ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

އަދީބު ޖަލަށް ގެންދިޔައީ ނުބައި ލިޔުމަކަށް ރިއާޔަތްކޮށް: އެމްޓީޑީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް ގޭބަންދުގައި ހުއްޓާ އަލުން ހައްޔަރުކޮށްފައިވަނީ ނުބައި ލިޔުމަކަށް ބަލައިގެންކަމަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރިޓިކްސް (އެމްޓީޑީ) ގެ ނައިބު ރައީސް ޔާމީން ރަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޓީޑީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ އަދީބު އަނބުރާ ޖަލަށް ގެންދިޔައީ ކުރިން ފަރުވާ ދިނުމަށްފަހު ދީފައިވާ ލިޔުމަކަށް ބަލައިގެން ކަމަށާއި، އަދީބަށް އައިޖީއެމްއެޗް އިން ފަރުވާ ދިނުމަށްފަހު ގޭބަންދަށް ދޫކުރުމުގެ ގޮތުން ޑޮކްޓަރު ދީފައިވާ ލިޔުމުގައި ހަ ހަފްތާ ނުވަތަ ހަތް ހަފްތާ ގޭ ބަންދުގައި ބަހައްޓައިގެން ފަރުވާ ދިން ނަމަވެސް، ލިޔުމުގައި ވާ މުއްދަތަށް ވުރެ އިތުރަށް އަދީބް ގޭގައި ބަހައްޓައިގެން ފަރުވާ ދޭން ޖެހިދާނެ ކަމަށް ބުނެފައިވާ ކަމަށެވެ.

"ފަހުން ދިން ލިޔުމުގައި 6 ނުވަތަ 7 ހަފްތާ ގެ މުއްދަތު ދީފައިވީ ނަމަވެސް އެ ލިޔުމުގައި ވަނީ މި ދެންނެވި މުއްދަތު ހަމަވިޔަސް އަދީބް ގޭގައި ބަހައްޓައިގެން ފަރުވާ ދޭން ޖެހިދާނެ ކަމަށް، އަދީބް ގޭ ބަންދުގެ މުއްދަތު ހަމަވެއްޖެ ކަމަށް ބުނެ އެ ބުނާ ލިޔުމަކީ މީގެ ކުރިން ދީފައިވާ ލިޔުމެއް،" ޔާމީން ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އަދީބު އަނބުރާ ޖަލަށް ގެންދިޔުމަށްފަހު އަދީބު އޮންނަވާ ޖަލު ދެ ގަނޑިއިރު ތެރޭ ބަަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދީބު ވަނީ އައިޖީއެމްއެޗްގައި ފަރުވާއަށް އަނެއްކާ ވެސް އެޑްމިޓްކޮށްފަ އެވެ. އަދީބުގެ މީހާރުގެ ހާލަތާ ބެހޭގޮތުން އެމްޓީޑީ އިން ބުނީ، ޑޮކްޓަރު ދީފައިވާ ލިޔުންތަކަށް ބަލާލާއިރު އަދީބު ގަދަ ހުމެއް ޖެހި ހޮނޑު ލެވުމުގެ އިތުރުން ކުޑަ ކަމުދާ އިރު ލޭ އަންނަ ކަމަށް ޑޮކްޓަރުގެ ލިޔުމުން އެގޭ ކަމަށެވެ.

ޔާމީން ވަނީ އަދީބަށް ދޭން ޖެހޭ ސިއްހީ ފަރުވާ ދިނުމަށް ސަރުކާރުން އިހުމާލުވެފައިވާ ކަމަށް ބުނެ އެކަން ރަނގަޅު ކުރުމަށް ގޮވާލާފަ އެވެ. އަދި ފަހުން ޑޮކްޓަރު ދީފައިވާ ލިޔުމަށް އަމަލުކުރުމަށް ވެސް ވަނީ ގޮވާލާފަ އެވެ.