އަރިޓްޒް އަޑޫރިޒް، ސްޕެނިސް ލީގްގެ ފުރަތަމަ މެޗުގައި، އެންމެ ފަހުގެ ޗެމްޕިއަން އެފްސީ ބާސެލޯނާ ކޮޅަށް ވައްދާލި ހިތްގައިމު މޮޅު ލަނޑުން އެތުލެޓިކް ކުލަބު ބިލްބާއޯއިން 1-0 އިން ބާސެލޯނާ ބަލި ކޮށްފި އެވެ.
އުމުރުން 38 އަހަރުގެ އަޑޫރިޒް، ސީޒަން ފެށުމުގެ ކުރިން އިއުލާން ކޮށްފައި ވަނީ، މި ސީޒަނަށް ފަހު އޭނާ ފުޓްބޯޅަ ކުޅުން ހުއްޓާލާނެ ކަމަށެވެ. އޭނާގެ ފަހު ސީޒަންގެ ފުރަތަމަ މެޗުގައި ބާސާ ކޮޅަށް ވައްދާލި މޮޅު ލަނޑުން އޭނާއަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިދާނެ އެވެ.
މީގެ ތިން ދުވަސް ކުރިން، ބިލްބާއޯ އާއެކު ނުވަ އަހަރަށް ދިގު ދެމިގެންދާ އެއްބަސްވުމެއްގައި ސޮއި ކުރި، އިނާކީ ވިލިއަމްސްގެ ބަދަލުގައި، އަޑޫރިޒް ކުޅެން ނުކުތީ މެޗުގެ 88 ވަނަ މިނެޓްގަ އެވެ. ކުޅެން ނުކުތްތާ އެއް ވަނަ މިނެޓްގައި އަޑޫރިޒް ވަނީ އަންޑާ ކަޕާ ރޮޑްރިގޭޒް އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ބައިސްކަލް ކިކަން ބާސާގެ ގޯލްގެ ތެރެއަށް ވައްދާލާފަ އެވެ. އެ ބޯޅަ ދިފާއު ކުރުމުގައި ބާސާގެ ކީޕަރު އަންޑްރޭ ޓާސުޓެގަން އަށް ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނެތެވެ.
ބިލްބާއޯގެ މެޗަށް ބާސާއިން ކުރި ދަތުރުގައި، އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ބައިވެރި ނުކުރެ އެވެ. އެއީ އޭނާ އަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުންނެވެ. މި ސީޒަންގައި ބާސާ އާ މުޅިން އަލަށް ގުޅުނު ފޯވަޑް އެންޓްއާން ގުރީޒްމަން އާއި މިޑްފީލްޑާ ފްރޭންކު ޑި ޔޯންގް ވަނީ ކުޅެފަ އެވެ. ގްރީޒްމަން އަށް ފުރުސަތު ތައް ލިބުނު ނަމަވެސް އެދެވޭ ގޮތުގައި ބޭނުމެއް ނުކުރެވުނެވެ.
ބާސާއަށް އެންމެ ބޮޑު މައްސަލައަކަށްވީ، އެ ޓީމުގެ ސްޓައިކަރު ލުއިސް ސުއަރޭޒަށް އަނިޔާވެގެން ފުރަތަމަ ހާފުގައި ބަދަލު ކުރަން ޖެހުމެވެ. އޭނާގެ ބަދަލުގައި ކުޅެން ނުކުތީ އާންމު ގޮތެއްގައި ސެންޓްރަލް މިޑްފީލްޑަށް ކުޅޭ ރަފީނިއާ އެވެ.
ބިލްބާއޯގެ މެޗަށް، ބުރާސްފަތި ދުވަހު އެކުލަވާލި ސްކޮޑުގައި ފިލިޕޭ ކުޓީނިއޯގެ ނަން ހިމަނާފައި ވީނަމަވެސް މެޗުގެ ސްކޮޑުގައި އޭނާ ހިމަނާފައި ނުވެ އެވެ. ލޯން އެއްބަސްވުމެއްގެ ދަށުން އޭނާ ބަޔާން މިޔުނިކަށް ބަދަލުވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.