ކުޅިވަރު

ގުރީޒްމަންގެ ފުރަތަމަ މެޗު މިރޭ، މެސީއަށް ނުކުޅެވޭނެ

ސްޕެއިންގެ ލަލީގެ ކުޅުން މިރޭ ފަށާއިރު، ލީގްގެ ފުރަތަމަ މެޗުގައި އެތުލެޓިކް ކުލަބު ބިލްބާއޯ އާ ދެކޮޅަށް އެފްސީ ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ އަށް ނުކުޅެވޭނެ ކަމަށް ބާސާގެ ކޯޗް އެރުނަސްޓޭ ވަލްވެރުޑޭ ބުނެފި އެވެ.

ޕްރީ ސީޒަން ޓްރެއިނިން ގައި މެސީގެ ކުޑަކަޅުވާ މަސްގަނޑަށް ލިބުނު އަނިޔާއަކަށް މެސީ ދަނީ ރިކަވާވަމުންނެވެ. އެހެންނަމަވެސް އެ ލިބުނު އަނިޔާއަކީ މެސީ އަށް ނުކުޅެވޭވަރުގެ އަނިޔާއެއް ނޫން ކަމަށް ވަލްވެރުޑޭ ބުންޏެވެ.

ވަލްވަރުޑޭ ކުރިން ކޯޗް ކޮށްދިން އެތުލެޓިކް ކުލަބާ ދެކޮޅަށް ކުޅޭ މެޗަށް ދަތުރު ކުރި ސްކޮޑުގައިވެސް މެސީ ހިމަނާފައި ނުވެ އެވެ. ބިލްބާއޯގެ ސެން މެމްސް ސްޓޭޑިއަމްގައި މިރޭ ކުޅޭ މެޗު ފަށާނީ ރާއްޖޭގަޑިން ދަންވަރު 12:00 ގަ އެވެ.

"އަހަރެމެން ބޭނުމެއް ނޫން ކުޅުންތެރިޔަކާ މެދު ރިސްކެއް ނަގާކަށް، ހާއްސަކޮށް މެސީ އާ މެދު، މެޗުގެ ކުރިން ބޭއްވި ޕްރީ މެޗް ޕްރެސްގައި ވާހަކަ ދައްކަމުން ވަލްވެރުޑޭ ބުންޏެވެ. "ޕްރީ ސީޒަން ނިންމާފައި އައިތަނުން މެސީ މުޅި ޓީމާއެކު މަސައްކަތެއް ނުކުރޭ، ވަކިން ޓްރެއިން ކުރުން އެއީ މުޅިން ތަފާތު ކަމެއް އަހަރެމެން ބަލާނަން ރިކަވަރީ ދަނީ ކިހިނެއްތޯ."

ބާސާގެ ފިލިޕޭ ކުޓީނިއޯ އާއި އީވާން ރަކިޓިޗް ވަނީ ސްކޮޑުގައި ހިމަނާފަ އެވެ. ބާސާއަށް އަލުން ނޭމާ ގެނައުމަށްޓަކައި، ނާމޭގެ ޓްރާންސްފާގައި އެ ދެކުޅުންތެރިން ހިމެނައި ޕީއެސްޖީއަށް އެ ދެ ކުޅުންތެރިން ދޫކޮށްލަން އުޅޭ ވާހަކަތައް ވަނީ ގަދަ ވެފަ އެވެ.

މިރޭގެ މެޗަކީ، އެތުލެޓިކޯ މެޑްރިޑުން ބާސާ އާ ގުޅުނު އެންޓްއާން ގްރީޒްމަން ބާސާގެ ޖޯޒީގައި ކުޅޭ ފުރަތަމަ ރަސްމީ މެޗަށް ވާނެ އެވެ. އަދި އަޔެކްސްއިން ގުޅުނު މިޑްފީްލޑާ ފްރޭންކް ޑި ޔޯންގް އާއި ރެއާލް ބެޓިސް އިން ގުޅުނު ވާތު ބެކް ޖޫނިއާ ފިރުޕޯވެސް ބާސާގެ ސްކޮޑްގައި ވަނީ ހިމަނާފަ އެވެ. އެހެންނަވެސް މިޑްފީލްޑާ އާތާރ މެލޯ ސްކޯޑުގައި ހިމަނާފައި ނުވާކަން ފާހަގަ ކުރެވެ އެވެ.