޓީޑީގެ ނައިބު ރައީސް އަބްދުﷲ ޔާމީން ރަޝީދު ވިދާޅުވީ އަދީބު ބަންދުކޮށްފައި ހުރި ޖަލުގެ ގޮޅި ތެރެއަށް މިއަދު އޭނާ ހޭނެތިގެން ވެއްޓިފައިވާ ކަމަށެވެ. އެހެންކަމުން އެމަޖެންސީގައި އައިޖީއެމްއެޗަށް ގެނެސް ފަރުވާ ދޭން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޅ. މާބިންހުރާ ހިޔާނާތުގެ މައްސަލައިގެ އިސްތިއުނާފް ޝަރީއަތުގައި ސުޕްރީމް ކޯޓުން ވަނީ އޭނާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ. އަދީބުގެ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ ފަރާތުން އެދުނީ އޭނާ ފިލައިދާނެ ކަމުގެ އިހުތިމާލު އޮތީމަ އެވެ.
އަދީބުގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނިކޮށް އޭނާ ވަނީ މި މަހުގެ ފުރަތަމަ ދުވަހު ފިލައިގެން ގޮސް އިންޑިއާއަށް އެތެރެވާން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އިންޑިއާއަށް ގަވާއިދާ ހިލާފަށް އެތެރެވަނިކޮށް އެ ގައުމުގެ ފުލުހުން އޭނާ ހައްޔަރުކުރި އެވެ. އަދި ފަހުން ދިވެހި ފުލުހުންނާ ހަވާލުކޮށް، ފުލުހުންގެ ބެލުމުގެ ދަށުން އޭނާ ރާއްޖެ ގެނަ އެވެ.
ހިޔާނާތާއި ޖީނާއީ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ އަދީބު ބޭސްފަރުވާއަށް މި އަހަރުގެ ތެރޭގައި އިންޑިއާއަށް ވަޑައިގެންފައިވެ އެވެ. އަދި ހަ މަހުން އެއް ފަހަރު އިންޑިއާއަށް ވަޑައިގެން ޑޮކްޓަރަށް ދެއްކުމަށް ޑޮކްޓަރުން ވަނީ ލަފާ ދީފަ އެވެ. މީގެ ކުރިން ޖަލުގައި ބަންދުކޮށް ބަހައްޓާފައި ވަނިކޮށް ސިއްހީ ހާލަތު ގޯސްވެގެން އަދީބު އައިޖީއެމްއެޗަށް ގެނެސް ފަރުވާ ދީފައިވެ އެވެ.
ފުލުހުންނާއި ކަރެކްޝަންސްގެ އޮފިސަރުންގެ ބެލުމުގެ ދަށުން އެ ފަހަރު އަދީބު އިންޑިއާއަށް ވަޑައިގެންނެވީ އޭނާއަށް ޖެހިފައިވާ، ލޮލުގެ ފެނުމަށް އަސަރު ކުރާ ބައްޔެއް ކަމަށްވާ، ގްލަކޯމާއަށް ފަރުވާ ކުރުމަށެވެ. އަދީބުގެ ކިޑްނީގައި ހިލަތަކެއް އުފެދިފައިވާތީ އެ ކަމަށް ވެސް އޭނާ ފަރުވާ ހޯއްދަވަ އެވެ.