ކުޅިވަރު

ބޮޑު މެޗުގެ ކުރިން ގާޑިއޯލާގެ ތައުރީފު ސްޕާސްއަށް

ޓޮޓެންހަމް ހޮޓްސްޕާ އާ ދެކޮޅަށް މެންޗެސްޓާ ސިޓީ މިއަދު ކުޅޭ މެޗުގެ ކުރިން، ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާގެ ތައުރީފް ޓޮޓެންހަމް އަށް އޮއްސާލައިފި އެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި، މިރޭ ޓޮޓެންހަމްއާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން، ގާޑިއޯލާ ބުނީ ޓޮޓެންހަމްއަކީ ޔޫރަޕްގެ ދެ ވަނަ އަށް އެންމެ މޮޅު ޓީމު ކަމަށެވެ. ގާޑިއޯލާ އެ އިޝާރާތް ކުރީ މިދިޔަ ސީޒަންގެ ޔޫއެފާ ޗެމްޕިއަންސް ލީގްގެ ފައިނަލުގައި ޓޮޓެންހަމް ވާދަ ކުރުމުންނެވެ.

މެޑްރިޑްގައި ކުޅުނު ފައިނަލު މެޗުގައި، ލިވަޕޫލް އަތުން ބަލިވި ނަމަވެސް، ގާޑިއޯލާ ގަބޫލު ކުރާ ގޮތުގައި ޔޫރަޕްގެ އެންމެ ވަރުގަދަ ޓީމުތަކުގެ ތެރޭގައި ޓޮޓެންހަމް ހިމެނޭނެ އެވެ. މިދިޔަ ސީޒަންގެ ޕްރިމިއާ ލީގް ޓޮޓެންހަމްއިން ނިންމާލީ ސިޓީއަށް ވުރެ 27 ޕޮއިންޓް ފަހަތުން ތާވަލުގެ ހަތަރު ވަނައިގަ އެވެ.

"އެ ޓީމު ކިހާ މޮޅުތޯ، އަހަރެންގެ ބަހަކީ އަދި އަހަރެން ދެކޭ ގޮތަކީވެސް އެ ޓީމަކީ ޔޫރަޕްގެ ދެ ވަނަ އަށް އެންމެ މޮޅު ޓީމު، އެ ޓީމާމެދު ބަހެއް ބުނަން އަހަންނަށް އެވަރު ފުދޭ،" މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގްގެ ކުއާޓާ ފައިނަލުން ސިޓީ ކަޓުވާލުމަށް ފަހު ފައިނަލާ ހަމަޔަށް ދަތުރު ކުރި، ޓޮޓެންހަމް ރޭޓް ކުރާނީ ކިހާވަރަކުތޯ ސުވާލު ކުރުމުން ގާޑިއޯލާ ބުންޏެވެ.

"އަހަރެން އިންގުލެންޑުގައި މަސައްކަތް ކުރަން ފެށިފަހުން ކޮންމެ ސީޒަނެއްގައި ވެސް އެ ޓީމުން ލީގަށް ވާދަ ކުރޭ، އަހަރެން މިތާންގައި ހޭދަ ކުރި ފުރަތަމަ ސީޒަންގައި އެ ޓީމުން ނިންމާލީ ތާވާލުގެ ދެ ވަނައިގައި، އެންމެ ފަހުން ދިޔަ ދެ ސީޒަންގައި އެ ޓީމަށް ކާމިޔާބު ނުކުރެވުނަސް އެ ޓީމު ވަރަށް ވަރަށް ވަރުގަދަ، އެ ޓީމުން ކުޅޭ މެޗުތައްވެސް ވަރަށް ވަރުގަދަ."

ގާޑިއޯލާ ބުނީ، އޭނާ ކުރާ ތައުރީފަކީ ހަގީގަތެއް ކަމަށާއި، އެހެންނަމަވެސް އެ ތައުރީފް ބަލައިގަންނަން ޓޮޓެންހަމްގެ ކޯޗް މައުރީޝިއޯ ޕޮޗެޓިނޯ ބޭނުން ނުވާ ކަަމަށެވެ.

ދެ ކޯޗުންގެ ވާދަވެރި ކަމަށް ބާލާއިރު، މިދިޔަ އަހަރު ޖެނުއަރީގެ ފަހުން، ގާޑިއޯލާގެ މައްޗަށް ކާމިޔާބު ހޯދި ހަމައެކެނި ކޯޗަކީ ޕޮޗެޓިނޯ އެވެ. ގާޑިއޯލާ އިނގިރޭސި ލީގަށް އައި ފުރަތަމަ ސީޒަންގައިވެސް އޭނާ އެންމެ ފުރަތަމަ ބަލިވީ ޕޮޗެޓިނޯ އަތުންނެވެ. ވާދަވެރި މެޗެއްގައި އެންމެ ފަހު ސިޓީ ބަލި ކުރި ކޯޗަކީވެސް ޕޮޗެޓިނޯ އެވެ.

ދެ ކޯޗުންގެ ވާދަވެރިކަމުގެ ވާހަކަ ދައްކާކަށް ޕޮޗެޓިނޯ ބޭނުމެއް ނޫނެވެ. އޭނާ ބުނީ ވާދަވެރިކަމުގެ ވާހަކަ އޮންނަން ޖެހޭނީ ދެ ކޯޗުންގެ މެދުގައި ނޫން ކަމަށާއި ދެ ޓީމުގެ ދެމެދުގައި ކަަމަށެވެ.

ސިޓީ އާއި ޓޮޓެންހަމް ކުޅޭ މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 9:30 ގަ އެވެ.